ވާހަކަ

ބުނެދޭށޭރުހެމޭ

(8 ފެބްރުއަރީ 2018 އާ ގުޅޭ)
"ދިސް އިސް ނޮޓް މައިން" އިރުކޮޅަކު ވިސްނަން އިނދެފައި އަމިއްލަ މީހާއާ މުޚާޠިބުކޮށް ނިމްރާ މަޑުމަޑުން ބުނެލިއެވެ.

ހަނދާން ކުރުމަށް ޓަކައި ސިކުނޑިއަށް ބާރެއް ނުލިއެއްކަމަކު ކުއްލިއަކަށް ނިމްރާގެ ލޯ މައްޗަށް މަންޒަރުތައް ސިފަވަމުންދިޔައެވެ. ސައިކަލުގެ ބުރެކި ނުޖެހި ކޮންޓްރޯލުން ނެއްޓިގެން ދަނީކަން އެނގުނު ހިނދު ކުރިމަތީ ހުއްޓުން އަރާފައި ހުރި އަންހެންކުއްޖާ ކޮއްޕާލަން ނިމްރާ މަސައްކަތް ކުރިއެވެ. އެއްލި އަތުން ހިފުނީ އެ އަންހެންކުއްޖާ އަޅާފައި ހުރި ޝޯލްގެ ބަޔަކާއެކު ކަރުގައި އޮތް ފަށުގައެވެ. އެއްފަރާތަށް ދަމައިގަތް ނަމަވެސް ނިމްރާއަށް މާބޮޑުކަމެއް ނުކުރެވުނެވެ. ހިތްއަވަސްވެފައި އިންވަރުން މުއްގަނޑުގައި ހިފާ ރޭސް ކުރެވުނީ ބޭއިޚްތިޔާރުގައެވެ. އެކަން ކުޑަކޮށް ވެސް ނޭނގި އިނދެއެވެ. އަތަށް އައި ފަށާމެދު ވިސްނުން ހިންގޭވަރު ނުވަނީސް ކަހާލައިގެން ސައިކަލާއެކު ނިމްރާ ވެސް ވެއްޓުނީއެވެ.

ބޮލުގައި ދެއަތުން ހިފަހައްޓާލުމާއެކު ނިމްރާ ދެފަރާތަށް ބޯހޫރުވަން ފެށިއެވެ. އެކްސިޑެންޓުގެ މަންޒަރުތައް ސިކުނޑިން ނެރެލަން އޭނާ ބޭނުންވިއެވެ.

"އޭނާ މަރުވީ... އޭނާގެ ބޭބީ ވެސް މަރުވީ..." ނިމްރާގެ ސިކުނޑި އިތުރު ކަމެއް ހަނދާންކޮއްދިނެވެ. އެއާއެކު ދެ ލޯ މަރާ ތަގުޅިކުރަން ފެށިއެވެ. އިނގިލިތައް ހުރީ އިސްތަށިގަނޑުގެ ތެރެއަށް މަހާލެވިފައެވެ. ބޮލުގައި ރިއްސާއިރު ހީވަނީ ނާށިގަނޑު ފަޅާ ސިކުނޑި ނުކުމެދާނޭ ހެންނެވެ. ބާރުކުރަމުން ދިޔަ ދެ ލޮލުން ކަރުނައިގެ އަސަރު ފާޅުވެގެން ދިޔައެވެ. ދެ ދަތްޕިލާ ޖައްސާ ބާރުކޮށްލައިގެން އިރުކޮޅަކު އިނުމަށްފަހު ކައިރީގައި އޮތް ބާލީސް ނަގާ ދެއަތުން ބާލީސް ގެނެސް މޫނުގައި އަޅައި ބާރަށް ހިފަހައްޓާލިއެވެ. އެއާއެކު އަޑުގެ ނެއްތަނަށް ނިމްރާ ހަޅޭލަވަންފެށިއެވެ. އަރުތެރެ ހިކި އަޑު ތާށިވެ ކޮށި އަރަންދެން ނިމްރާ ހަޅޭލެވިއެވެ. އެއަށްފަހު އެ އަޑު ރުއިމަށް ބަދަލުވެ ގިސްލެވިއްޖެއެވެ.

