ބޭރު ކުޅިވަރު

ގާޑިއޯލާގެ ތައުރީފް އަގުއޭރޯއަށް

ފަހަތުން އަރައި ލެސްޓާ ސިޓީ 1-5 ބަލިކުރި މެޗުގައި މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ދެއްކި ކުޅުމަށް އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ތައުރީފްކޮށް ވާހަކަ ދައްކައިފި އެވެ. މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް އަގުއޭރޯ ވަނީ ދެ ވަނަ ހާފްގައި ޖެހި ހަތަރު ގޯލާއެކު ސީޓީ ކޮޅަށް މެޗު އަނބުރާލާފަ އެވެ.

ކާރި ކާރީގައި ގިނަ މެޗުތަކެއް ކުޅުމުގެ އިތުރުން އަނިޔާގެ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ ސިޓީ ރޭގެ މެޗުގައިވެސް ބެލެވުނީ އެޓީމު ބާންލޭ އާއި އެއްވަރުވި ފަދައިން މެޗު އެއްވަރުވެގެން ދާނެ ކަމަށެވެ. ނަމަވެސް އަގުއޭރޯގެ ހަތަރު ގޯލާއެކު އޭނާ ވަނީ އެއް ވަނަ މަގާމުގައި ސިޓީގެ ލީޑު 16 ޕޮއިންޓަށް ފުޅާކޮށްދީފަ އެވެ.

އަގުއޭރޯގެ ކުޅުމާ ބެހޭގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ އެއް ކުޅުންތެރިޔަކު ހަތަރު ގޯލް ޖެހުމުން އެކުޅުންތެރިޔަކަށް ހުރިހާ ކްރެޑިޓެއްވެސް ހައްގު ކަމަށެވެ. މެޗުގައި ސިޓީގެ ފަރާތުން ފެނުނީ އެޓީމު ބާންލޭ އާއި ދެކޮޅަށް ދެއްކިފަދަ ކުޅުމެއް ކަމަށާއި މިފަހަރު ތަފާތަކަށްވީ ލިބުނު ފުރުސަތުތަށް އަގުއޭރޯ ގޯލަށް ބަދަލުކޮށްލުން ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ފޯވާޑް ލައިނުގައި އަނިޔާގެ ގިނަ މައްސަލަތަކެއް ސިޓީއަށް ދިމާވެފައި ވާއިރު އަގުއޭރޯ އަންނަނީ ވަރަށް ފުރިހަމައަށް އެތަން ފޫބައްދަމުންނެވެ. ސިޓީ އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގައި އަގުއޭރޯ ވަނީ 14 ގޯލް ޖަހާފަ އެވެ. މިގޮތުން އެންމެ ފަހުން ސީޓީ އިއްތިހާދް ސްޓޭޑިއަމްގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުގައި އަގުއޭރޯ ވަނީ ހެޓްރިކް ހަދާފަ އެވެ.

އަގުއޭރޯގެ އިތުރުން ސީޓީގެ ބެލްޖިއަމް މިޑްފިލްޑަރު ކެވިން ޑެބްރުން އަންނަނީ ސީޓީގެ މެޗުތަކުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ލީގުގައި އެންމެ ގިނަ އެސިސްޓް ކޮށްދިން ކުޅުންތެރިޔަކީ ޑެބްރުން އެވެ. އޭނާ ވަނީ މިހާތަނަށް 14 އެސިސްޓް ކޮށްފަ އެވެ.

ލެސްޓާ ބަލިކުރި މެޗުގައި ރަހީމް ސްޓާލިންގެ ގޯލް އަދި އަގުއޭރޯގެ ދެގޯލަށް އެސިސްޓް ކޮށްފައި ވަނީ ޑެބްރުން އެވެ.

ސީޓީ އެންމެ އަވަހަށް ކުޅޭ މެޗުގައި އެޓީމު ނިކުންނާނީ ޗެމްޕިއަންސް ލީގުގައި ސްވިޒަލެންޑުގެ ބަސެލް އާއި ދެކޮޅަށެވެ. އެމެޗަށް ފަހު އެޓީމަށް ކުރިއަށް އޮތީ އެފްއޭ ކަޕް މެޗަކާއި ލީގް ކަޕް ފައިނަލް މެޗެވެ. އެހެންކަމުން ސިޓީއަށް ޕްރިމިއާ ލީގު މެޗެއް ދެން އޮންނާނި އަންނަ މާޗް މަހުގެ ދެ ވަނަ ދުވަހު އާސެނަލް އާއި ދެކޮޅަށެވެ.