ކުޅިވަރު

ރޮނާލްޑޯ ހެޓްރިކް ހަދައި ޕީއެސްޖީއަށް މެސެޖެއް

މި ސީޒަންގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ ފަހަރަށް ހެޓްރިކް ހަދައި، ޗެމްޕިއަންސް ލީގްގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޕީއެސްޖީއަށް މެސެޖެއް ދީފި އެވެ. ރޮނާލްޑޯގެ ހެޓރިކާއެކު ރެއާލް ސޮސިއެދާދުއާ ދެކޮޅަށް ކުޅުނު މެޗު ރެއާލް މެޑްރިޑް ކާމިޔާބު ކުރީ 5-2 ން ނެވެ.

އަންނަ ބުދަ ދުވަހުގެ ރޭ ކުޅެން ހަމަޖެހިފައިވާ މެޗުގެ ކުރިން މީޑިއާއިން ވަނީ ރެއާލް މެޑްރިޑަށް ފާޑު ކިޔުންތައް އަމާޒު ކޮށްފަ އެވެ. އަދި ޕީއެސްޖީ ރަނގަޅު ފޯމެއްގައި އޮތުމުން އެ މެޗުގެ ފޭވަރިޓަކީ ޕީއެސްޖީ ކަމަށް ކުރީގެ ކުޅުންތެރިންނާއި ކޯޗުން ވެސް ބުންޏެވެ. އަދި ރޭގެ މެޗުގެ ކުރިން ރެއާލް ކުޅުނު މެޗުތަކުގައި އެ ޓީމަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވުމުން ވެސް ގިނަ ބަޔަކު ބުރަ ވެފައި ވަނީ ޕީއެސްޖީގެ މައްޗަށެވެ.

ނަމަވެސް ރޭ ގެމެޗުގައި ރޮނާލްޑޯގެ ހެޓްރިކާއެކު ރެއާލް މެޑްރިޑް ފަސް ލަނޑު ޖެހުމުން ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ވެސް ބުނީ ޕީއެސްޖީ މެޗުގެ ކުރިން ޓީމުގައި ހުރި ގިނަ ކަންކަމަކަށް ހައްލު ލިބިގެން ހިނގައްޖެ ކަމަށެވެ.

"ބުދަ ދުވަހުގެ ރޭ އަހަރެމެން ކުޅެން ޖެހޭ ޓީމުގެ ފެންވަރު އަހަންނަށް އެނގޭ،" ޒިދާން ބުންޏެވެ. "އަހަރެމެން މިހާރު މިތިބީ ތައްޔާރަށް، އެއީ އެންމެ މުހިންމު ކަމަކީ، އަހަރެމެން ވިސްނަން ޖެހޭނީ އެ މެޗަށް، އެއީ އަހަރެމެން އެންމެންނަށް އޮތް ބޮޑު ޗެލެންޖެއް."

ރޭގެ މެޗުގައި ރެއާލްގެ ފުރަތަމ،ަ ލަނޑު ކާމިޔާބު ކުރީ ފުރަތަމަ މިނެޓްގަ އެވެ. ސޮސިއެދާދުގެ ކުޅުންތެރިންނަށް ބޯޅައިގައި ފުރަތަމަ ޓަޗް ކޮށްލަން ލިބުނީ ވެސް އެ ލަނޑު ވަނުމަށް ފަހު އެވެ. އެ ލަނޑު ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ލޫކަސް ވަޒްކްއޭޒް އެވެ.

ރޮނާލްޑޯ ލަނޑު ޖެހި ނަމަވެސް، މި މެޗުގައި ވެސް ބެންޒެމާއަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ. ނަަމަވެސް ލަނޑު ޖަހާނެ ފުރުސަތުތައް އޭނާ އަށް ލިބުނެވެ. ފުރަތަމަ ހާފުގައި އޭނާއަށް ލިބުނު ބޯޅަ ފޮނުވާލުމުން އަމާޒުވީ ދަނޑި އަށެވެ. ރެއާލްގެ ދެ ވަނަ ލަނޑު ރޮނާލްޑޯ ކާމިޔާބު ކުރީ މެޗުގެ 27 ވަނަ މިނެޓްގަ އެވެ. ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ޓޯނީ ކްރޫޒް އެވެ. އެއީ 34 ވަނަ މިނެޓްގައެވެ. އޭގެ ތިން މިނެޓް ފަހުން ރޮނާލްޑޯ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރި އެވެ. ރޮނާލްޑޯ ހެޓްރިކް ހެދީ މެޗުގެ 80 ވަނަ މިނެޓްގައެވެ. ސޮސިއެދާދުގެ ލަނޑުތައް ކާމިޔާބު ކުރީ ޖޯން ބައުޓިސްޓާ އާއި އިޔަރަމެންޑީ އެވެ.

ރޭ ޕީއެސްޖީ، ޓުލޫސް އާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅުވީ 1-0 ން ނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ނޭމާ އެވެ.