(11 ފެބްރިއަރީ 2018 އާ ގުޅޭ) -- "މަންމަ ބުނީ ތެދެއް... އިޓްސް ހާ ފޯލްޓް. މި ހުރިހާ ކަމެއް މިހެންމިވީ އޭނާއާ ހެދި" އަރްސަލް ބުނެލި ބަސްތައް އިވިފައި ރާދިން މާޔޫސްވިއެވެ.
ލޫންގެ މައިންބަފައިންނަށް ރާދިން އިޚުތިރާމު ކުރެއެވެ. ވަކިވެ ދިޔައީ އެމީހުންގެ ދަރިފުޅެވެ. އެހެންނަމަވެސް ރާދިންގެ ނަޒަރުގައި އަރްސަލްގެ ވޭނާއި ކެކުޅުން އެ މީހުންނަކަށް ނުވިސްނުނެވެ. އަރްސަލްގެ ވަށައިގެން އޭނާ ރައްކާތެރިކުރާނޭ ބަޔަކު ތިބިކަމުގައި ވިޔަސް އޭނާއަކީ އެކަނިވެރިއެކެވެ. އެ އެކަނިވެރިކަން ފިލައި ދިޔައީ ހަޔާތަށް ބައިވެރިއަކު އައުމުންނެވެ. ލޯތްބާ ބައްދަލުވީ ފަހުންނެވެ. ދިރިއުޅުމުގެ ހުރިހާ ނުތަނަވަސްކަމެއް އޭނާއާ ދުރަށް ދިޔައީ އަރްސަލްގެ އަތުގައި ލޫން ހިފި ހިސާބުންނެވެ. ނަމަވެސް މިއަދު އޭނާއަށް މަގު ދައްކައިދޭން ލޫންއެއް ނެތެވެ. ހަމައާއެކު ލޫންގެ މަންމަ ވެސް އަރްސަލްއަށް ރަނގަޅު މަގު ޚިޔާރުކުރުމަށް ހިތްވަރު ދިނުމުގެ ބަދަލުގައި އެ ސިކުނޑިއަށް ވައްދަން މަސައްކަތް އެ ކުރީ ގޯސް ޚިޔާލެކެވެ. އެކަމާ ހުރެ ރާދިންގެ މުޅި ނަފްސުގެ ހަމަޖެހުން ގެއްލިއްޖެއެވެ. އެކުވެރިޔާގެ ޢަމަލުތައް ގޯސްވުމަކީ އޭގެ ޒިންމާ އޭނާގެ ބޮލުގައި ވެސް ނޭޅި ނުދާނޭ ކަމެކެވެ. އެހެންވިޔަސް މިވަގުތަށް ރާދިން ހިމޭންކަން ޚިޔާރުކުރީއެވެ.
* * * *
ދަންވަރުގެ ވަގުތެވެ. ބޭސްކާން ހަނދާން ހުރި ނަމަވެސް ނިމްރާ ބޭހެއްނުކެއެވެ. ގައިގެ އެތަން މިތަނުގައި ވޭން އަޅާއިރު އޭނާއަށް ކެތްކުރަން ދަތިވެފައިވެއެވެ. ދެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ. ކުރެވުނު ކުށުގެ ސަޒާ ގައިގާ އަޅަމުންދިޔަ ވޭނަށްވުރެ ވެސް ބޮޑުކަމުގައި އަމިއްލަ ޟަމީރަށް ވިސްނައިދެމުންނެވެ. އެހާލުގައި ނިމްރާ އުޅެނިކޮށް މެންދަމުން އަލިވެ ތިނެއް ޖަހަން ދަނީއެވެ. ވޭނަށް ކެތްނުކުރެވި ނިމްރާގެ މުޅި ހަށިގަނޑުގައި ތުރުތުރެއް އުފެދިފައިވެއެވެ. އުނދަގޫ ގޮތަކަށް އެނދުން ތެދުވި ނަމަވެސް ހިންދެމިއެއް ނުލެވުނެވެ. އެނދުގެ އަރިމަތީ ހުރި ކުޑަ ކަބަޑުގެ މަތީ އޮތް ކޮތަޅު ހާވާލުމާއެކު އޭގެ ތެރެއިން ބޭސް ކާޑުތައް ނެގިއެވެ. ތިން ކާޑަކުން ބޭސް ގުޅައެއް ނައްޓާލާ އަނގައަށް ލާފައި ފެންފުޅި ނަގާ ތުނބުގައި ޖަހާލިއެވެ. އެއްކޯވަރުން ބޭސްގުޅަތައް ދިރުވާލީއެވެ. އެއަށްފަހު ކޮޓަރީގައި ހުރި އޭސީ ނިއްވާލިއެވެ. ބޯލާކޮޅު ފަޑީގައި ބުރަކަށި ޖައްސާލައިގެން ދެ ކަކޫ ގެނެސް ދެ އަތުގެ އެހީގައި މެޔާލާ ފިއްތާލައިގެން ނިމްރާ އިނެވެ. ބޭހުގެ އަސަރު ކުރަން ފެށުމުން ސިކުނޑިއަށް ހަމަވިސްނުން ލިބިގެން ދިޔައެވެ.
