ދިވެހި ސިނަމާ

ހުޅުމާލެ އާއި ވިލިމާލެއަށް "ވަކިން ލޯބިން" ހާއްސަ

ޑާކްރެއިން އެންޓަޓެއިންމަންޓުން ރިލީޒްކުރުމަށް މިހާރު ތައްޔާރުވަމުންދާ ފިލްމު "ވަކިން ލޯބިން" ޓިކެޓް މިހާރު ވަނީ އޮލިމްޕަސްއިން ވިއްކަން ފަށާފަ އެވެ.

ޑާކްރެއިން މިހާރު ވަނީ ހުޅުމާލެ އަދި ވިލިމާލޭގައި އުޅޭ މީހުނަށް ހާއްސަކޮށް ޝޯއެއްވެސް ދައްކަން ނިންމާފަ އެވެ. މި ޝޯ އޮންނާނީ އަންނަ މަހު ނުވަ އެއްވާ ހުކުރު ދުވަހު އެވެ. އެ ދެ އަވަށުގައި އުޅޭ ފަރާތްތަކަށް ހާއްސަ ޝޯއެއް ބާއްވަން ނިންމީ މި ފިލްމު ހަމައެކަނި އޮލިމްޕަހުގައި އަޅުވާތީ އާއި ރޭގަނޑު ޝޯ ދައްކާތީީ އެ ފަރާތްކަށް އުނގަދޫވާތީ ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ. މި ޝޯގެ ޓިކެޓް މިހާރު އޮލިމްޕަހުން ލިބޭނެ އެވެ.

އަންނަ މަހު ފަހެއްގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމު އަންނަ މަހު އަށަކުން ފެށިގެން އައްޑޫ ސިޓީގައިވެސް ދައްކާނެ އެވެ. އައްޑޫ ސިޓީ މީދޫ އެފްއެމްޑީގައި އެއް ޝޯ ދެއްކުމަށް ހަމަޖެހިފައިވާއިރު، އައްޑޫ ސިޓީ މަރަދޫ ބޮންޑޯގްގައި ތިން ޝޯ ދައްކާނެ އެވެ. ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ މިހާރު އައްޑޫ ސިޓީގައި އަޅުވަން ހަމަޖެހިފައިވާ ޝޯތަކުގެ ޓިކެޓް ވިއްކުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މި ފިލްމު އަތޮޅުތެރޭ ގިނަ ރަށްތަކެއްގައި ދެއްކުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ. ފިލްމު ޕްރިމިއާ ކުރާ ރޭ ހދ.ކުޅުދުއްފުށީގައި ޝޯއެއް ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ހދ.ހަނިމާދޫގައި އަށް ވަނަ ދުވަހުގެ ރޭ ޝޯއެއް އޮންނާނެ އެވެ. މި ޝޯތަކަށްވެސް މިހާރު ވަނީ ޓިކެޓް ވިއްކަން ފަށާފަ އެވެ.

މާލޭގައި ދެއްކުމަށް ހަމަޖެހިފައިވާ ޝޯތަކުގެ ޓިކެޓްވެސް މިހާރު އޮލިމްޕަހުން ދަނީ ވިއްކަމުންނެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އަކުން ރޭގަނޑު 10:00 އަކަށް ޓިކެޓް ލިބޭނެ އެވެ.

ފެމެލީ ޑްރާމާ، މިި ފިލްމަކީ ޒުވާން ދެމަފިރިއެއްގެ ކައިވެނި، ވަރި ފަށަށް އެރުމުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގެ އޮފިޝަލް ޓްރެއިލާވެސް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.

ފިލްމުގެ ލީޑުން ފެނިގެންދާނީ ޖުމައްޔިލް ނިމާލް(ޖުމަލް) އަދި މަރިޔަމް މަޖުދާ(މަޖޫ) އެވެ. މި ދެ ތަރިންނާއެކު ހާއްސަ ރޯލަކުން "މަލިކާ" އިން ތައާރަފުވި ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް މި ފިލްމުގައި ފެނިގެންދާނެ އެވެ. މީގެ އިތުރުން ޗައިލްޑް އެކްޓަރުތަކެއްވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.

"ވަކިން ލޯބިން" ޑައިރެކްޓުކުރީ ޑައިރެކްޓާ އަލީ ޝިފާއު (ޗިއްޕެ) އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އައިޝަތު ފުއާދު ތައުފީގެވެ.