ބޭރު ކުޅިވަރު

ލިވަޕޫލް ތިން ވަނަ މަގާމަށް ޖެހިލައިފި

ސައުތްހެމްޓަންގެ މައްޗަށް 0-2 ކުރި ހޯދައި ލިވަޕޫލް ޕްރިމިއާ ލީގު ތާވަލުގެ ތިން ވަނަ މަގާމަށް ޖެހިލައިފި އެވެ.

ސައުތްހެމްޓަން މެޗަށް ނިކުތީ ރެލިގޭޝަން ޒޯނުގައި އޮވެގެން ނެވެ. ރެލިގޭޝަން ޒޯނުން މައްޗަށް ޖެހިލުމަށް އެ ޓީމުން ކުރަމުން އައި އުއްމީދު މެޗުގެ ހަ ވަނަ މިނިޓުގައި ނިމުމަކަށް ގެނައީ ލިވަޕޫލްގެ ވަރުގަދަ އަދި ހަލުވި ކައުންޓާ އެޓޭކާއެކު އެވެ. ހިތްގައިމު ކައުންޓާ އެޓޭކު ގޯލަކަށް ބަދަލުކޮށްލީ ބްރެޒިލް ފޯވާޑް ފިރްމީނޯ އެވެ. އޭނާއަށް ފުރުސަތު ތަނަވަސްކޮށްދިނީ ސަލާހު އެވެ.

ދުނިޔޭގެ އެންމެ އަގު ބޮޑު ޑިފެންޑަރު ވޭން ޑައިކް އޭނާގެ ކުރީގެ ޓީމާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ޑިފެންސް ލައިނުގައި އޭނާއަށް މާބޮޑު މައްސަލަތަކެއް ކުރިމަތި ނުވެ އެވެ. މުޅި މެޗުގައިވެސް ސައުތްހެމްޓަންގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. ނަތީޖާއަކަށްވީ މެޗަށް ފަހު އެޓީމުގެ ސަޕޯޓަރުން ނުރުހުން ފާޅު ކުރުމެވެ. އެޓީމު ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން މޮޅު ވެފައި ވަނީ އެންމެ މެޗަކުންނެވެ.

ވޭން ޑައިކްގެ އިތުރުން ސައުތްހެމްޓަންގެ ކުރީގެ ކުޅުންތެރިން ކަމަށްވާ އެޑަމް ލަލާނާ އަދި ޑިޖާން ލޮވްރެން ވަނީ މެޗުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެފަ އެވެ. ސައުތްހެމްޓަންގައި އުފެދޭ އެންމެ މޮޅެތި ކުޅުންތެރިން ލިވަޕޫލަށް ފަހަކަށް އައިސް ބަދަލުވާ މިންވަރު ވަނީ އިތުރުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ސަލާހް ވަނީ ލިވަޕޫލްގެ ދެވަނަ ގޯލް ޖަހާފަ އެވެ. މިއީ މިސްރު ފޯވާޑް ލީގުގައި ޖެހި 22 ވަނަ ގޯލެވެ.

ދެވަނަ ހާފްގައި ވެސް ލިވަޕޫލްގެ ފަރާތުން ފެނުނީ ވަރުގަދަ އެޓޭކިން ފުޓުބޯޅަ އެކެވެ. ފިރްމީނޯ ފޮނުވާލި ހަމަލާ ސައުތްހެމްޓަން ކީޕަރު އެލެކްސް މިކްއާތީ ހުޝިއާރު ކަމާއެކު ދިފާއުކުރި އިރު ސާލާހު އަދި މާނޭއަށް ލިބުނު ހުސް ފުރުސަތުތަށް އެކުޅުންތެރިން ވަނީ ބޭކާރުކޮށްލާފަ އެވެ.

ލިވަޕޫލްއަށް ކުރިއަށް ދެން އޮތީ ޗެމްޕިއަންސް ލީގު މެޗެކެވެ. ރަށުން ބޭރުގައި އެ ޓީމު ބައްދަލު ކުރަން ޖެހޭނީ ޕޯޗުގަލްގެ ޕޯޓާ އާއި ދެކޮޅަށެވެ.