"ލައިފްގެ ހުރިހާ ކަމެއް ގޯހުން ގޯހަށް ދާނީ މިވަރަށް... މާމައަށް ހުރިހާ ކަމެއް އެނގުނީމާ ވާނޭ ގޮތެއް ވެސް ނޭނގެ. އެކަމަކު މާމަ ކައިރީ ނުބުނެއެއް ވެސް ދެން ނުވާނެ. ކާފަގެ ބުރަ މަސައްކަތުގެ ފައިދާ ނުފެނި ދެއަތް ފޮޅާލަން މިޖެހުނީ އަހަރެންގެ ސަބަބުން... އިޓްސް އޯލް މައި ފޯލްޓް" އަރިއަކަށް ބާލީހުގައި ބައްދާލައިގެން ކުރުގެޅިގެން އޮތް ނިމްރާ ވާހަކަދެއްކިއެވެ.

"އަހަރެން ދުވަހަކުވެސް މާނުއަށް މަޢާފެއް ނުކުރާނަން. ދުވަހަކުވެސް ނުކުރާނަން" ދެ ތުންފަތް ފިއްތާބާރުކޮށްލައިގެން އޮވެ އަމިއްލަ ހިތާއި ޟަމީރަށް ނިމްރާ ވަޢުދުވިއެވެ.

އިޝާ ނަމާދުކޮށްލައިގެން ކޮޓަރިން ނުކުތް ގޮތަށް ރަޒިއްޔާ އައިސް ނިމްރާގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އަލިކަމެއް ނެތް އެ ކޮޓަރި ފެނިފައި ރަޒިއްޔާ ހާސްވެ ކަންބޮޑުވިއެވެ. އެތައް ފަހަރަކު ވަދެ ނުކުމެ ހަދާ ކޮޓަރިއަކަށް ވާތީ އަނދިރީގައި ވެސް ކޮޓަރީގައި ހުރި ސުވިޗު ހޯދަން ރަޒިއްޔާއަށް އުނދަގުލެއްނުވިއެވެ. ސުވިޗު ޖައްސާލުމާއެކު ހުދު އައްޔަކުން މުޅި ކޮޓަރިތެރެ އަލިވެގެން ދިޔައެވެ. އެއާއެކު އެނދުގައި ކުރުގެޅިގެން ކަނާއަތް މަތީ ބާލީސް ބާއްވާލައިގެން އޭގައި ބޯއަޅާލައިގެން ނިމްރާއަށް ނިދިފައި އޮތްތަން ރަޒިއްޔާއަށް ފެނުނެވެ. މަޑުމަޑުން އައިސް މާމަ ދަރިފުޅު ގާތުގައި މަޑުކޮށްލިއެވެ. ނިދާފައި އޮތް އިރު ވެސް އެ ދެ ލޮލުގައި ކަރުނައިގެ އަސަރު ވިއެވެ. ރޮއެރޮއެ އެ ދެ ލޮލުގައިވާ ދުޅަކަމާއި ރަތްކަން ކުޑައެއް ނުވެއެވެ.

"މިޢުވާނަށް ގުޅާފައި ބުނަންވީ ކަންނޭނގެ. އެކަމަކު އޭނާ މިގެއަށް ވަންނާކަށް އަހަރެން ބޭނުމެއްނޫން. އަނެއްކޮޅުން ނިމްރާ ހިތްހަމަޖެހޭނެ އޭނާ އަތުވެއްޖެއްޔާ. އެވެސް އަހަރެން ގުޅާފައި މިޢުވާނު މިގެއަށް ގެނައިކަން އެނގިއްޖެއްޔާ" ނިމްރާއާއި މިޢުވާނާ ދެމެދު އޮތް ގުޅުން ރަޒިއްޔާއަށް އެނގެއެވެ. އޭނާ ކިތަންމެ ނުރުހުނަސް ނިމްރާގެ ހިތްހަމަޖެހުމަށް ޓަކައި ކޮންމެ ކަމެއް ވެސް ކުރާން ބޭނުންވެއެވެ.

އެނދުގެ މަގަތުގައި އިށީނދެ މަޑުމަޑުން ނިމްރާގެ ބޮލުގައި ރަޒިއްޔާ ފިރުމާލިއެވެ. ރަޒިއްޔާގެ ކުޑަކުޑަ ބީހުމަކާއެކު ވެސް ނިމްރާ ދިޔައީ ސިއްސައިގެންނެވެ. ފުންމައިގެން ތެދުވެ އެނދުގައި އޭނާ އިށީނެވެ.

