ހޮލީވުޑް

"ވުލްވަރީން" ގެ އާ ފިލްމަށް ފަހު ހިއު ޖެކްމަން އެ ރޯލު ދޫކޮށްލަނީ

"ވުލްވަރީން" ސިލްސިލާގެ ތިން ވަނަ ފިލްމު 2017 ވަނަ އަހަރު ބެލުންތެރިންނާ ހަމަ އަށް އަންނާނެ ކަމުގެ އުފާވެރި ޚަބަރު ދިނުމަށް ފަހު އެކްޓަރު ހިއު ޖެކްމަންގެ އަތުގައި ދެން އޮތީ އޭނާގެ ފޭނުންނަށް ހިތާމަވެރި ޚަބަރެކެވެ. އޭނާ ބުނަނީ މި ފިލްމަށް ފަހު ވުލްވަރީންގެ ގޮތުގައި ދެން އޭނާ ނުފެންނާނެ ކަމަށެވެ.

"މި ފިލްމު ވެގެންދާނީ މި ރޯލުން އަހަރެން ފެންނަ އެންމެ ފަހު ފަހަރަށް،" މެޑިކަލް ޓޯކް ޝޯ، ޑރ. އޯޒް އަށް ދިން އިންޓަވިއުއެއްގައި ޖެކްމަން ބުންޏެވެ.

ވުލްވަރީންގެ ރޯލު ޖެކްމަން ކުޅެމުން އަންނަނީ މިހާރު ވެސް ކުރިއަށް ދާ "އެކްސް މެން" ގެ ލައިވް އެކްޝަން ފިލްމު ސިލްސިލާ 2000 ވަނަ އަހަރު ފެށި ހިސާބުން ފެށިގެންނެވެ. އެހެންވީމަ މި ރޯލުން އޮސްޓްރޭލިއާގެ މި އެކްޓަރު ފެންނަތާ މިހާރު 16 އަހަރުވީ އެވެ.

"އެކްސް-މެން" ގެ ހަތް ފިލްމުން ވެސް ވުލްވަރީންގެ ގޮތުގައި އޭނާ ފެނިގެންގޮސްފައިވާއިރު ސްޕިން-އޮފެއްގެ ގޮތުގައި "ވުލްވަރީން" ގެ ވާހަކަ ބޮޑު ސްކްރީނަށް ގެނެސްދިނީ 2009 ވަނަ އަހަރު އެވެ.

މީގެ ދެ ވަނަ ފިލްމާ އެކު ޖެކްމަން ބޮޑު ސްކްރީނަށް އައީ 2013 ވަނަ އަހަރު އެވެ.

"އަހަންނަށް ހީވަނީ މިއީ މި ރޯލު ދޫކޮށްލަން އެންމެ ރަނގަޅު ވަގުތުހެން. ހީއެއް ނުކުރަން ދުވަހަކު ވެސް މިހާ ދުވަސް ވަންދެން މި ރޯލު ކުޅޭނެ ކަމަކަށް،" ޓޯކް ޝޯގެ އިންޓަވިއުގައި ޖެކްމަން ބުނެފައިވެ އެވެ.

ވުލްވަރީން ސިލްސިލާގެ ތިން ވަނަ ފިލްމު ރަސްމީކޮށް އިއުލާނުކޮށްފައިވާއިރު މި ފިލްމުގެ ޝޫޓިން އަށް ޖެކްމަން ނުކުންނާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.