ހަބަރު

"ފަނޑިޔާރުން ހައްޔަރު ކުރުމަކީ ކޯޓުތަކަށް ދިން ހަމަލާއެއް"

Feb 12, 2018
11

އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓްގެ އިތުރު ފަނޑިޔާރަކު ހައްޔަރު ކޮށްފައި ވުމަކީ ރާއްޖޭގެ ކޯޓުތަކުގެ މިނިވަން ކަމަށް ދީފައިވާ ހަމަލާއެއް ކަމަށާއި ރާއްޖޭގައި ގާނޫނުތައް އޮތީ ހިސޯރުކޮށްފައި ކަމަށް އދ. ގެ ހިއުމަން ރައިޓްސް ގްރޫޕަކުން ބުނެފި އެވެ.

ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން އދ. ގެ ހިއުމަން ރައިޓްސް ގްރޫޕަކުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ އިސް ދެ ފަނޑިޔާރުން ހައްޔަރު ކުރުމުގެ ސަބަބުން މިނިވަންކަމާއެކު އެ ކޯޓަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްވެފައި ނުވާ ކަމަށެވެ. އަދި ވެރިކަން ހިންގުމުގެ ބާރާއި ޝަރުއީ ކޯޓުތަކުގެ ބާރު ވަކިވެފައި އޮންނަ ޖެހޭ އޮތުމަށް ވެސް އޭގެ އަސަރުކޮށްފާނެ ކަމަށް އެ ގްރޫޕުން ބުނެފައިވެ އެވެ.

"ސީދާ ސުޕްރީމް ކޯޓަށް އަމާޒުކޮށް ދިން މި ހަމަލާގެ ސަބަބުން އުސޫލުތަކާއި މިނިވަންކަމާއެކު އެ ކޯޓުގެ މަސައްކަތް ކުރިޔަށް ދާ ކަމާމެދު މިވަނީ ސުވާލު އުފެދިފައި، އަދި ގާނޫނީ ހަމަތަކާއި އިންސާނީ ހައްގުތައް ހިމާޔަކޮށް އަސާސީ މިިނިވަންކަން ކަށަވަރުކޮށްދެވޭނެ ކަމާމެދު ވެސް ވަނީ ޝައްކު އުފެދިފައި، ރާއްޖޭގެ ގާނޫނުތައް އޮތީ ހިސޯރުކޮށްފައި ކަން ވަރަށް ސާފު، އެހެންކަމުން ސުޕްރީމް ކޮޓުގެ މިނިވަންކަމަށް ގެއްލޭ ފަދަ ގޮތަކަށް އަމަލު ނުކުރަން ސަރުކާރަށް ގޮވާލަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މިނިވަން ޝަރުއީ ނިޒާމެއް ކަށަވަރު ކުރަން ޖެހޭ ކަމަށް ރާއްޖޭގެ ގާނޫންތަކާއި ރާއްޖެއިން ސޮއިކޮށްފައިވާ ބޭރުގެ މުއާހަދާތަކުން ވެސް އޮންނާނެ ކަމަށް އދ.ގެ ތަޖުރިބާ ކާރުން އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ފަނޑިޔާރުން ހައްޔަރު ކުރުމުގައި ސަރުކާރުގެ ނިޔަތާ މެދު ވެސް އެ ފަރާތްތަކުން ވަނީ ސުވާލު އުފައްދާ ކަންބޮޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ދެ ފަނޑިޔާރަކު ހައްޔަރު ކުރުމާ ގުޅިގެން ސުޕްރީމް ކޯޓުގައި ދެން ތިބި ފަނޑިޔާރުންގެ މަސައްކަތައް އަސަރުކޮށްފާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ފަނޑިޔާރުން ހުރިހާ މައްސަލައެއް ބަލަން ޖެހޭނީ އެއްވެސް ތަފާތު ކުރުމެއް ނެތި ހަގީގަތާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، ނަމަވެސް އެމީހުންގެ ސަލާމަތަށް ބިރުވެރިކަމެއް އޮތްހާ ހިނދަކު އެއީ ކުރަން ފަސޭހަ ކަމަކަށް ނުވެދާނެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އދ. އިން މިހެން ބުނެފައިވާ އިރު ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ބޭރުގެ ގިނަ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް ރާއްޖޭގެ ހާލަތު ކިޔާދިނުމަށް ސަރުކާރުން ވެސް އަންނަނީ އެކި ގޮތްގޮތަށް މަސައްކަތް ކުރަމުންނެވެ.