"މީ މާމައޭ... ނިމްރާ!" ރަޒިއްޔާ އަވަސް އަވަހަށް ބުނެލިއެވެ. ގާތުގައި އިން ރަޒިއްޔާގެ މޫނަށް ބަލަން އިނދެ ނިމްރާ މަޑުމަޑުން ބޯޖަހާލިއެވެ. އޭނާގެ ލޮލާ ވަގުތުން ނިދި ވަކިވެ ހިނގައްޖެއެވެ.

"ކާންވީނު؟ މާމަ މިރޭ މާބޮޑު އެއްޗެއް ނަހަދަން. ނޫޑުލިސްކޮޅެއް ހެދީ... ކާލައިގެން އައިސް ދެން އޮންނާނީ. ހަވީރު ސައި ވެސް ބުއީ ވަރަށް ކުޑަކޮށް" ރަޒިއްޔާ މިހެން ބުނުމާއެކު ނިމްރާ ދެކޮޅު ހެދުމެއް ނެތި އެއްބަސްވިއެވެ.

"ފާޚާނާއަށް ވަދެލާފައި އަޅުގަނޑު ދާނަން" ނިމްރާ މަޑުމަޑުން ބުނެލިއެވެ.

ރަޒިއްޔާ އެ ކޮޓަރިން ނުކުމެގެން އައިސް ވަނީ ބަދިގެއަށެވެ. ނޫޑުލިސް ކައްކާފައި ހުރި ތެލީގެ މަތި ނެގުމާއެކު އާވި އަރައިގަތެވެ. އޭނާ ދެ ތަށްޓަށް ނޫޑުލިސް އަޅައި ބަދިގެ ތެރޭގައި ހުރި ކާމޭޒުމަތީ ބެހެއްޓިއެވެ. އައިސްއަލަމާރިން ފިނިފެންފުޅިއެއް ނަގައި ނިމްރާއަށް ޖޫސްތަށްޓެއް ހެދިއެވެ. އެކަމުގައި އޭނާ އުޅެނިކޮށް ގިނައިރެއްނުވެ ނިމްރާ އަތުވެއްޖެއެވެ. ކާމޭޒު ދޮށުގައި ރަޒިއްޔާއާއެކު ނިމްރާ އިށީނެވެ. އެއްގޮތަކަށް ވެސް ކާހިތެއް ނިމްރާ ނެތެވެ. އެހެންވިޔަސް ރަޒިއްޔާގެ ހިތް ރުއްސުމަށް ޓަކައި ނުކައެއް ވެސް ވާކަށް ނެތެވެ. މާމައަށް ބަލާލާލުމާއެކު ރަޒިއްޔާ ލޮލުން އިޝާރާތްކޮށްލީ ކާންފަށާށޭ ބުނާ ފަދައިންނެވެ. ލަސްލަހުން އެތިކޮޅެއް ކެވޭތޯ ނިމްރާ ބެލިއެވެ. ގަދަކަމުންނެވެ. ކޮންމެ އެތިކޮޅެއް އަނގަޔަށް ލަމުން ރަޒިއްޔާއަށް ބަލާލައެވެ.

* * * *

މޭޒު ދޮށުގައި ހުސްކޮށް ހުރި ގޮނޑިއަށް އަރްސަލްގެ ނަޒަރު ހުއްޓިފައި ވަނިކޮށް ކީފާ ގޮވާލިއެވެ. އެއާއެކު ރާދިންގެ ނަޒަރު ވެސް ކީފާއަށް ހުއްޓިއްޖެއެވެ.

"ކުޑަކޮށް ހޫނުކޮށް ހުއްޓާ ކެއީމަ މީރުވާނީ" ކީފާ ބުންޏެވެ. އޭނާގެ ބޭނުމަކަށްވީ އަރްސަލްގެ ޚިޔާލުތައް އެހެން ދިމާއަކަށް އަނބުރާލުމެވެ.

"ލޫންގެ ބައްޕައާއި މަންމަ ތިބީ އަހަރެންދެކެ ނުރުހިފައި. ދޭ ބްލޭމް މީ... އަހަންނަށް އެނގޭ. އެ މީހުންގެ ދަރިފުޅު ގެއްލުނީ އަހަރެންގެ ސަބަބުން" އަރްސަލް ކާން އިން ތަށީގެ ތެރެއަށް އޫ ދޫކޮށްލީ އިތުރަށް ކާން ބޭނުންނުވާކަން ހާމަކުރާ ފަދަ ގޮތަކަށެވެ.

