ދުނިޔެ

ކަޝްމީރުގައިވާ އިންްޑިއާ ސިފަައިންގެ މަރުކަޒަކަށް ހަނގުރާމަވެރިން ވަދެފި

ކަޝްމީރުގެ އިންޑިއާ ފަޅީގައިވާ އިންޑިއާ ސިފައިންގެެ މަރުކަޒަކަށް ހަނގުރާމަވެރިންގެ ބަޔަކު ވަދެ ގަނެ ހަމަލާދޭން ފަށައިފިއެވެ.

ކަޝްމީރުގެ ޖައްމޫ ނަމަކަށް ކިޔާ ޝަހަރުގައިވާ ސުންޖުވާން އާމީ ކޭމްޕަށް ހަނގުރާމަވެރިން ވަދެގަތްތާ ދެ ދުވަސް ވީ އިރު އެމީހުންގެ ހަމަލާތަކުގައި މަރުވި ސިފައިންގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ. އިންޑިއާ ސިފައިން މިއަދު ބުނީ ހަމަލާތަކުގައި ހަނގުރާމަވެރިންގެ ތިން މީހުން ވެސް މަރުވެފައިވާ ކަމަށެވެ. އަދި ބުނީ ހަމަލާތަކުގައި 11 މީހަކު ޒަހަމްވެފައިވާ ކަމަށެވެ.

އިންޑިއާގެ އަތްދަށުން ކަޝްމީރު މިނިވަން ކުރަން ހަނގުރާމަކުރާ އެތަކެއް ޖަމާއަތް އުޅޭ އިރު، ހަނގުރާމަވެރިން ސިފައިންގެ މަރުކަޒަކަށް ވަނުމަކީ އަސްކަރިއްޔާއަށް ކުރިމަތިވި ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. އެކަމުގެ ސީރިއަސްކަން ބޮޑުކަމުން އެގައުމުގެ އާމީ ޗީފް ބިޕިން ރަވާތު ވެސް މިހާރު ވަނީ ވަޑައިގެންފައެވެ.

އިންޑިއާ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުނީ ސުންޖުވާ އާމީ ކޭމްޕްގައި މީހުން ދިރިއުޅުމަށް ހާއްސަކޮށްފައިވާ ބަޔަށް ވަދެ، ބެދިފައި ތިބި ހަނގުރާމަވެރިންގެ އަދަދެއް އަދި ނޭނގޭ ކަމަށެވެ. އެމީހުން އެތަނުން ބޭރުކުރުމުގެ މަސައްކަތަށް ސަރުކާުރުން ވަނީ އެތައް ސަތޭކަ ސިފައިންނަކާ ފުލުހުންނެއް ފޮނުވާފައެވެ. އަދި ބުނީ ހަމަލާ ބަދަލުކުރުން އަދިވެސް ކުރިއަށްދާ ކަމަށާއި މަޝްރަހު އޮތީ ވަރަށް ހޫނުކޮށް ކަމަށެވެ.

އިންޑިއާގެ ހޯމް މިނިސްޓަރު ރާޖްނާތު ސިންގް ވިދާޅުވީ އާމީ ކޭމްޕްގެ ހާލަތު ކައިރިން ބައްލަވަމުން ގެންދަވާ ކަމަށެވެ.

ކަޝްމީރުގެ އިންޑިއާ ފަޅީގައި އިންޑިއާ ސިފައިންނާއި ފުލުހުން ހިންގާ ޖަރީމާތަކާ ދެކޮޅަށް އެ ސަރަހައްދުގެ އާއްމުން މިދިޔަ އަހަރުން ފެށިގެން ދަނީ ބޮޑެތި މުޒާހަރާތައް ކުރަމުންނެވެ. އެފަދަ މުޒާހަރާތައް ރޫޅައި ލުމުގައި އިންޑިއާ ސިފައިންނާއި ފުލުހުން ހައްދެއް ނެތް ވަރަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން އާއްމުންގެ އެތައް ބަޔަކު ވަނީ މަރުވެފައެވެ.