ވިޔަފާރި

އަމާނާ ތަކާފުލް "100ކޭ ޝީލްޑް" އެންމެނަށް!

Feb 11, 2018
  • އެއްލައްކަ ރުފިޔާގެ އަގު ހުރި ޕެކޭޖެއް
  • އެކްޓިވޭޓް މުއްދަތު މެއި މަހާ ހަމައަށް
  • މިއީ ކަށަވި އިންޝުއަރެންސުގެ ބައެއް

އަމާނާ ތަކާފުލް އިން "100 ކޭ ޝީލްޑް" ގެ ނަމުގައި 100،000ރ. އާހަމަށް އިންޝުއަ ކޮށްދޭ، ޕެކޭޖެއް މިއަދު ތައާރަފުކޮށްފި އެވެ.

އަމާނާ ތަކާފުލްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އިންޝުއަރެންސް ޕެކޭޖްގެ މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ރިޔާޒު ވިދާޅުވީ މި ޕެކޭޖަކީ ސަލާމަތީ ހިދުމަތް ދޭ ފަރާތްތަކަށް ހާއްސަކޮށް ނެރެފައިވާ "ކަށަވިި" ޕެކޭޖުގެ ބައެއް ކަމަށެވެ. ނަމަވެސް، އަލަށް ނެރުނު "100ކޭ ޝީލްޑް" ޕެކޭޖަކީ ހުރިހާ މީހުންނަށް ވެސް ނެގޭނެ ޕެކޭޖެކެވެ.

"މި ޕެކޭޖުގެ މަގުސަދަކީ އަޅުގަނޑުމެންގެ އެޖެންޓުންގެ ޗެނަލް ވަރުގަދަ ކުރުން. އެޖެންޓުން މެދުވެރިކޮށް އާއްމުކޮށް ސައިކަލާއި ދުއްވާ އެއްޗިހީގެ ވިޔަފާރި މިދަނީ. އެހެންވެ 100 ކޭ ޝީލްޑް ޕެކޭޖު މި ނެރެނީ،" ރިޔާޒު ވިދާޅުވި އެވެ.

މަގުސަދަކީ އަޅުގަނޑުމެންގެ އެޖެންޓުގެ ޗެނަލް ވަރުގަދަ ކުރުން. އެޖެންޓުން މެދުވެރިކޮށް އާއްމުކޮށް ސައިކަލާއި ދުއްވާ އެއްޗިހީގެ ވިޔަފާރި މިދަނީ. އެހެންވެ 100 ކޭ ޝީލްޑް ޕެކޭޖު މި ނެރެނީ
އަމާނާ ތަކާފުލް ޖީއެމް، އިބްރާހިމް ރިޔާޒު

"100 ކޭ ޝީލްޑް" ޕެކޭޖު ނަމުގައި ތައާރަފުކުރި މި ޕެކޭޖް އެކްޓިވޭޓް ކުރުމުގެ ފުރުސަތު މި އަހަރުގެ މެއި މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. މި ޕެކޭޖު ނަގަން ހަމައެކަނި ޖެހެނީ އަމާނާ ތަކާފުލްގެ "ތާޑް ޕާޓީ" އިންޝުއަރެންސް ޕެކޭޖު ނަގާށެވެ. އަދި މި ޕެކޭޖު ނެގުމުން އުޅަނދު ދުއްވަން އިންނަ މީހާ އާއި ފަހަތުގައި އިންނަ މީހާ އަށް ދިމާވާ ދާއިމީ ނުކުޅެދުންތެރިކަން ނުވަތަ ފުރާނައަށް ގެއްލުންވުން ފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެ އެވެ. އެ ކުންފުނިން ވަނީ މި އިންޝުއަރެންސް ޕެކޭޖު ފުރަތަމަ ނެގި ފަރާތާ މިއަދު ޕެކޭޖް ހަވާލުވެސް ކޮށްފަ އެވެ.

"100ކޭ ޝީލްޑް" ޕެކޭޖު ދޫކުރާނީ އަމާނާތަކާފުލްގެ ކަސްޓަމަރު ސާވިސް ސެންޓަރު ހުންނަ ހ. މިޔަލަނި، ސޯސަން މަގު އަގޯރާ ހުންނަ އިމާރާތުގެ ތިންވަަނ ފަންގިފިލާ އިންނެވެ. މީގެ އިތުރުން އެ ކުންފުނީގެ ވެބްސައިޓުގައިވާ ގަރާޖުތަކާއި އަމާނާތަކާފުލް މޮބައިލް އެޕްލިކޭޝަން އަދި އެ ކުންފުނީގެ ވެބްސައިޓުންނެވެ.

އަމާނާ ތަކާފުލް "ކަށަވި" ޕެކޭޖު ހާއްސަވަނީ ސިފައިންނާއި ފުލުހުން އަދި ކަސްޓަމްސް އާއި އިމިގްރޭޝަންގެ އިތުރުން އެއާޕޯޓް ރެސްކިއު އާއި ޑިޒާސްޓާމެނޭޖުމަންޓް އަދި މޯލްޑިވްސް ކަރެކްޝަން ސާވިސަސް ހިމެނެ އެވެ. މި ޕެކޭޖުގެ ތަފާތަކީ މި ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަކިން މި ޕެކޭޖަށް ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ. މީގެ ބަދަލުގައި "ތާޑް-ޕާޓީ" އިންޝުއަރެންސް ނެގުމުން އޮޓަމެޓިކުން މި ޕެކޭޖު ލިބެ އެވެ. އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން، ނެރެފައިވާ "ކަށަވި" އިންޝުއަރެންސް ޕެކޭޖުގެ ދަށުން އެކްސިޑެންޓަކުން ލިބޭ ގެއްލުމެއްގައި 500،000ރ. އާއި ހަމަ އަށް ބަދަލު ދެވޭނެ އެވެ.