"ކާފަގެ އެކައުންޓްތައް..." މިޢުވާނުގެ ބޭވަފަރާތެރިކަމަށްވުރެ ނިމްރާ ކަންބޮޑުވެފައިވަނީ އޭނާގެ މަކަރުވެރި ރޭވުމުގެ ސަބަބުންނެވެ. ކާފަގެ ވިޔަފާރި އެއްކޮށް އޭނާ ގެންދިޔައިރު އޭނާ އަތްނުލާ އެއްވެސް އެއްޗެއް އޮތްތޯ ބަލަން ނިމްރާގެ ޟަމީރު ގޮވާލިއެވެ. ރަޒިއްޔާއާއި ނިމްރާގެ މުޅި ދިރިއުޅުމާ އެ ވިޔަފާރިއާ ގުޅިފައިވެއެވެ. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދަމުން އައީ އެ ވިޔަފާރީން ލިބޭ އެއްޗަކުންނެވެ. ކުރިއަށް އޮތްތާ އެ ވިޔަފާރީން އެ ދެމައިންނަށް ވާނޭ މަންފާއެއް ނެތްކަން ނިމްރާއަށް އެނގެއެވެ. އެހެންވެ ފައިސާ ލިބޭނޭ ގޮތެއް ހޯދުން މުހިންމެވެ. ވަޒީފާއަކަށް ދިއުމުގެ ޚިޔާލު ނިމްރާގެ ސިކުނޑިއަށް ވަނުމާއެކު އިތުރަށް އޭނާ މާޔޫސްވެ ތިރީ ތުންފަތުގައި ދަތްއަޅާލިއެވެ. ރަޒިއްޔާ ގާތު ނުބުނެވާނޭ ހުރިހާ ގޮތަކަށް ނިމްރާ ވިސްނުން ހިންގިއެވެ.
"ރޮއެގެން އެއްވެސް ކަމެއް ހައްލެއްނުވާނެ. ނީޑް އެކްޝަން... މިހާރު އަތުގައި ހުރި ވަރެއް ބަލަން އެބަޖެހޭ. މާމައަށް ޝައްކުނުވާނޭހެން ހުރިހާ ކަމެއް ކުރަން ޖެހޭނީ" ދެ ލޯ ފުހެލަމުން ނިމްރާ ބުނެލިއެވެ.
