ސްރީލަންކާ

ލަންކާގެ ލޯކަލް އިންްތިހާބުގައި ސަރުކާރަށް ބޮޑު ނާކާމިޔާބެއް

ސްރީލަންކާގައި އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެ ގައުމުގެ ވެރިކަން ކުރާ އިއްތިހާދަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިވެއްޖެ އެވެ.

އިއްޔެގެ އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބުނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސްރީލަންކާ ޕޮޑޫޖަނާ ޕެރަމޫނާ (އެސްއެލްޕީޕީ) އަށެވެ. އެޕާޓީން ވޯޓުގެ 44.65 ޕަސެންޓް ހޯދައި ލޯކަލް ކައުންސިލްތަކުގެ 340 ގޮނޑީގެ ތެރެއިން 220 ގޮނޑި ކާމިޔާބު ކުރި އެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) އަށް ލިބުނީ ވޯޓުގެ 32.63 ޕަސެންޓެވެ. އެއީ 41 ގޮނޑިއެވެ. ރައީސް މައިތިރިޕާލާ ސިރިސޭނާގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) އަށް ލިބުނީ ވޯޓުގެ 8.94 ޕަސެންޓެވެ. އެއީ 11 ގޮނޑިއެވެ.

ލަންކާގެ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވީ ވެރިކަން ކުރާ އިއްތިހާދުގައި ބޮޑެތި މައްސަލަތަކެއް އުފެދިފައި ވަނިކޮށެވެ. އެގޮތުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޕާޓީއާއި ސިރިސޭނާގެ ޕާޓީން އިންތިހާބަށް ކެމްޕޭން ކުރީ ވެސް ވަކި ވަކިންނެވެ.

އިންތިހާބު ކާމިޔާބު ވުމުން ރާޖަޕަކްސާ ވިދާޅުވީ މިއީ ސަރުކާރަށް ރައްޔިތުންގެ އިތުބާރު ނެތް ކަން ދައްކައިދޭ ކަމެއް ކަަަމަށާއި ޑިމޮކްރެޓިކް އުސޫލުން ބަލާއިރު ސަރުކާރު ދެމި އޮތުމުގެ ހައިސިއްޔަތެއް ނެތް ކަމަށެވެ. ނަމަވެސް ލަންކާ ސަރުކާރުން މިއަދު ބުނީ އާއްމު އިންތިހާބު އަވަސް ކުރަން ގޮވައިނުލާނެ ކަމަށާއި ރާޖަޕަކްސާއަށް ބޮޑުވަޒީރުކަން ދޭން ވެސް ސަރުކާރުން ނުނިންމާ ކަމަށެވެ. - އަލް ޖަޒީރާ