ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ ކުރިއަށް ވުރެ މާ ވަރުގަދަ ރޫހެއްގައި ކަމަށް ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.
މި ސީޒަނަކީ، ރޮނާލްޑޯ އަށް އެންމެ މަދުން ލަނޑު ޖެހޭ ސީޒަނެވެ. ސީޒަންގެ ބޮޑު ބައެއް ނިމިފައިވާއރު، ސްޕެނިޝް ލީގްގައި އޭނާ އަށް ޖެހިފައި ވަނީ އެންމެ އަށް ލަނޑެވެ. ނަމަވެސް ޗެމްޕިއަސް ލީގްގައި އޭނާގެ ރޭޓް މި އަހަރުވެސް އުޅޭނީ ކުރީގަ އެވެ. ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުގައި އޭނާ ވަނީ ނުވަ ލަނޑު ޖަހާފަ އެވެ.
ލަނޑު ނުޖެހޭ މައްސަލައިގައި ރޮނާލްޑޯ އަށް އިންތިހާއަށް ފާޑު ކިޔުން އެބައޮތެވެ. ޒިދާން ބުނީ ގިނަ ލަނޑުތަކެއް ޖެހިފައި ނުވުމުން، ރޮނާލްޑޯ މިހާރު ހުރީ އާ އަޒުމެއްގައި ކަމަށެވެ.
"ފަހަރެއްގައި ވެދާނެ އެހެންވެ ކަމަށް [ގިނަ ގޯލް ނުޖެހޭތީ] އޭނާއަށް އާ ހިތްވަރެއް މިހާރު ލިބިފައިވަނީ، ކުރިއަށް ވުރެ މާ ބޮޑަށް އޭނާ ހުރީ ރޫހެއްގައި، އޭނާ ހުރީ އެކަން ސާބިތު ކޮށްދޭން ވަރަށް ވަރުގަދަ އަޒުމެއްގައި،" ރެއާލް ސޮސިއެދާދު އާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން ޒިދާން ބުންޏެވެ. "އޭނާ އަބަދުވެސް ސާބިތުކޮށްދޭ އޭނާގެ ފެންވަރު އަދި ބޮޑެތި މެޗުތަކުގައި އެކަން ވަރަށް ރަނގަޅަށް ފެނޭ."
ޒިދާން ވަނީ ޓީމުގެ އެޓޭކިން މިޑްފީލްޑާ އިސްކޯ ވިއްކާލަން ރެއާލުން މަސައްކަތް ކުރާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޖަވާބު ދީފަ އެވެ. މީޑިއާތަކުން ރޫމާސްގެ ގޮތުގައި ފަތުރާ ވާހަކަ އަކީ އިސްކޯ ވިއްކާލުމަށް ޒިދާން ރެއާލްގެ ރައީސް ފްލެރެންޓީނޯ ޕެރޭޒް ގާތު ބުނެފައިވާ ކަމަށެވެ. އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން ޒިދާން ބުނީ އިސްކޯގެ މުޅި އުމުރުގައިވެސް ރެއާލް މެޑްރިޑްގައި ހޭދަ ކުރަން އޭނާ (ޒިދާން) އެދޭ ކަމަށެވެ.
ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗް ހުއާން ލެޕޮޓެގީ ވަނީ ރެއާލް މެޑްރިޑްގައި އިސްކޯ އާއި އެސެންސިއޯ އަށް މަދުން ފުރުސަތު ލިބޭތީ ދާދި ފަހުން އެކަމާ ކަންބޮޑުވުން ފާޅު ކޮށްފައެވެ.