"ޒުހޫރުބެ ބްލޭމެއް ނުކުރާނެ އަރްސަލްއަކަށް... އެ މީހުން ވެސް އެ ތިބީ ޝޮކުގައި. ވަކިވެގެން އެ ދިޔައީ އެ މީހުންގެ ދަރިފުޅަށްވާއިރު އެއީ އަރްސަލްގެ އަނބިމީހާއާއި ދަރިފުޅު، ކުރިއަށް ވާން ހުންނަ ކަންކަން އެކަކަށް ވެސް ނޭނގޭނެ. އެހެންވީމަ އެކަހަލަ ކަންކަމާ މީހުންނަށް ބްލޭމެއް ނުކުރެވޭނެ. ލޫންއަށް އެހެންވާނޭކަން އެނގޭނަމަ އަރްސަލް ވެސް ވަކި އޭނާ ދިޔަކަނުދިނީސް. ސޯ ސްޓޮޕް ބްލޭމިން ޔޯ ސެލްފް" ރާދިން ހަރުކަށި ގޮތަކަށް ބުނެލިއެވެ. އަރްސަލް އަމިއްލައަށް ލޫންގެ މަރުގެ ޒިންމާ ބޮލުގައި އަޅާތަން ދުށުމަށް އެއްގޮތަކަށް ވެސް ރާދިން ބޭނުމެއްނުވެއެވެ. ލޫންގެ މަރަކީ އެއްވެސް މީހެއްގެ އަތުގައި އޮތް ކަމެއް ނޫނެވެ.

"އެހެންނޫންނަމަ ބައްޕަ މިގެއަށް އަންނާނެ. ނޫނީ އަހަރެން ގާތު ލޫންގެ އެއްޗެހި ގެނެސްދޭން ބުނާނީ... ކީއްކުރަން މީހަކު ފޮނުވަނީ ލޫންގެ އެއްޗެހި ބަލާ. ސަހަރާއިން ނުކުމެގެން ދިޔައީ ވެސް އަހަންނާ އަނގައިން ބުނުމެއްނެތި. އޭގެ ފަހުން ހަމައެކަނި ގުޅާލީ ލޫންގެ އެއްޗެހި ފޮނުވާށޭ ބުނަން... ލޫންއާ ނުލާ އަހަރެން އުޅޭނީ ކިހިނެއްތޯ އެނގެން ބައްޕަ ބޭނުމެއްނުވި" އެކުވެރިންގެ ކުރިމަތީ އަރްސަލްގެ ހިތުގައި އޮތް ޝަކުވާ ފާޅުކުރިއެވެ.

"ޒުހޫރުބެއަށް އަހަން ނުކެރުނީކަމަށް ވެސް ވެދާނެ. ތިހާ އަވަހަށް އަދި ގޮތެއް ނިންމާކަށް ނުވޭ. ޒުހޫރުބެ އެހެން ބުންޏަސް އަރްސަލެގެ ވައިފް ލޫންއަކީ. އޭނާގެ އެއްޗެހި ހިފައިގެން އަރްސަލްއަށް އެގެއަށް ދެވިދާނެއެއްނު. ޒުހޫރުބެ ކުރިމައްޗަށް އަރްސަލްއަށް އެރިދާނެއެއްނު... އަހަރެން ނުބުނަންތަ އަނެކާގެ ހިތުގައިވާ އެއްޗެއް އޭނާގެ ގާތުގައި ނާހާ ހާ ހިނދަކު ނޭނގޭނެއޭ. އަމިއްލައަށް ހީވާ ގޮތާ މުޅިން ޚިލާފަށް ވެސް ކަންތައް ވެދާނޭ... ސޯ ލެޓްސް ގޯ އެންޑް މީޓް" ރާދިން ދެން ވެސް ބެލީ އެކުވެރިޔާއަށް ވިސްނައިދެވޭތޯއެވެ. ހިތްނުތަވަނަސް ވާނޭ ފަދަ ޚިޔާލުތައް ކުރިއަ ނުދޭށެވެ.

"މިހާރު ގޮސް ކުރިމައްޗަށް އަރާކަށް ނުކެރޭނެ... ރާދު! މިވަގުތު އެއްވެސް ކަމެއް ކުރާން އަހަރެންގެ ގާތުން ނޭދޭ" އިސްޖަހާލައިގެން އިނދެ އަރްސަލް ބުނެލިއެވެ. ނަމަވެސް ރާދިންއަށް އެގޮތް ކަމަކު ނުދިޔައެވެ. ކީފާ ވެސް ބުރަވީ ރާދިންގެ ކޮޅަށެވެ.

