އެންމެ ގިނަ ބަޔަކު ބޭނުންކުރާ ޝޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ސްނެޕްޗެޓަށް އެންމެފަހުން ގެނައި އަޕްޓޭޑާއެކު ސްނެޕް ބޭނުންކުރާ ފަރާތްތަކުން ރުޅި ގަދަވެއްޖެ އެވެ. އެންމެފަހުން ގެނައި އަޕްޑޭޓާއެކު މުޅި ސްނެޕްޗެޓް އެޕްލިކޭޝަންގެ ޑިޒައިނަށް ބަދަލު އައިސްފައިވެ އެވެ.
އެޕް ހުޅުވުމުން ސީދާ ކެމެރާއަށް ދާ ފީޗާ ފިޔަވާ ދެންހުރި ހުރިހާ ފީޗާތަކެއް ހުންނަ ތަންތަނަށް ވަނީ ބަދަލު އައިސްފަ އެވެ. އެޕް ބޭނުންކުރާ މީހުން ދަނީ މިހާރު ސްނެޕް ޔޫސާ ފްރެންޑްލީ ނޫންކަމަށް ބުނަމުންނެވެ.
މިހާރު ގެނެސްފައިވާ އާ އަޕްޑޭޓާއެކު ސްނެޕް ސްޓޯރީތަކާއި ވަކިން ފޮނުވާ ސްނެޕްތައް ބަލަންޖެހެނީ ހަމަ އެއްތާކުންނެވެ. އެއީ ސްނެޕް ކެމެރާ ކަނާއަތަށް ކަހާލުމުން އަންނަ ސްކްރީނުންނެވެ. މީގެ ކުރިން ސްޓޯރީ އާއި ވަކިން ފޮނުވާ ސްނެޕްތައް ހުންނަނީ ވަކިންނެވެ. ވަކިން ފޮނުވާ ސްނެޕްތައް ހުންނަނީ ސްނެޕް ކެމެރާ ވާތަށް ކަހާލުމުން އަންނަ ސްކްރީނުންނެވެ. އަމިއްލަ ސްނެޕް ސްޓޯރީ ވެސް މިހާރު ބަލާލެވެނީ ސްނެޕްގެ ޕްރޮފައިލް ޕޭޖަށް ގޮސްގެންނެވެ.
މިހާރު ސްނެޕް ކެމެރާ ވާތަށް ކަހާލުމުން އަންނަނީ "ޑިސްކަވާ" ކިޔާ ޕަބްލިކް ސްޓޯރީތަކާއި ސްނެޕް ކްރިއޭޓާސް އިން ތައްޔާރުކުރާ ވީޑިއޯތައް ހުންނަ ސްކްރީނެކެވެ. މީގެ ކުރިން "ޑިސްކަވާ" އިންނަނީ ހަމަ ވާތަށް ކަހާލުމުން ސްނެޕް ސްޓޯރީތަކުގެ ތިރީގަ އެވެ. ސްނެޕް މެޕް ވެސް މިހާރު ބަލާލެވެނީ "ޑިސްކަވާ" އިންނަ ސްކްރީނުގެ ތެރެއިންނެވެ.
މި އަޕްޑޭޓާއިމެދު ހިތްހަމަނުޖެހި ސްނެޕް ބޭނުންކުރާ މީހުން ދަނީ ޝޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. ސްނެޕްގެ ކުރީގެ ވާޝަން އަލުން ބަދަލުކުރުމަށްވެސް ގިނަ ބަޔަކު ދަނީ އެދެމުންނެވެ.
ރުޅި ގަދަވިއަސް ކުރާނެ ކަމެއް ނެތެވެ. ސްނެޕް އިން މި އަޕްޑޭޓް ކުރީގެ ވާޝަނަށް ދެން ބަދަލެއް ނުކުރާނެ އެވެ. ސްނެޕް އިން ބުނީ އާ އަޕްޑޭޓު ދޫކޮށްލިއިރުވެސް ބޭނުންކުރާ ފަރާތްތަކުން ނުރުހުން ފާޅުކުރާނެކަން އިނގޭ ކަމަށެވެ. ނަމަވެސް ސްނެޕްއަށް މި ބަދަަލު ގެންނަ ޖެހުނީ މުސްތަގުބަލުގައި ސްނެޕްގެ ވިޔާފާރީ ކުރިއެރުވުމަށް ވިސްނާފައި ކަމަށެވެ.
މިދިޔަ އަހަރު ނޮވެމްބަރުގައި ސްނެޕް އިން ދޫކޮށްލި މި އަޕްޓޭޑަށް ޔޫޒަރުން އަހުލުވެރިވާނެ ކުޑަ ދުވަސްކޮޅެއް ނަގާފާނެ ކަމަށާއި އާ އަޕްޑޭޓަށް ފުރުސަތެއް ދިނުމަށް ސްނެޕްއިން އެދިފައިވެ އެވެ.
ސްނެޕްއަކީ މިހާރު ދިވެހިންގެ މެދުގައިވެސް އެންމެ މަގުބޫލު ޝޯޝިއަލް މީޑިއާ އެވެ.