ކުޅިވަރު

ބާސާ އެއްވަރު، އެތުލެޓިކޯއަށްވެސް ލަލީގާ ފަހި ވެއްޖެ

ގެޓަފޭއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ އެއްވަރު ވުމުން، ސްޕެނިޝް ލަލީގާ ހޯދުމުގެ ފުރުސަތު އެތުލެޓިކޯ މެޑްރިޑަށްވެސް ފަހި ވެއްޖެ އެވެ. ރޭގެ މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.

ބާސާ ފަހަތަށް ޖައްސާލުމަށް ފަހު 2014 ވަނަ އަހަރު، ލަލީގާގެ ޗެމްޕިއަންކަން ހޯދި އެތުލެޓިކޯ މެޑްރިޑާ ބާސާ އާ ދެމެދު މިހާރު ހުރީ ހަތް ޕޮއިންޓްގެ ފަރަގެވެ. ހޮނިހިރު ދުވަހު އެތުލެޓިކޯއިން މަލަގާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 1-0 ން ނެވެ.

ރޭ ގެ މެޗުގައި ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ ވަނީ އަނިޔާއިން ރަނގަޅު ވެގެން އައި ފޯވަޑް އުސްމާން ޑެމްބެލޭ އަށް މެޗުން ފުރުސަތު ދީފަ އެވެ. އަދި މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާގައި ބާސާއާ ގުޅުނު ކޮލަމްބިއާގެ ޑިފެންޑަރު ޔެރީ މިނާ އަށް ވަނީ ފުރަތަމަ ފަހަރަށް ފުރަތަމަ 11 ފުރުސަތު ދީފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ވަލްވެރުޑޭ ބުނީ ލީގް ފަސޭހަ ނުވާނެ ކަމަށާއި ބާސާއިން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"މި ލީގަކީ އެހާ ފަސޭހަ ލީގެއް ނޫން، އަހަރެމެން ޖެހޭނެ ވަރަށް ބުރަކޮށް މަސައްކަތް ކުރަން،،" ވަލްވެރުޑޭ ބުންޏެވެ. "އަހަރެމެން އުންމީދު ކުރީ ތިން ޕޮއިންޓް ލިބޭނެ ކަމަށް، މިއީ ވަރަށް ބުރަ މަހެއް، ހުރިހާ މެޗަކުން މޮޅެއްވެސް ނުވާނެ."

ގެޓަފޭގެ ކޯޗް ހޯސޭ ބޯޑަލަސް ބުނީ ލަނޑެއް ޖެހިޔަ ނުދީ ބާސާ ހިފަހައްޓާލުމަކީ އޭނާގެ ޓީމަށް ލިބުނު ވަރަށް ބޮޑު ކަމިޔާބެއް ކަމަށެވެ.