* * * *

"މިޢުވާނަށް ގުޅާފައި ދަރިފުޅު ބުނެފިންތަ؟ އޭނާއަށް އެނގޭތަ؟" އިސްޖަހާލައިގެން އުލުން ނޫޑުލިސް ތަށި ހާވާލަހާވާލާ އިން ނިމްރާއަށް ބަލާލާފައި ރަޒިއްޔާ އަހާލިއެވެ. އެއާއެކު ސިހިފައި ރަޒިއްޔާއަށް ބަލާލެވުނު ނިމްރާގެ ދެ ލޯ ބޮޑުވެ މޫނު ހުދުވެގެން ދިޔައެވެ.

"ކިހިނެއްވީ؟ އޭނާ ގާތުގައި ނުބުނަންތަ ތި އިނީ" ނިމްރާއަށް ވީގޮތުން ރަޒިއްޔާ ލަފާކޮށްލިއެވެ. އިތުރަށް މޫނުގެ ކުލަވަރުން ރަޒިއްޔާއަށް ކަމެއް އެނގިދާނޭތީވެ ނިމްރާ އަލުން އިސްޖަހާލީ ބޯޖަހާލަމުންނެވެ. ރަޒިއްޔާގެ ސުވާލަށް ޖަވާބުދޭށާ އެކީއެވެ.

"މާމަ ބޭނުމެއްނޫން ދެން ދަރިފުޅު ބޭރަށް ނުކުންނާކަށް... އިހަށް ދުވަސްކޮޅަކު ގޭގައި މަޑުކޮށްލާ... ނިމްރާ!... މާމައަށް ރަނގަޅީ އެ މިޢުވާނާ ބައްދަލުކުރަން ވެސް މިގެއަށް ގެނައްޔާ... މާމަގެ މައްސަލައެއްނެތް. އެކަމަކު ދެ ކުދީން ތިބެންވާނީ ސިޓިންރޫމުގައި... އިނގޭ" ރަޒިއްޔާގެ ވާހަކަތައް އިވިފައި ނިމްރާގެ މޭގައި ރިހުމެއް އުފެދިގެންދިޔައެވެ. އިހުނަށްވުރެ ބޮޑަށް އިސްޖަހާލިއެވެ. ދެބުމަ ކައިރިކޮށް ދެ ތުންފަތް ޖައްސާ ބާރުކޮށްލިއެވެ. ހަޤީޤަތް ހާމަކުރަން އަމިއްލަ ޟަމީރު ބުނަމުންދިޔައެވެ. ޚުދު ނިމްރާ ވެސް ތެދުތެދަށް މިޢުވާނުގެ މަކަރުވެރިކަމުގެ ވާހަކަ ރަޒިއްޔާއަށް ކިޔައިދޭން ބޭނުމެވެ. ނަމަވެސް އެ ހިތްވަރެއް ނިމްރާއަކަށް ނުލިބުނެވެ.

ރަޒިއްޔާ ދެއްކި ވާހަކައަށް ނިމްރާ އެއްޗެއް ނުބުނެ އިނެއްކަމަކު އޭނާ ދެއްކި ވާހަކަ ނިމްރާ އަޑުއެހިކަން އެނގެއެވެ. އޭނާގެ ބަސް ޤަބޫލުކުރާނޭކަން ރަޒިއްޔާއަށް ޔަގީންވާތީ އޭނާ އިތުރު ސުވާލުތަކެއް ނުކުރެއެވެ. މޭޒުމަތީ ހުރި ތަށިތައް ރަޒިއްޔާ ނަގާ ހަދަންދެން ނިމްރާ މަޑުކުރުމަށްފަހު އޭނާ ތެދުވިއެވެ.

