މާވެލް ސިނެމެޓިކް ޔުނިވާސްއަށް 10 އަހަރު ފުރުން ފާހަގަ ކުރަން ގިނަ އަދަދެއްގެ އެކްޓަރުންނާއި ފިލްމު ހަދާ ފަރާތްތަކުން ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.
ފާއިތުވި 10 އަހަރު ތެރޭގައި މާވެލްއިން 18 ފިލްމެއް ގެނެސްދިނެ ވެ. އެންމެ ފުރަތަމަ ގެނެސްދިނީ 2008 ގައި ނިކުތް "އަޔަން މޭން" އެވެ. އެއަށްފަހު "ތޯރް" އެވެންޖާސް އަދި "ކެޕްޓަން އެމެރިކާ" ފަދަ ފިލްމުތައް ގެނެސްދީފައިވެ އެވެ.
މާވެލް އިން 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން މާވެލް ފިލްމުތަކުގެ ކާސްޓުންނާއި ފިލްމުތައް ހަދާ ފަރާތްތަކާއެކު ނަގާފައިވާ ފޮޓޯއަށް މިހާރު ވަނީ ގިނަ ބައެއް ސަމާލުކަން ދަމައިގެންފަ އެވެ. އެހާ ގިނަ އަދަދެއްގެ ތަރިން އެއްކޮށް އެއް ފޮޓޯއަކުން ފެނުނު މީ ފުރަތަމަ ފަހަރުވެސްމެ އެވެ.
އެ ފޮޓޯގައި މާވެލްގެ 79 އަކަށްވުރެ ގިނަ އެކްޓަރުންނާއި ފިލްމު ހަދާ ފަރާތްތައް ފެނިގެން ގޮސްފައިވެ އެވެ. މި ފޮޓޯގައި މަޝްހޫރު އެކްޓަރުން ކަމަށްވާ ކްރިސް ޕްރެޓް އާއި ޗެޑްވިކް ބޮސްމެން އާއި ވިން ޑީސެލް އަދި ސްކާލެޓް ޖޮހާންސަންފަދަ އެކްޓަރުން ފެނިގެން ގޮސްފައިވެ އެވެ. މާވެލް އިން ވަނީ މި ފޮޓޯގެ މޭކިން ވީޑިއޯއެއް ވެސް ޓުވިޓާގައި ޝާއިއުކޮށްފަ އެވެ.
މާވެލްގެ ފިލްމަކަށް މިއަަހަރު އެންމެ ފުރަތަމަ ނިކުތީ މިދިޔަ މަހު ފަހުކޮޅު ރިލީޒްކުރި "ބްލެކް ޕެންތާ" އެވެ. ބްލެކް ޕެންތާއަށް ދަނީ ކްރިޓިކުންނާއި އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންނެވެ. މާވެލް އިން މިއަަހަރު ރިލީޒްކުރާނެ އިތުރު ފިލްމުތަކުގެ ތެރޭގައި "އެވެންޖާސް: އިންފިނިޓީ ވޯ" އާއި "އޭންޓް-މޭން އެންޑް ދަ ވަސްޕް" އާއި "ވެނޮމް" އަދި "ޑެޑްޕޫލް 2" ހިމެނެ އެވެ.