* * * *
ފުންނޭވާއެއް ބޭރުކޮށްލުމާއެކު އެނދުގައި އޮވެފައި އަރްސަލް ތެދުވިއެވެ. ފަނޑު އޮރެންޖުކުލައެއް މުޅި ކޮޓަރިއަށް ވެރިވެފައި އޮތެވެ. ކޮޓަރިން ނުކުންނަން އައިސްފައި ވެސް އަރްސަލް ހުއްޓުނެވެ. އަދި ވަށައިގެން އެ ކޮޓަރިއަށް ބަލާލިއެވެ. އެނދުގެ ތަންމަތި ވަނީ ބަދަލުކޮށްފައެވެ. ލާފަ ބަލާ ހެދުން އަޅުވާ ހަރުގައި ހުރީ ހަމައެކަނި އަރްސަލްގެ ގަމީހަކާއި ޖީންސެކެވެ. ރީތިވާ މޭޒުމަތި މުޅިންހެން އޮތީ ހުހަށެވެ. އެތަނުން ވެސް ފެންނަނީ އަރްސަލްގެ އެއްޗެހި އެކަންޏެވެ. އެހެންވިޔަސް އެ ހަތަރު ފާރުގެ ތެރޭގައި އަރްސަލްގެ ނޭވާ ހާސްވަމުން ދާކަހަލައެވެ. ދެ ލޮލުގައި ނިންޖެއް ނުވެއެވެ. ހިމޭންކަން އޭނާއަށް އުނދަގޫ ކުރަނީއެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލާފައި ދޫކޮށްލިއެވެ. އަދި އަރްސަލް ކޮޓަރިން ނުކުމެ ދޮރުލައްޕާލިއެވެ. މުޅި ގޭތެރެ އޮތީ ހިމޭންވެފައެވެ. މަޑުމަޑުން އައިސް ސިޓިންރޫމާއި ބަދިގެއާ މެދުގައި ހުއްޓިލިއެވެ. ސޯފާގައި އޮވެފައި މީހަކު ކުއްލިއަކަށް ތެދުވުމުން އަރްސަލް ވެސް ދިޔައީ ސިއްސައިގެންނެވެ.
"އަރްސަލް" ރާދިންގެ އަޑު އިވުނެވެ.
"ރާދު މިތާތަ؟ ކިހިނެއްވީ؟" ހައިރާންކަމާއެކު އަރްސަލްއަށް އަހާލެވުނެވެ.
"ނުނިދިގެން" ރާދިން ބުނެލިއެވެ. އޭނާގެ ލޮލާ ނިދި ވަކިވެފައިވަނީ އަރްސަލްގެ ސަބަބުންނެވެ. އަރްސަލް އުޅޭ ހާލު އޭނާއަށް އެނގޭތީއެވެ. އަރްސަލްއަށް ޓަކައި ކޮށްދެވޭނޭ ކަމެއް ސިކުނޑިއަށް ނުވިސްނޭތީއެވެ.
"އަހަރެން ވެސް" އަރްސަލް ބުނެލިއެވެ. އަދި މަޑުމަޑުން ސިޓިންރޫމުން ނުކުމެވެން ހުރި ބެލްކަންޏާ ދިމާއަށް އަރްސަލް ދިޔައެވެ.
"ކޮފީ ބޯންވީނު؟" ރާދިން އައިސް ބެލްކަނީގައި ހުރި އަރްސަލްގެ ގާތުގައި މަޑުކޮށްލިއެވެ.
"ނުނިދިގެން އުޅޭއިރު އަދިވެސް ކޮފީތަ ބޯންވީ؟" އަރްސަލް އިޝާރާތްކުރީ ރާދިންގެ ހާލަތަށެވެ. އެއީ އަރްސަލްއަށް ނިންޖާއި ހިތްހަމަޖެހުން ލިއްބައިދެވޭނެ އެއްވެސް އެއްޗެއް މިވަގުތު ނެތްކަން ޚުދު އޭނާއަށް ޔަގީންވާތީއެވެ. އޭނާގެ ސަބަބުން ރާދިންގެ ނިދި ހަލާކުވާކަށް އަރްސަލް ނޭދެއެވެ.
"ތެދެކޭ ދޯ..." ބެލްކަނީގައި ދެ މީހުންނަށް އިށީނދެވޭގޮތަށް ދެ ގޮނޑި ބަހައްޓާފައި ހުރި ވަށް މޭޒުގެ ދޮށުގައި ރާދިން އިށީނެވެ. ހުހަށް ހުރި ގޮނޑީގައި އަރްސަލް ވެސް އައިސް އިށީނެވެ. ވާރޭ ވެހިފައި ހުއްޓާލާފައި އޮތުމުން ފަޒާގައި ދައުރުވަމުންދިޔަ ފިނި ވައިރޯޅިތައް ދެ ޒުވާނުންގެ ތަނަވަސް މޭމަތީ ބީހިލައެވެ. ދެ ޒުވާނުން ވެސް ތިބީ ދޫ ހަރުވާޅެއްގައި އެކަންޏެވެ.