"ކޮޓަރިއަށްތަ ތި ދަނީ؟ ބޭސް ކައްޗޭ ހަނދާންކޮއް... އަން! މި ފެންފުޅި ހިފައިގެންދޭ" ރަޒިއްޔާ ދިއްކޮއްލި ފެންފުޅީގައި ނިމްރާ ހިފީ ދެ އަތުންނެވެ. މޭގައި ފެންފުޅި ބޮނޑިކޮށްލައިގެން ކަހަލަ ގޮތަކަށް އޭނާ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

* * * *

ރާދިންއާއެކު ކާރުގައި އަރްސަލް ނުކުތެވެ. ލޫންގެ ހުރިހާ އެއްޗެއް ފޮށްޓަކަށް އަޅައި އެ ހިފައިގެންނެވެ. އެ މީހުން މާލެ ދާން ދިއުމުގެ ކުރީން ކީފާގެ ބައްޕައަށް ލިބިފައި ހުރި ފްލެޓް ދޮށަށް މަޑުކުރިއެވެ.

"މާދަން މޯނިންގަ ނުދެވުނަސް ހަވީރު ޑިއުޓީ ނިންމާފަ އައިސް ދާނަން" ކާރުގެ ކުރީ ދޮރުފަތުގެ ބިއްލޫރި ގަނޑުގައި ކީފާ ޓަކި ޖަހާލުމުން ރާދިން ބިއްލޫރިގަނޑު ތިރިކޮއްލާއިރަށް ކީފާ ބުނެލިއެވެ.

"ތޭންކްސް" ކީފާ ހުއްޓި ހުރި ފަރާތުގައި ކާރުގައި އިނީ އަރްސަލް ނަމަވެސް ޖަވާބު ދިނީ ރާދިންނެވެ.

"ޔޫ ޓޭކް ކެއާ" ދިއުމުގެ ކުރީން އަރްސަލްގެ ކޮނޑުގައި އަތްޖައްސާލާފައި ކީފާ ބުނެލިއެވެ. އަރްސަލް ހަމައެކަނި ބޯޖަހާލީއެވެ.

"ބާއި، ގުޑް ނައިޓް" ކީފާ އެނބުރިލިއެއްކަމަކު ރާދިން ބުނެލިއެވެ. އަދި ކާރު ދުއްވާލިއެވެ.

ހުޅުމާލެއާއި މާލެއާ ދެމެދު އަޅާފައި އޮތް ދިގު ފާލަން ހުރަސްކޮށް މާލޭގެ މަގުތަކަށް ކާރު ނުކުތެވެ. ރޭގަނޑު އެގާރަ ޖަހަން އުޅެނީއެވެ. އަރްސަލްގެ އެދުމަށް ލޫންގެ ބައްޕަ ޒުހޫރަށް ރާދިން ގުޅީއެވެ. ލޫންގެ އެއްޗެހި ހަވާލުކުރަން އެ މީހުން އެބަދަން ކަމުގައި ބުނެއެވެ. އަރްސަލް ވަނީ އޭނާގެ އަންހެނުން ބޭނުންކުރި ހެދުމާއި އެހެނިހެން ސާމާނު ވެސް ފޮށްޓަށް އަޅާފައެވެ. އޭނާގެ އަތުގައި ހަމައެކަނި ބޭއްވީ ލޫންގެ އިނގިލީގައި އެމީހުންގެ ކައިވެންޏަށް ވެގެން އެޅުވި އަލިމަހުގެ ރަންއަނގޮއްޓިއެވެ. އެ ނޫން ހުރިހާ އެއްޗެއް ލޫންގެ ބައްޕަގެ އެދުމަށް ހަވާލު ކުރަނީއެވެ. އެ މީހުން އެ ތަކެއްޗަށް ހަދަނީ ކިހިނެއްތޯ އެނގޭކަށް އަރްސަލް ބޭނުމެއް ވެސް ނުވެއެވެ. ކީފާ ބުނި ފަދައިން އޭނާގެ އަތުގައި އޮތް އެންމެ އަގުބޮޑު އެއްޗަކީ ލޫންގެ ހަނދާންތަކެވެ. އެ ހަނދާންތަކާ އޭނާ ދުވަހަކު ވެސް ވަތްކެއް ނުކުރެވޭނެއެވެ.

