ޑރ. މުހައްމަދު ޝައިނީ

ސައުދީން ވަޑައިގެން ޝައިނީ: "ޔޫ ވިލް ސީ"!

ސަރުކާރުން، 1 ފެބުރުއަރީގެ އަމުރު ތަންފީޒު ނުކުރުމާ ގުޅިގެން ރާއްޖެ ހަލަބޮލިވެފައި ވަނިކޮށް ބޭރުގެ ގައުމުތަކަށް ރާއްޖޭގެ މައުލޫމާތު ހިއްސާ ކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހާއްސަ މަންދޫބުން ފޮނުއްވި އެވެ. ރައީސް ޔާމީންގެ ސަރުކާރާ އެންމެ ގާތް ގުޅުމެއް އޮންނަ ސައުދީ އަރަބިއްޔާއަށް ފޮނުއްވީ، ކުރިން ވެސް އެތައް ފަހަރަކު ސައުދީއަށް ވަޑައިގެންފައިވާ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އެވެ.

ސައުދީއަށް ކުރެއްވި ދަތުރުފުޅަށް ފަހު މިއަދު ޝައިނީ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. ދަތުރުފުޅާ ގުޅޭ ގޮތުން، ޝައިނީ ވިދާޅުވީ، ސައުދީ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށެވެ. މުހިންމު ބައްދަލުވުންތަކެއް ބޭއްވުނު ކަމަށެވެ. އެއަށްފަހު ޝައިނީ ވިދާޅުވީ، "ޔޫ ވިލް ސީ" ނުވަތަ "ކަލޭމެން ބަލަން ތިބޭ" ކަމަށެވެ. މި ވާހަކަ ވެސް ދޫކޮށްލައްވާފައި ވަނީ ސިޔާސީ ހުރިހާ ބޭފުޅުން މައުލޫމާތު ބަންޑުން ކުރާ ޓްވިޓާއަށެވެ.

"ޔޫ ވިލް ސީ" އާއި "ނަވް ޔޫ ސީ" އަކީ ސިޔާސީ އެކި ކަަންކަމާ ގުޅިގެން ޝައިނީ އާންމު ގޮތެއްގައި ބޭނުންފުޅު ކުރައްވާ ދެ އިބާރާތެވެ. އެކި ފަހަރު މަތިން އައި ސިޔާސީ ހަލަބޮލިވުންތަކުގައި އެ ދެ އިބާރާތް އޭނާ ބޭނުންފުޅު ކުރައްވާފައި ވެއެވެ.

ކާމިޔާބު ބައްދަލުވުންތަކެއް ބޭއްވުނު ކަމަށާއި އޭގެ ނަތީޖާ ފެންނާނެ ކަމަށް ޝައިނީ މިއަދު ވިދާޅުވި ނަމަވެސް ސައުދީގެ އެއްވެސް ބައްދަލުވުމެއްގެ ތަފްސީލު ހިއްސާ ކުރައްވާފައެއް ނުވެ އެވެ. އެއްވެސް ބޭފުޅަކާއެކު ބޭއްވި ބައްދަލުވުމުގެ ފޮޓޯއެއް ވެސް ހިއްސާއެއް ނުކުރައްވަ އެވެ.

ރައީސް ޔާމީން މަންދޫބުން ފޮނުއްވެވީ ސައުދީގެ އިތުރުން، ޗައިނާ އާއި އިންޑިއާއަށެވެ. ނަމަވެސް ރާއްޖޭގެ މައްސަލާގައި އަ އަމިއްލައަށް އިސް ވާހަކަ ދައްކަމުން އަންނަ އިންޑިއާއިން ވަނީ ރައީސް ޔާމީންގެ މަންދޫބުން މިވަގުތު އެ ގައުމަށް ވަޑައިގަތުމަށް ދެކޮޅު ހަދާފަ އެވެ. އެހެންވެ، އިންޑިއާއަށް މަންދޫބެއްގެ ގޮތުގައި ވަޑައިގެންނެވި، ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ދަތުރު ބަދަލު ކުރެއްވީ ޕާކިސްތާނަށެވެ.

ޕާކިސްތާނުން ބުނެފައިވަނީ 1 ފެބުރުއަރީގެ އަމުރާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތައް ބަލައިނުގަންނަ ކަމަށާއި މިހާރު ރާއްޖޭގައި ހިނގަމުންދާ ކަންކަމުގެ ތެރެއަށް އެ ގައުމުން ވަންނަން ބޭނުންނުވާ ކަމަށެވެ. ޗައިނާއިން ވަނީ އެ ގައުމަށް ވަޑައިގެންނެވި މަންދޫބު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް މަރުހަބާ ކިޔާފަ އެވެ. ސައީދު ވަނީ ބައްދަލުވުންތަކުގެ ފޮޓޯތައް ވެސް ހިއްސާ ކުރައްވާފަ އެވެ. ޕާކިސްތާނުގައި މިނިސްޓަރު އާސިމް ކުރެއްވި ބައްދަލުވުންތަކުގެ ފޮޓޯތައް ވެސް ހިއްސާ ކުރެއްވި އެވެ.

އެކެއް ފެބުރުއަރީގެ އަމުރު ތަންފީޒު ނުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ގިނަ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރި އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ދޫކޮށްލުމަށް ވެސް ގައުމުތަކުން ގޮވާލި އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި އެމެރިކާ އާއި ޖަރުމަނާއި މި މައްސަލައިގެ ތެރެއަށް ވަދެ އަމިއްލަށް ގޮތްތައް ނެރެމުން އަންނަ އިންޑިއާ ވެސް ހިމެނެ އެވެ. އެ ގައުމުތަކުން ވަނީ އެކަމާ ގުޅިގެން ހަރުކަށި ބަޔާންތައް ނެރެފަ އެވެ. މީގެ އިތުރުން އީޔޫ އާއި އދ. އިން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވީ، އދ. ގެ ރަސްމީ އެޖެންޑާގެ ތެރެއަށް ރާއްޖޭގެ މައްސަލަ ވައްދަން ރެއާ ހަމައަށް ވެސް މަޝްވަރާ ކުރި ކަމަށާއި އެކަމުގައި ރާއްޖެ ދިފާއު ކޮށްދިނީ ރަޝިޔާއާއި ޗައިނާ އާއި ސައުދީ އަރަބިއްޔާއިން ކަމަށެވެ. އެ ގައުމުތަކަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިންގެ ގޮތުގައި ރައީސް ރޭ ސިފަ ކުރެއްވި އެވެ.