ބޭރު ކުޅިވަރު

ހެރީ ކޭންގެ ގޯލާއެކު ޓޮޓެންހަމް ގަދަ ހަތަރަކަށް

ޕްރިމިއާ ލީގުގައި އާސެނަލް 0-1 ބަލިކޮށް ޓޮޓެންހަމް ލީގު ތާވަލްގެ ތިން ވަނަ މަގާމަށް ޖެހިލައިފި އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ 49 ވަނަ މިނިޓުގައި ހެރީ ކޭން އެވެ.

ތިން ވަނަ މަގާމުގައި ޓޮޓެންހަމް މިހާރު އޮތީ 27 މެޗުން ލިބުނު 52 ޕޮއިންޓާއެކު އެވެ. މިމެޗުގެ ނަތީޖާ އާއެކު އާސެނަލް މިހާރު އޮތީ ހަ ވަނަ މަގާމުގައި 45 ޕޮއިންޓާއެކު އެވެ. މެޗުގައި ޓޮޓެންހަމްގެ އެރިކްސަން، ޑެލީ އަލީ، ލަމެލާ އަދި ޓްރެޕިއާއަށް ނަތީޖާ ފުޅާ ކޮށްލުމަށް ރަނުގެ ފުރުސަތުތަކެއް ލިބި ބޭކާރު ވެގެންދިޔަ އެވެ.

ޓޮޓެންހަމްގެ ކުޅުންތެރިންނަށް ލިބުނު ހުސް ފުރުސަތުތަކުގެ ހުރަހަކަށްވީ އާސެނަލްގެ ކީޕަރު ޕީޓާ ޗެކް އެވެ. ޗެކްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ޗެކް އާއި ހިލާފަށް އާސެނަލްގެ މެސަޓް އޮޒިލް އަދި ހެންރިކް މިކިޓާރިއަންގެ ފަރާތުން ފެނުނު ކުޅުމަށް ގިނަ އިނގިރޭސި މީޑިޔާ ތަކެއްގެ ފާޑުކިޔުން ވަނީ އަމާޒު ވެފަ އެވެ.

މެޗުގައި ކޭން ޖެހި ލަނޑަކީ އަރިމަތިން ބެން ޑޭވިސް ނަގައިދިން ހުރަހެއް ބޮލުން ގޯލްގެ ދުރު ކަނަށް ފޮނުވާލައިގެން ކޭން ޖެހި ލަނޑެކެވެ. މިއީ ކޭން މިސީޒަނުގައި ޖެހި 23 ވަނަ ލަނޑެވެ. ޒުވާން އުމުރުގައި އާސެނަލްގެ އެކަޑެމީއިން ފުރުސަތު ނުދިން ކޭން ވަނީ އޭނާ އާސެނަލް އާއި ދެކޮޅަށް ލީގުގައި ކުޅުނު ހަތް މެޗުގައި ހަތް ގޯލް ޖަހާފަ އެވެ.

މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ އާސެނަލްއަށް މެޗު ނިމެން ގާތް ވެފައިވަނިކޮށް ނަތީޖާ އެއްވަރުކޮށްލުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ފޯވާޑް ލަކަޒެޓްއަށް ލިބުނު ފުރުސަތު އޭނާ ވަނީ ބޭކާރު ކޮށްލާފަ އެވެ.