ރަތްދެބައިމަގަށް އަރްސަލްއާއި ރާދިން ވަނީ ދުރުގައި ކާރު ފާކުކުރުމަށްފަހު ހިނގާފައި އައިސް އެވެ. އެ މަގަކީ ކާރެއް ޕާކު ކުރާނޭހާ ތަން އޮންނަ މަގެއް ނޫނެވެ. ރޭގަނޑުގެ އެ ވަގުތު ވެސް ދުއްވާ އެއްޗިއްސާ ހެދި މަގުމަތި ފެންނަނީ ތޮއްޖެހިފައި އޮތް ތަނެއް ހެންނެވެ. ހިމަހިމަ ދުވާރު މަތިން ހިނގާފައި ދެވަނީ ފަހަރަކު މީހަކަށެވެ. އުސްކޮށް ހަދާފައި ހުރި އިމާރާތުގެ ކައިރަށް ހުއްޓި މަގުމަތިން އެތެރެއަށް ވަންނަން ހުރި ދޮރޯށްޓާ ހަމައަށް އަރަން ހުރި ތިން ހަރުފަތުގެ ސިޑިން ރާދިން އަރާ ދޮރޯށީގައި ހަރުކޮށްފައި ހުރި ސެކިއުރިޓީ ސުވިޗަށް އޮބާލިއެވެ. ދޮރޯށްޓާ އިންވެގެން ވައަތްފަރާތު ފާރުގައި ސީސީޓީވީ ކެމެރާއެއް ހަރުކޮށްފައި ހުއްޓެވެ. ދެ ޒުވާނުން މަޑުކޮށްލައިގެން ހުއްޓާ ދޮރުހުޅުވީ ބިދޭސީ ފިރިހެނެކެވެ. އޭނާ ވާހަކަދެއްކި ގޮތުން އަރްސަލްއާއި ރާދިންއަކީ ކޮންބައެއްކަން އެނގޭ ކަހަލައެވެ. އެތެރޭގައި އެ މީހުންގެ އިންތިޒާރުގައި މެޑަމް އިން ކަމުގައި ބުންޏެވެ. "މެޑަމް"ގެ ނަމުން އިޝާރާތް އެ ކުރީ ލޫންގެ މަންމަ އާޒިފާއަށްކަން ދެ ޒުވާނުންނަށް ވެސް އެނގުނެވެ.

ސިޓިންރޫމަށް ވަން އަރްސަލްއާއި ރާދިން ފެނުމުން ސޯފާގައި އިނދެފައި އާޒިފާ ތެދުވިއެވެ. އެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއްނުވިއެވެ. އޭނާ އިޝާރާތްކޮއްލީ ސޯފާގައި އިށީނުމަށެވެ. އަރްސަލްގެ ލޯ ހޯދާލީ ޒުހޫރު ކޮބާތޯއެވެ. އެ ތަނުގައި އާޒިފާ ފިޔަވާ އިތުރު މީހަކު ނެތެވެ.

"މީ ލޫންގެ ހުރިހާ އެއްޗެއް" ސޯފާގައި އިށީނދެވުމާއެކު އަރްސަލް ބުނެލީ އިސްޖަހައިލައިގެން އިނދެއެވެ.

"މަންމަމެން ލޫންގެ އެއްޗެހި އަރްސަލްގެ އަތުން އަތުލާކަށްނޫން މިހެން ކަންތައް މި ކުރަނީ" އާޒިފާ ބުނެލިއެވެ.

"ދެން ކީއްވެ؟ ލޫން ވަކިވިތާ ހަފްތާއެއް ވެސް އަދި ނުވޭ..." އަރްސަލް މަޑުމަޑުން ބުންޏަސް އެ އަޑުގައިވާ ރިހުން އާޒިފާއަށް ވެސް އިހުސާސް ކުރެވުނެވެ.

"އެހީތެރިކަން ބޭނުންވެފައި ތިބި ޢާއިލާއަކަށް އެހީތެރިވާނޭ ފުރުޞަތު ލިބުނީމަ... މަންމަމެން އަތުގައި މިހާރަކު ނެތް ލޫންގެ އެއްވެސް އެއްޗެއް. ލަމްޔާއާއި ލީވާގެ އަތުގައި ހުރި އެއްޗެހި ޕެކުކުރަމުން ދަނިކޮށް ލޫންގެ ބައްޕަ ބުނީ ދަރިފުޅު ގާތުގައި ބުނެގެން ލޫންގެ އެއްޗެހި ވެސް ގެންނަންވީނޫންހޭ" އާޒިފާ ވާހަކަދެއްކީ އަރްސަލްއަށް ވިސްނައިދިނުމުގެ ނިޔަތުގައެވެ. ލޫންގެ އެއްޗެހި އަރްސަލްގެ އަތުގައި ބެހެއްޓުމަށްވުރެ އެހީތެރިކަމެއް ބޭނުންވެފައިވާ ބަޔަކަށް އެ ތަކެތި ދިނުން ހެޔޮކަން ބޮޑުވީމައެވެ. އަރްސަލްގެ ހިތާމަތަކަށް އެ ތަކެތިން ލުޔެއްނުލިބޭނެއެވެ.

