ފިއޮރެންޓީނާ އާ ދެކޮޅަށް ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގައި، ރެފްރީ ނިންމި ސުވާލު އުފެދޭ ނިންމުމަކާއެކު، 2-0 މޮޅުވެ ޔުވެންޓަސް ތާވަލުގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ.
މެޗުގެ 18 ވަނަ މިނެޓްގައި، ފިއޮރެންޓީނާގެ މާކޯ ބެނާސީ، ޔުވެންޓަސްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ކުރަން އުޅުނު ބޯޅަ ޖެހުނީ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި ޔުވެންޓަސްގެ ޑިފެންޑަރު ކިއަލީނީ އަތުގަ އެވެ. ރެފްރީ ވަނީ ޕެނަލްޓީއެއް ކަމަށް ދައްކާފަ އެވެ. ނަމަވެސް އޭގެ ތިން މިނެޓް ފަހުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ބެލުމަށް ފަހު ރެފްރީ ދިނީ އޭރިއާ ބޭރުން ޔުވެންޓަސް އަށް ޖެހުމެކެވެ. ވީއޭއާރުން ދެއްކީ އެބޯޅަ ފޮނުވާލަން ބެނާސީ ދިޔައީ އޮފްސައިޑް ޕޮޒިޝަނެއްގައި ހުރެ ކަމަށެވެ.
ޔުވެންޓަސްގެ ފުރަތަމަ ލަނޑު ދެ ވަނަ ހާފު ފެށިގެން 11 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކުރީ ބާނެޑެސްކީ އެވެ. އޭރިއާ ބޭރުން ފޫޓެއްހައި ދުރުން ލިބުނު ހިލޭ ޖެހުން ބާނެޑެސްކީ ކާމިޔާބު ކުރީ ވަރަށް ހިތްގައިމު ކޮށެވެ. ބާނެޑެސްކީ،23 ސީނިއާ ކެރިއާ ފެށީ ފިއޮރެންޓީނާއިންނެވެ. އޭނާ ޔުވެންޓަސްއަށް ބަދަލުވީ މި ސީޒަންގަ އެވެ. ޔުވެންޓަސްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ގޮންޒާލޯ ހިގުއައިން އެވެ.
ފުރަތަމަ ހާފުގައި ފިއޮރެންޓީނާގެ ޑިލްޑިއާސް ވަނީ ކައުންޓަ އެޓޭކްގައި ނުރައްކާތެރި ހަމަލާއެއް އުފައްދާފަ އެވެ. އެ ބޯޅަ ޔުވެންޓަސްގެ ކީޕަރު ޖިއާންލުއީޖީ ބުފޮން އަތުގައި ނުޖެހި ދިޔަ ނަމަވެސް ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށެވެ. އަލުން އެބޯޅަ ބުފޮން ހޯދީ އެވެ.
ރޭގެ މެޗަކީ ބުފޮން ލީގްގައި ކުޅުނު 500 ވަނަ މެޗެވެ. އޭނާ ވަނީ މި ސީޒަނަށް ފަހު ރިޓަޔާ ކުރާނެ ކަން ކުރިން އިއުލާން ކޮށްފަ އެވެ. ޔުވެންޓަސް އެންމެ ފަހު ކުޅުނު 16 މެޗުގެ ތެރެއިން 15 މެޗު ނިންމާލީ ބައިކޮޅަށް ލަނޑެއް ނުވަދެ އެވެ.
ޔުވެންޓަސް އެއް ވަނައިގައި އޮތީ އިތުރަށް އެއް މެޗު ކުޅެގެންނެވެ. ދެ ވަނައިގައި އޮތް ނަޕޯލީ މިރޭ ލާޒިއޯ އަތުން މޮޅުވެއްޖެނަމަ އެ ޓީމަށް އެއް ވަނަ އަލުން ލިބޭނެ އެވެ.