އުމުރުން ހަތަރު އަހަރުގެ ކްލޭރިސާ އާއި އޭނާގެ މާމަ ޑެނިސްގެ ގުޅުމަކީ ދެ ގާތް ރަހުމަތްތެރިންގެ ދެމެދުގައި އޮންނަ ކަހަލަ ގުޅުމެކެވެ. ކޮންމެ ހުކުރު ދުވަހަކު ކްލޭރިސާ މާމަ ގެއަށް ނިދަން ދާއިރު، ސުކޫލް ޗުއްޓީތަކުގައި އެކުގައި ދަތުރުތައް ވެސް ގޮސް އުޅެ އެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅޭ މާމަ، ޑެނިސް 51، މިހާރު ދަނީ "އެނިއުރިޒަމް" ކިޔާ ބައްޔެއް ތަހައްމަލު ކުރަމުންނެވެ. ކްލޭރިސާ ހުރީ މާމައަށް މި ޖެހުނު ބަލީގެ ސަބަބުން މާމަ ޑިޕްރެޝަންއަށް ގޮސްފައިވާތީ އެކަމާއި ވަރަށް ކަން ބޮޑުވެފަ އެވެ. އެ ކަންބޮޑުވުންތަކުން މާމަ ދުރުކޮށްދިނުމަށް ކްލޭރިސާ މިހާރު ވަނީ މަސައްކަތެއް ވެސް ފަށާފަ އެވެ.
"އެނިއުރިޒަމް" އަކީ ހަށިގަނޑުގެ އެތެރޭގައި ހުންނަ ގުނަވަންތައް ދުޅަވުމަށް މެދުވެރިވާ ބައްޔެކެވެ. މި ބަލީގެ ސަބަބުން މީހާގެ ދިފާއި ނިޒާމް ބަލިކަށިކޮށްލައި ހަރާކާތްތެރިވެ އުޅުމަށް އުނދަގޫވާ ގޮތްވެ އެވެ. މި ބަލިޖެހެން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ލޭގެ ޕްރެޝާ މަތިވުމާއި ކޮލެސްޓްރޯލް މަތިވުން އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހިމެނެ އެވެ.
އާންމުކޮށް މި ބަލި ޖެހޭ ގުނަވަންތަކުގެ ތެރޭގައި ސިކުނޑި އާއި ހިތާއި ގޮހޮރު ހިމެނެ އެވެ. ޑެނިސްއަށް މި ބަލި ޖެހިފައި ވަނީ އޭނާގެ ސިކުނޑިއަށެވެ.
"ކްލޭރިސާ ބޭނުންވީ މާމަ ހިތްހަމަޖައްސައި ދޭން ހާއްސަ ކަމެއް ކުރަން." ކްލޭރިސާގެ މަންމަ ފެލިސިޓީ ގްރީންފީލްޑް 23، ބުންޏެވެ. "އޭނާ މާމަ ދެކެ ވަރަށް ލޯބިވާނެ. ދެ މީހުން އެއްކޮށް ގިނަ ހަނދާންތަކެއް ވެސް ހުންނާނެ. ކްލޭރިސާއަށް ވާހަކަ ދެކެވެން ފެށީރުއްސުރެ އެންމެ ދުވަހެއްވެސް ނުދޭ ދެ މީހުން އެކުގައި ވާހަކަ ނުދައްކާ،"
ކްލޭރިސާ އާއި ފެލިސިޓީ ނިންމީ އަންނަ މާޗު މަހު މާމައަށް 52 އަހަރު ފުރޭ ދުވަހު ހަދިޔާއެއްގެ ގޮތުގައި މާމަ ދާން ބޭނުންވާ ތަންތަނުން ސިޓީތަކެއް އެއްކޮށް ފޮތެއް ހަދާފައި ދޭށެވެ.
މި ދެ މައިންނަށް އެއީ އެހާ އުނގަދޫ ކަމަށް ނުވި އެވެ. ފޭސްބުކްގައި އެ ވާހަކަ ޖަހާލުމާއެކު މިހާތަނަށް 207 ސީޓީ ލިބިފައިވެ އެވެ. ހޮންކޮންގް، ޗައިނާ، އޮސްޓްރޭލިއާ އަދި އެމެރިކާފަދަ ގައުމުތަކުން ސިޓީ ލިބިފައިވެ އެވެ.
"މަންމަ ހިތްހަމަޖައްސައިދެވޭނެ ކަމަށް އަހަރުމެން ދެ މައިން މި ތިބީ ވަރަށް އުއްމީދު ކޮށްގެން. "އެނިއުރިޒަމް" އަށް ފަރުވާކުރަން ފެށީރުއްސުރެ މަންމަގެ ހާލަތު ވަރަށް ދެރަކޮށް އުޅެނީ." ފެލިސިޓީ ބުންޏެވެ. "މިހާރު އަމިއްލަ އިހްތިޔާރުގައި ކަންތައްތައްކޮށެއް ވެސް ނޫޅެވޭ. މީހާ ހެލިފެލިވެ ނޫޅެވޭވަރަށް ހާލަތު ދަށަށް ގޮސްފައި ވަނީ."
ކްލޭރިސާ މިކަން ކުރަން ބޭނުންވީ މާމައަށް ނޭނގޭ ގޮތަށް ސިއްރުންނެވެ. އެކަމަކު ފޭސްބުކްފަދަ ޝޯޝަލް ނެޓްވޯކަން ލުމުން މި ހަބަރު މާމަ އާއި ހަމައަށް ނުގޮސްވާނެ ގޮތެއް ނުވި އެވެ. ޑެނިސްއަށް މިކަން އެނގުނަސް އޭނައަށް އަދި އެންމެ ސިޓީއެއް ވެސް ދައްކާފައެއް ނުވެ އެވެ.
"އަހަރެން މިހުރީ ވަރަށް އުފަލުން. ކްލޭރިސާފަދަ އޯގާތެރި ހެޔޮއެދޭ މާމަ ދަރިއެއް ލިބުނީތީ އުފާކުރަން. އޭނާ އާއި މެދު އަހަރެން ފަހުރުވެރިވަން." ޑެނިސް ގަބޫލުކުރަން ދަތިވެފަހުރެ ބުންޏެވެ. "އަހަރެން ނުވެސް ދަންނަ މީހުން ކާކުކަން ނޭނގޭ މީހުން އެބަ ސިޓީތައް ފޮނުވާ. އަަހަރެން ހީކުރީ މި ޒަމާނުގައި ގިނަ މީހުން އުޅޭނީ އެމީހުންގެ އަމިއްލަ ދުނިޔޭގައި މައްސޫލުވެގެން ކަމަށް. އަހަރެން ހީކުރި ގޮތާއި މުޅިން ހިލާފު. ވަރަށް އުފާވެފަ މިހުރީ."