"ލޫން... އަޅުގަނޑަށް މަޢާފުކުރޭ މަންމާ. އަޅުގަނޑު ލޫންދެކެ ވަރަށް ލޯބިވޭ. އޭނާއާ ކައިވެނިކޮށްގެން އަޅުގަނޑު އުޅޭތަނަކަށް އޭނާ ގެންދިޔައީ މަންމަމެންނަށް މިފަދަ ދުވަހެއް ދައްކާކަށްނޫން" އަރްސަލް ބުނެލިއެވެ.

"މަންމައަށް އެނގޭ ހުރިހާ ކަމެއް. އެކަމުގައި އަރްސަލްގެ ކުށެއް ވެސް ނެތް. ކޮބާތަ ލޫން ގައިގަ ޖެއްސި ކުއްޖާ. އޭނާ ހައްޔަރެއް ނުކުރޭތަ އަދިވެސް. މީ އޭނާގެ ކުށް. އަހަރެމެންގެ ލޫން މަރާލީ އޭނާ. ގަފޫރު ބުނާނެ އެހެންނުބުނާށޭ. އެހެންވިޔަސް ހެޔޮ. އަރްސަލްގެ އަތުން ލޫން ގެންދިޔަ މީހަކީ އެއީ. އެ ދަރިފުޅު ވަކިވެގެން އެ ދިޔައީ ހާދަ ޅައުމުރުގައޭ... މާމަ ދަރިފުޅުގެ އިންތިޒާރުގައި ހުއްޓާ ބައްދަލުވީ ފުރާނަނެތް މަސްގަނޑާ. ލޫންގެ މަރުގެ ބަދަލު ލިބެން ޖެހޭނެ..." އާޒިފާގެ ދެ ލޯ ފުރިގެން އައި ހިނދު މޫނުގައި ދެއަތް އަޅާލިއެވެ.

"އެ މައްސަލަ ފުލުހުން ބަލަމުންދަނީ. އަޅުގަނޑު ވެސް މިދަނީ ވާނުވާ ބަލަމުން" ރާދިން ޔަގީންކަން ދިނެވެ.

"ބައްޕަ މިވަގުތު ހުރީ ވަރަށް މާޔޫސްވެފައި. އަރްސަލްއާ ބައްދަލުނުކުރާކަށްނޫން... ބައްޕައަށް ވަގުތުކޮޅެއް ދީ" ނުކުމެގެން ދިއުމަށް އަރްސަލްއާއި ރާދިން ތެދުވި ހިނދު އާޒިފާ ބުނެލިއެވެ. އަރްސަލް ބޯޖަހާލިއެވެ. އަދި ރާދިންނާއެކު އެ ގެއިން ނުކުތެވެ.
ކާރުގައި އެނބުރި ހުޅުމާލެއަށް އެރުމަށް މިސްރާބު ޖެހިއިރު އަރްސަލް އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ރާދިން ވެސް ވާހަކައެއް ދައްކާކަށް ގަސްދެއް ނުކުރެއެވެ. ހަމަހިމޭންކަމުގައި ކާރު ހުޅުމާލެއަށް އެރިފަހުން ރާދިންއަށް އަރްސަލް ގޮވާލިއެވެ.

"އަހަރެން ބޭނުން އެ މީހާގެ އަޕްޑޭޓް" ކުރިއަށް ބަލަހައްޓައިގެން އިނދެ އަރްސަލް ބުނެލިއެވެ.

"ކާކުގެ" ހައިރާންކަމާއެކު ރާދިން އަހާލިއެވެ.

"ލޫން އެކްސިޑެންޓްކޮށްލި މީހާގެ... ދެން އެހެން ކާކުގެ" ދެ ބުމަ ކައިރިކޮއްލަމުން ރާދިންނަށް އަރްސަލް ބަލާލިއެވެ.

"މަންމަ ބުނީ ތެދެއް... އިޓްސް ހާ ފޯލްޓް. މި ހުރިހާ ކަމެއް މިހެންމިވީ އޭނާއާ ހެދި" އަރްސަލް ބުނެލި ބަސްތައް އިވިފައި ރާދިން މާޔޫސްވިއެވެ. (ނުނިމޭ)