ހޯސޭ މޮރީނިއޯ

އަހްލާގްގެ އެވޯޑު އަހަންނަށް ހައްގު: މޮރީނިއޯ

ރީތި އަހްލާގްގެ އެވޯޑް އޭނާއަށް ލިބެން ޖެހޭނެ ކަމަށް މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މޮރީނިއޯގެ ކޯޗުކަމުގެ ހަޔާތުގައި، ރެފްރީންގެ ނިންމުންތަކާ މެދު ހިތް ހަމަ ނުޖެހުން ފާޅު ކުރުމުގެ ސަބަބުން، ރެފްރީން ވަނީ އެތައް ފަހަރެއްގެ މަތިން އޭނާއަށް އަދަބު ދީފަ އެވެ.

ނަމަވެސް މޮރީނިއޯ ބުނީ އޭނާގެ ކަންކަން މިހާރު ބަދަލު ކޮށްފައި ވާނެ ކަމަށެވެ. އަދި މިހާރު އޭނާއަކީ އިނގިރޭސި ޕްރިމިއާ ލީގްގެ އެންމެ އަހުލާގު ރަނގަޅު ކޯޗު ކަމަށެވެ.

"އަހަރެން މި ހުރީ ވަރަށް ބޮޑަށް އިސްކަން ދީގެން މި ސީޒަންގައި އެންމެ އަހުލާގު ރަނގަޅު ކޯޗުގެ އެވޯޑް ހޯދުމަށް،" މޮރީނިއޯ ބުންޏެވެ. "އަހަރެން ވަރަށް ސީރިއަސް، އަހަރެން ވަރަށް ރަނގަޅަށް ތައްޔާރު ވަން، އަހަރެން އުފާވޭ އަހަރެން މެޗުގައި ކޮންޓްރޯލް ކޮށްގެން ހުންނާތީ."

"ވަރަށް ގިނަ އެވޯޑްތަކެއް އެބަހުރި، އެ ހަފުތާއަކު އެންމެ ރަނގަޅު ޕާފޯމަންސް، އެ މަހުގެ އެންމެ މޮޅު ކޯޗް، ދަނޑުގެ ޓަޗް ލައިންގައި ހުރެގެން އެންމެ ރަނގަޅަށް އަހްލާގް ހިފަހައްޓާ ކޯޗަށް ވެސް އެވޯޑެއް ދޭން ފެނޭ، އަދި އެއަށް ވޯޓް ދޭނީ ބަދަލު ރެފްރީ، އަހަންނަށް ޔަގީން އަހަންނަށް އެ އެވޯޑް ލިބޭނެ ކަަން."

މި ސީޒަންގައި ވެސް، މޮރީނިއޯ ވަނީ ބެންޗުން ފޮނުވާލާފަ އެވެ. އެއީ ސެމެްޓެމްބަރު މަހު ސައުތުހެމްޓަން އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ޕްރިމިއާ ލީގްގައި ޔުނައިޓަޑް އޮތީ ދެ ވަނަ މަގާމުގަ އެވެ. އެ ޓީމު މިއަދު ނިކުންނާނީ ނިއުކާސަލްއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ރާއްޖޭ ގަޑިން މިރޭ 7:15 ގަ އެވެ.