މޯލްޑިވިއަން އައިޑޮލް

މޯލްޑިވިއަން އައިޑަލް ފެށުން އަންނަ ބުރާސްފަތީގައި

ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ފްރެންޗައިޒް ޝޯ، މޯލްޑިވިއަން އައިޑަލްގެ ސީޒަން ތިނެއް އަންނަ ބުރާސްފަތި ދުވަހު ޕްރިމިއާ ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

މި މަހު ދޭއްގައި ފަށަން ކުރިން ހަމަޖެއްސުމަށްފަހު ޕްރިމިއާ ފަސްކުރީ ޕީއެސްއެމްގެ ބޯޑުން އެގޮތަށް ނިންމައިގެނެވެ. އައިޑަލް ޕްރިމިއާ ފަސްކުރި އިރު ރާއްޖޭގެ ސިޔާސީ މަސްރަހު ވެސް އޭރު އޮތީ ވަރަށް ބޮޑަށް ހަލަބޮލިވެފަ އެވެ.

އައިޑަލްގެ އޮފިޝަލް ޓުވިޓާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޮޑިޝަން ޝޯތައް އަންނަ ބުރާސްފަތި، ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ރޭ ދައްކާނެ ކަމަަށެވެ. ބުރާސްފަތި އަދި ހުކުރު ދުވަހު މާލޭގެ އޮޮޑީޝަންތައް ދެއްކުމަށް ހަމަޖެހިފައިވާއިރު، އައްޑޫ އޮޑިޝަން ދައްކާނީ ހޮނިހިރު ދުވަހު އެވެ. އަދި ރ. އުނގޫފަހަރު އޮޑިޝަން ދައްކާނީ އަންނަ އާދީއްތަ ދުވަހު އެވެ.

ދިގު އިންތިޒާރަކަށްފަހު އައިޑަލް ބުރާސްފަތި ދުވަހު ޕްރިމިއާ ކުރާއިރު އައިޑަލްގެ ޕްރޮޖެކްޓް ހެޑް އަދި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓާ އައިމިނަތު ޝާޔަން ޝާހިދު ވަނީ ސަސްޕެންޑުކޮށްފަ އެވެ. މިހާރު ޕްރޮޖެކްޓު ހިންގުމާއި ހަވާލުވެހުރި ކޮން ފަރާތެއް އަދި ވަނީ ސާފުވާގޮތް ނުވެ އެވެ.

މި ސީޒަން އެހެން ސީޒަންތަކަށް ވުރެ ވަރުގަދަ ވާނެކަމަށާއި، ބެލުންތެރިންނާއި ހަމައަށް ފުރިހަމަ ޝޯއެއް ގެނެސްދޭނެ ކަމަށް ސީޒަން ތިނެއް ލޯންޗު ކުރި ރޭ ޝާޔަން ވިދާޅުވެފައިވެ އެވެ.
ނަމަވެސް އައިޑަލް މި ސީޒަންގެ ފޯރި ކުޑަވެފައިވާ ބައެއް ފަރާތްތަކުން ބުނެ އެވެ. މި ފަހަރުގެ ސީޒަން ފަަށާ ތާރީހު ވެސް ކުރީ ދެ ސީޒަނަށްވުރެ ލަހެވެ. އޮޑިޝަންތައް ބޭއްވި ރަށްތައް މަދެވެ.

މި ސީޒަން ހޮސްޓް ކުރާނީ ކުރީ ދެ ސީޒަން ވެސް ހޮސްޓް ކުރި މުސާ ވަސީމާއި އަލަށް ގުޅުނު މަޝްހޫރު ރޭޑިއޯ ޕްރެޒެންޓާ ޝައިނާ ޝަރީފް އެވެ.

ޖަޖުންގެ ޕެނަލުން މި ފަހަރު ހަތަރު ޖަޖުން ފެނިގެންދާނެ އެވެ. އެއީ ކުރީގެ ދެ ސީޒަންގައި ވެސް ޖަޖަކަށް އިން މަރިޔަމް އުނޫޝާ (ކިޑީ)، ފުރަތަމަ ސީޒަންގައި ޖަޖުކުރި އަހުމަދު އަލީ (އައްމަޑޭ)، އަދި ދެ ވަނަ ސީޒަންގައި ޖަޖު ކުރި އިސްމާއިލް އައްފާން އެވެ. ޖަޖުންގެ ޕެންލްއާ އަލަށް ގުޅިފައި ވާނީ ޒާރާ މުޖުތަބާ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދެއެއް ކާމިޔާބުކޮށްފައި ވަނީ މުހައްމަދު ތަސްނީމް (ބޮބް) އެވެ. އަދި ފުރަތަމަ ސީޒަން ކާމިޔާބުކޮށްފައި ވަނީ ލައިޝާ ޖުނައިދު އެވެ.