ހޮލީވުޑް

ވިލް ސްމިތްގެ އިންސްޓަގުރާމް ބަލައިގެން ހެވޭނެ!

އެމެރިކާގެ މަޝްހޫރު ރެޕާ އަދި ކޮމެޑިއަން / އެކްޓާ ވިލް ސްމިތަކީ މީހުން ހެއްވާލުމުގައި ވަރަށް ކުޅަދާނަ މީހެކެވެ. އޭނާ އޮފިޝަލް އިންސްޓަގުރާމްގައި ކޮށްފައި ހުންނަ ޕޯސްޓެއް ބަލާލިޔަސް ހިނިގަނޑު ފަޅައިގެންދާ ވަރުވާނެ އެވެ.

ވިލް ސްމިތް 49، އިންސްޓަގްރާމް ބޭނުން ކުރަން ފެށީ މިިދިޔަ ޑިސެމްބަރު މަހު އެވެ. މިހާތަނަށް ވިލްއަށް، އަށް މިލިއަނަކަށް ވުރެ ގިނަ ފޮލޮވާސް ލިބިފައިވެ އެވެ. އޭނާއަކީ ނަަން މަޝްހޫރު ތަރިއަކަށްވެފައި ފޮލޮވާސްގެ މި އަދަދަކީ އެހާ ހައިރާންވާ ވަރުގެ އަދަދަކަށް ނުވެދާނެ އެވެ.

ވިލް އިންސްޓަގްރާމް ބޭނުން ކުރަނީ އެހެން މަޝްހޫރު ތަރިންހެން އެ މީހުން ދާ ތަންތަނާއި އިވެންޓުތަކާއި ސެލްފީ އަދި ކާއެއްޗެހީގެ ފޮޓޯ ނޫނީ ވީޑިއޯ އަޅާކަށެއް ނޫނެވެ. ތަފާތު ވީޑިއޯތަކާއި ފޮޓޯތައް ބޭނުން ކޮށްގެން އޭނާ މީހުން ހެއްވަނީ އެވެ.

އެންމެ ފަހުން ވިލް ޕޯސްޓުކުރި ވީޑިއޯތަކުގެ ތެރެއިން އެންމެ ވައިގަ ހިފި ވީޑިއޯއަކީ އޭނާގެ ދަރިފުޅު ޖޭޑެން ކިޔާފައިވާ "އައިކޮން" ލަވައިގެ ޕެރޮޑީ ލަވައެއް ވިލް އެކްޓުކޮށްފައި ޝެއާކުރި ވީޑިއޯ އެވެ. ވިލް އެ ވީޑިއޯ ޕޯސްޓުކުރީ ދަރިފުޅުގެ އެ ލަވައަށް ސްޕޮޓިފައި އިން 100 މިލިއަން ފަހަރު ސްޓްރީމްކޮށްފައި ވާތީ އޭނާއަށް މަރުހަބާ ކިޔުމުގެ ގޮތުންނެވެ.

"މެން އިން ބްލެކް" ފިލްމުން ވިދާލި ވިލް، އިންސްޓަގުރާމް ބޭނުން ކުރަން އުޅޭކަން އިއުލާނުކުރީ އެލެން ޝޯގަ އެވެ. ވިލް މިހާރު އޭނާގެ ޔޫޓިއުބު ޗެނަލްގައި ވީލޮގިން ވެސް ކުރެ އެވެ. މައުލޫމާތުން ފުރިގެންވާ ބޭނުންތެރި ވީޑިއޯތައް އޭނާ ޝެއާ ކުރަމުންދެ އެވެ. ވިލްގެ ޔޫޓިއުބް ޗެނަލްއަށް މިހާތަނަށް ފަސްސަތޭކަ ހާހަށްވުރެ ގިނަ މީހުން ސަބްސްކްރައިބުކޮށްފައިވެ އެވެ.

ޔޫޓިއުބުގައި ޝެއާކޮށްފައިވާ ވީޑިއޯތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ވީޑިއޯ އަކީ "ވަން ތިންގް އާނޯލްޑް ޓޯލްޑް މީ ދެޓް އައިވިލް ނެވާ ފޮގެޓް" އެވެ.