1 ފެބުރުއަރީގެ އަމުރު

ރާއްޖެއާ ކުޅެން އެކުވެރި ގައުމުތައް ފުރުސަތެއް ނުދޭނެ: ޝައިނީ

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާވަރުގެ ކަމެއް އެއްވެސް ގައުމަކުން ކުރަން އެކުވެރި ގައުމުތަކުން ފުރުސަތު ނުދޭނެ ކަަމަށް ފިޝަޒީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ. ޝައިނީއަކީ ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތް ބައިނަލް މުޖުތަމައަަށް ކިއުއްވައިދެއްވަން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ފޮނުއްވި މަންދޫބެއް މެއެވެ.

ރުމާލު2 ޖަގަހައިގައި ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ ޝައިނީ ވިދާޅުވީ ރާއްޖެ ކަހަލަ ކުޑަ ގައުމެއް، ގައުމެއްގެ ގޮތުގައި ދެމި އޮންނަނީ އަމިއްލަ ބާރަކުން ނޫން ކަމަށެވެ. އަދި ވިދާޅުވީ ދުނިޔޭގައި މިހާރު ކުރާ ވިޔަފާރިއަށް ބަލާ އިރު ރާއްޖެ އޮތީ ވަރަށް މުހިއްމު ސަރަހައްދެއްގައި ކަަމަށާއި އެހެންވީމާ ރާއްޖެއާ މެދު ހުރިހާ ގައުމަކުން ވެސް ވިސްނާ ކަމަށެވެ.

"އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ،ހަމަ ހުރިހާ ރައްޔިތުންނަށް ދަންނަވާލަން ޖެހޭ ވާހަކައަކީ މިރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ބުރޫ އަރާވަރުގެ ކަމެއް އެއްވެސް ގައުމަކުން ކުރުމުގެ ފުރުސަތެއް އަޅުގަނޑުމެންގެ ރަށްޓެހި ގައުމުތަކަކުން ވިޔަކަ ނުދޭނެޔޭ. އެކަން ތިޔަބޭފުޅުން ޔަގީން ކުރައްވާށޭ، މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އޭގެ ތަފުސީލަށް ވަޑައި ނުގެން، އެއީ ކޮން ގައުމުތަކެއްކަން ވިދާޅު ނުވެ، އޭނާ ވިދާޅުވީ ނުދެއްކޭނެ ވާހަކަ ހުންނާނެ ކަމަށެވެ. އެކަމަކު ވެސް ރާއްޖެއާ ކުޅެން ފުރުސަތެއް ނުދޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ދެން ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމުގެ ހިތްވަރު ދިވެހި ސިފައިންނާ ފުލުހުންގެ ވެސް އެބަ ހުރި ކަމަށެވެ.

ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާ ގޮތަކަށް ބައެއް ގައުމުތަކުން މަސައްކަތް ކޮށްފާނެ ކަމުގެ ސުވާލު މިފަހަރު އުފެދުނީ އިންޑިއާއިންް ރާއްޖެއަށް ސިފައިން ފޮނުވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވައިލެއްވުމުންނެވެ. އެމަނިކުފާނު ކުރިން ގޮވައިލެއްވީ، ސަރުކާރު ވައްޓައިލަން އުޅުއްވި ކަަަމަށް ތުހުމަތުކޮށް ހައްޔަރު ކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މިނިވަން ކުރަން ސިފައިންްނާއި އެކު އިންޑިއާއިން ސިފައިންނާ އެކު މަންދޫބެއް ފޮނުވުމަށެވެ. އެ ގޮވައިލެއްވުމާއެކު އިންޑިއާގެ ސިޔާސީ ބައެއް ބޭފުޅުން ވެސް އެބަހުސް ކުރިއެވެ. ނަމަވެސް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިއްޔެ ބުނީ އެކަހަލަ ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީކަން އިންޑިއާއިން ދީފައިވާ ކަމަށެވެ.