މިދިޔަ އަހަރުގެ އޮކްޓޯބަރު މަހަށް ފަހު އަމިއްލަ ދަނޑުގައި ނިއުކާސަލް ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފި އެވެ. މެންޗެސްޓާ ޔުނައިޓު ބަލިކުރި މެޗުގެ ހަމައެކަނި ގޯލް ޖެހީ ސްކޮޓްލެންޑް މިޑްފިލްޑަރު މެޓް ރިޗީ އެވެ.
މިނަތީޖާގެ ސަބަބުން ނިއުކާސަލް ރެލިގޭޝަން ޒޯނުން ސަލާމަތްވެފައިވާއިރު މެންޗެސްޓާ ޔުނައިޓެޑާއި އެއް ވަނަ މަގާމުގައި އޮތް ސިޓީ އާއި ދެމެދު 16 ޕޮއިންޓުގެ ފަރަގެއ އެބައޮތެވެ. ޔުނައިޓެޑުގެ ކޯޗު ޖޯސޭ މޮރީނިއޯއަށް ކޯޗިން ކެރިއަރުގައި މިހާތަނަށް މޯޅެއް ލިބިފައި ނުވާ ނިއުކާސަލްގެ ދަނޑު ޖޭމްސް ޕާކްގައި މޯޅެއް ހޯދުމަށް ލިބުނު ފުރުސަތު އޭނާގެ ޓީމުގެ ކުޅުންތެރިން ވަނީ ނަގާލާފަ އެވެ.
ނިއުކާސަލްގެ ގޯލުން ޕްރިމިއާ ލީގަށް ތައާރަފްވި ކީޕަރު މާޓިން ޑުބްރަވްކާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އޭނާ ވަނީ ޖެސީ ލިންގާޑް، އެންތަނީ މާޝިއާލް، އެޝްލީ ޔަންގް އަދި މައިކަލް ކެރިކްއަށް ލިބުނު ފުރުސަތުތަކަށް ހުރަސް އަޅާފަ އެވެ.
މެޗުގެ ފުރަތަމަ ހާފްގައި ނިއުކާސަލް ޓީމުން ޕެނެލްޓީއަކަށް އެޕީލް ކުރި ނަމަވެސް ރެފްރީ ޕެނެލްޓީއެއް ނުދިނެވެ. ޔުނައިޓެޑުގެ އޭރިޔާ ރޮންގަށް ވުރެ ކުޑަ ތަންކޮޅެއް އެތެރެއިން ކްރިސް ސްމޯލިން ނިއުކާސަލްގެ ފޯވާޑް ޑްނައިޓް ގޭލް ވައްޓާލުމުން ނިއުކާސަލްގެ ކުޅުންތެރިން އެޕީލް ކުރި އެވެ.
މެޗުގައި ނިއުކާސަލް ޖެހި ގޯލް ފެނިގެންދިޔައީ މެޗުގެ 65 ވަނަ މިނިޓުގަ އެވެ. ޔުނައިޓެޑުގެ ހާފް ތެރެއިން އޭރިޔާ ތެރެއަށް ޖޯޖޯ ޝެލްވީ އޮއްސާލި ހިލޭ ޖެހުން ބޮލުން ޑެހެއާގެ ގޯލް ކުރިމައްޗަށް ވައްޓާލީ ލެޖޫން އެވެ. އޭނާ ވައްޓާލި ބޯޅަ ލިބުނީ ހުސްކޮށް ދުވެފައި ވަތް ރިޗީ އަށެވެ. އޭނާ ވަނީ އެއްފަހަރުން ގޯލްގެ ތިރީ ކަނަށް ބޯޅަ ފޮނުވާލާފަ އެވެ.
ޓޮޓެންހަމް އަދި ނިއުކާސަލް މޮޅުވަމުން އަންނައިރު ޔުނައިޓެޑު އަމިއްލަ ދަނޑުން ބޭރުގައި ކުޅޭ މެޗުތަކުގައި ބަލިވުމާއެކު އެޓީމަށް މިވަނީ ތާވަލުގެ ދެ ވަނަ މަގާމުގައި ހިފަހައްޓާލުމަށް ޕްރެޝަރު ކުރިމަތި ވަމުންނެވެ. މިގޮތުން ލިވަޕޫލް ސައުތްހެމްޓަން އާއި ކުޅޭ މެޗުން ކުރި ހޯދައިފި ނަމަ އެޓީމަށް ޔުނައިޓެޑާއި ދެ ޕޮއިންޓަށް ގާތަށް ޖެހިލެވޭނެ އެވެ.