ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން އެމެރިކާގެ ޑައިރެކްޓަރު އެލީ ރޮތު އަކީ އޮންސްކްރީނުގައި އަނިޔާވެރިކަމާއި ރަހުމްކުޑަ އަދި ފަކުރު ގަންނަ ޒާތުގެ މަންޒަރުތައް ދެއްކުމަށް އެންމެ މޮޅު ޑައިރެކްޓަރެކެވެ. އޭނާގެ "ހޮސްޓެލް" ސިލްސިލާގެ ދެ ފިލްމާއި މިފަހުން ނެރުނު "ގްރީން އިންފާނޯ" އަކީ ވެސް މީހުން އެ ދައްކާ ވާހަކަ އަށް ބާރު ދޭ އުފެއްދުންތަކެކެވެ.
ނަމަވެސް ބުނަން ޖެހެނީ "ހިއުމަން ސެންޓިޕީޑް" ސިލްސިލާގެ ތިން ވަނަ ފިލްމު ނެރުމަށް މި ޓްރިލޮޖީގެ ޑައިރެކްޓަރު ޓޮމް ސިކްސް ތައްޔާރުވަމުން އަންނައިރު "ހޮސްޓެލް" އާއި "ގްރީން އިންފާނޯ" ނުވަތަ މި ޒާތުގެ ބިރުވެރި އެހެން ފިލްމުތަކާ އަޅާބަލާއިރު "ހިއުމަން ސެންޓިޕީޑް" މާ ބޮޑަށް ވެސް ހައްދުފަހަނަޅައި ގޮސްފައިވާ ކަމެވެ. މި ސިލްސިލާގެ ފިލްމުތަކަކީ ބައެއް މީހުންނަށް ބަލަން ނުކެރޭނެ އަދި ބަލަން ކެތްނުކުރެވޭނެ ފިލްމުތަކެވެ.
މީގެ ހަ ވަރަކަށް އަހަރު ކުރިން "ހިއުމަން ސެންޓިޕީޑް" ނަމަކަށް ކިޔާ ފިލްމެއްގެ ވާހަކަ އަޑުއިވުމުން ވެސް ބައެއް މީހުން ގަތީ ބިރެވެ. މި ފިލްމު ސިލްސިލާ އަކަށް ބަދަލުކޮށް އޭގެ ދެ ވަނަ ފިލްމެއް މީގެ ހަތަރު ކުރިން ނެރުމުން އޭގެ ޑައިރެކްޓަރު ޓޮމް ސިކްސް މަރާލަން ވެސް ބަޔަކު މީހުން ނުކުތެވެ.
އެއް ބަޔަކު އޭނާގެ މި ފިލްމުތައް މަނާކުރަމުން ދިޔައިރު އަނެއް ބަޔަކު ބުނަމުން ދިޔައީ އޭނާ އަށް ޝައިތާނާ އަށް ބައިއަތު ހިފާފައިވާ މީހެއް ކަމަށެވެ.
ނަމަވެސް ފިލްމުގެ ޑައިރެކްޓަރު ހުރީ އޭނާގެ މި ސިލްސިލާ ހުއްޓާލުމުގެ ހިޔާލެއްގައެއް ނޫނެވެ. މި މަހުގެ 22 ވަނަ ދުވަހު އޭނާގެ މި ސިލްސިލާގެ ތިން ވަނަ ފިލްމު އެމެރިކާގައި ޕްރިމިއާކުރާނެ އެވެ.
އެހެންވީމަ މި ފިލްމުގެ ވާހަކަ އަށް ކުޑަކޮށް ބަލާލަމާ ހިނގާށެވެ. މިއީ އިންސާނުންތަކެއް ބަރަހަނާކޮށް އެކެއްގެ ފުރަގަސްފަރާތު ދޮރުގައި އަނެއްގެ އަނގަ ޖައްސައި ފަހައިގެން މިގޮތަށް އިތުރު މީހުން ގުޅުވައި އަނގަޔާއި ފުރަގަސްފަރާތް ގުޅުވައި ފަހައި އެމީހުން ގުޅިފައިވާ ކުއްތާތަކެއްގެ ގޮތުގައި ގެންގުޅޭ މަންޒަރު ދައްކުވައިދޭ އަނިޔާވެރިކަމުން ފުރިފައިވާ ފިލްމެކެވެ.
މީގެ ފުރަތަމަ ފިލްމުގައި ދައްކުވައި ދެނީ ޖަރުމަނުގެ ޑޮކްޓަރަކު ތިން ޓޫރިސްޓަކު ވަގަށް ނަގައިގެން އެމީހުން މި ބުނި ގޮތަށް ގުޅުވައިގެން ގޭގެ ބެކްޔާޑުގައި ގެންގުޅޭ ގޮތެވެ. ދެ ވަނަ ފިލްމުގައި ދައްކުވައި ދެނީ ފުރަތަމަ ފިލްމުގެ ޑީވީޑީއެއް ބަލާ މީހަކު އެ ފިލްމުގައި ފެންނަ ފަދަ ހިއުމަން ސެންޓިޕީޑެއް 12 މީހުންނާ އެކު އުފައްދާ ގޮތެވެ.
އެއަށް ފަހު މިހާރު ނެރެން ތައްޔާރުވެފައިވާ ފިލްމުގައި ދައްކުވައި ދެނީ އެމެރިކާގެ އަނިޔާވެރި ޖަލެއްގައި ބަންދުކޮށްފައިވާ ގައިދީންގެ ބަޔަކު އެއްކޮށް 500 މީހުންގެ ހިއުމަން ސެންޓިޕީޑެއް ހަދާ ގޮތެވެ.
މި ފިލްމު ސިލްސިލާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޓޮމް ސިކްސް ބުނެފައި ވަނީ މި ކަހަލަ ފިލްމުތަކެއް އުފެއްދުމުގެ ހިޔާލު ލިބުނީ ކުޑަކުދިންނަށް ޖިންސީ އަނިޔާ ދޭ މީހެއްގެ ޚަބަރު ނޫހަކުން ފެނިގެން އޭނާ އަށް ދޭނެ އެންމެ އަނިޔާވެރި އަދަބަކާ ބެހޭ ގޮތުން ހިޔާލު ކުރަނިކޮށް ކަމަށެވެ.