"އޯ ގޯޑް! ހާދަ ފިންޏޭ..." ފިނިކަމުގެ އަސަރު ކުރީ ރާދިންއަށެވެ. ދެއަތް ހުރަސްކޮށްލާ ކިހިލިފަތް ދަށަށް ދެއަތްތިލަ ރާދިން ވައްދާލިއެވެ.
"މާދަން އޮފީހަށް ނުކުންނަން ކަމަށް މި ވިސްނަނީ.... ގޭގައި ހުންނާކަށް ބޭނުމެއްނޫން" ރާދިން ދެއްކި ވާހަކައަކަށް ސަމާލުކަމެއް ނުދީ އަރްސަލް ވާހަކަދެއްކިއެވެ.
"ކިހިނެއްވާނީ ލާމުގަ އެ ނިންމި ހޮޓެލްއަށް ދުވަސްކޮޅަކަށް ދާން. ގާތް ގަނޑަކަށް އެތަނުގެ ހުރިހާ ކަމެއް ނިމިފައި ހުރީ. އެޕްލައިއެންސްއާއި ފަރުނީޗަރ ޝިޕްމެންޓު ވެސް މިކޮޅަށް އަތުވެއްޖެ. އޭރުން އެ ތަން ހުޅުވާފައި އަހަރެމެންނަށް މިކޮޅަށް އާދެވިދާނެއެއްނު" ކުއްލިއަކަށް ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށް ރާދިން ބުނެލިއެވެ. ދުރަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު އަރްސަލް އިނުމަށްފަހު އެއްބަސްވިއެވެ.
* * * *
ފުރުމުގެ ހުރިހާ ކަމެއް ދެ ދުވަހެއްގެ ތެރޭ ރާދިން ހަމަޖެއްސިއެވެ. އަތޮޅު ތެރޭގައި ރާދިންއާއި އަރްސަލް ޚިއްޞާވާ ކުންފުނިން އަޅާ ފުރަތަމަ ހޮޓަލަށް ވާތީ އެކަން ވަރަށް ފުރިހަމައަށް ކުރަން ދެ މީހުންގެ ވިސްނުމުގައި ވެސް ވިއެވެ. ޑްރީމް ބިލްޑާސްއަކީ އަރްސަލްއާއި ރާދިންގެ އަމިއްލަ ކުންފުންޏެކެވެ. އެ މީހުންގެ އަމާޒަކީ ގެސްޓުހައުސްއާއި ހޮޓެލް ދާއިރާގައި އެންމެ ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދޭ ބަޔަކަށް އެ ކުންފުނީގެ ދަށުން އަޅާ ތަންތަން ވުމެވެ. ނަމަވެސް އަދި އެ ކުންފުންޏަކީ ވަރަށް ޅަ ކުންފުންޏެކެވެ. އަދި ވީ އެންމެ އަށް އަހަރެވެ. އަށް އަހަރު ތެރޭ ހަތްތަރީގެ އެއް ހޮޓަލާއި ފަސްތަރީގެ ހޮޓަލަކާއި ދެ ގެސްޓު ހައުސް ވަނީ ހުޅުވާފައެވެ. އެހެންވެ ކުރަންޖެހޭ މަސައްކަތްތައް ވެސް ގިނައެވެ. އަރްސަލްއާއި ރާދިންއަކީ އިކޮނޮމިކްސްއާއި އާކިޓެކްޗަރއިން މާސްޓާޒް ނަގާފައި ތިބި ދެ ޒުވާނުންނެވެ. އިމާރާތުގެ އެތެރެއާއި ބޭރު ފަރުމާކުރާނޭ ގޮތާ ބެހޭ ގޮތުން އެކި ފަހަރު މަތިން ތަފާތު ވޯކްޝޮޕުތަކުގައި ބައިވެރިވުމުގެ އިތުރުން ކުދި ކޯސްތައް ވެސް ވަނީ ހަދާފައެވެ. ކުރަން ބޭނުންވާ މަސައްކަތާއި ގުޅިގެން ކިޔަވައިގެން ތިބި ހަރުދަނާ ދެ ޒުވާނުންނެވެ. ދެ މީހުންގެ އާމަޒަކީ ވެސް އެކައްޗެކެވެ. މާލެއަށްވުރެ ބޮޑަށް އެ މީހުންގެ ވިސްނުން ހުރީ ހުޅުމާލެއާއި އަތޮޅު ތެރޭގެ ބޮޑެތި ރަށްރަށުގައި ހޮޓެލްތައް އަޅާ ގިނަ ކުރުމަށެވެ. އަރްސަލްގެ ބައްޕަ ބިލާލަކީ ވެސް އެ ދާއިރާގައި އުޅޭ ވިޔަފާރިވެރިއަކަށް ވިޔަސް ބައްޕަގެ ވިޔަފާރީގައި ބައިވެރި ވުމުގެ އެއްވެސް ޚިޔާލެއް އަރްސަލްގެ ނެތެވެ. ވިޔަފާރި ފަށައިގަތުމަށް އިންވެސްޓު ކުރީ މުއްޠަލިބެވެ. އެވެސް އެ ފައިސާ އަނބުރާ އޭނާއަށް ދޭގޮތަށް އަރްސަލްއާއި ރާދިން ބޭނުންވާތީ އެ އުސޫލުގެ މަތިންނެވެ. އެ ފައިސާ ހަލާސްކުރެވުނުތާ އަދިވީ އެންމެ ދެއަހަރެވެ. ހީނުކުރާވަރުގެ ބޮޑު ފައިދާއެއް އެ މީހުންނަށް ﷲ މިންވަރުކުރެއްވިއެވެ.
ފްލައިޓް އައިސް ލ.ގަމުގެ ވައިގެ ބަނދަރުގައި ޖެއްސީ މެންދުރު ފަހުއެވެ. ލެގެޖުތައް ހިފައިގެން ރާދިންއާއި އަރްސަލް ނުކުތް އިރު ޕްރޮޖެކްޓު މެނޭޖަރު ވާހިދު އެ މީހުން ބަލާ އައިސް ހުއްޓެވެ. ވާހިދުގެ ދިރިއުޅުން ވޭތުވެ ދިޔަ ދެއަހަރެއްގެ ތެރޭގައި ވަނީ ވަރަށް ބޮޑުތަން ކުރިއަށް ޖައްސާލާފައެވެ. އޭނާގެ އަމިއްލަ ކާރުގައި އަރްސަލްއާއި ރާދިން ގޮވައިގެން އައީ އެ މީހުން ތިބުމަށް ހަމަޖައްސާފައި ހުރި ގެސްޓު ހައުސްއަށެވެ. ވާހިދު އެދުނީ ކޮންމެ ރެއެއްގެ ކެއުން އެ މީހުންގެ ގޭގައި ތައްޔާރު ކުރެވިފައި ހުންނާނޭ ކަމަށެވެ. އަރްސަލްއާއި ރާދިން ޤަބޫލުވާނޭނަމަ އެ ގޭގައި ތިބުމުގެ ކަންކަން ވެސް ހަމަޖެހިދާނޭކަމުގެ ޔަގީންކަން ވާހިދު ދިނެވެ. ނަމަވެސް އަރްސަލް ރުހޭ ކަމަކަށް އެކަން ނުވާތީ ރާދިން ބަހަނާއެއް ދެއްކީއެވެ. ވާހިދުގެ ހެޔޮކަމަށް ޝުކުރު އަދާކޮށް ކޮންމެ ރެއެއްގެ ކެއުމުގައި އޭނާއާ ބައިވެރިވާނަން ކަމަށް ރާދިން އެއްބަސްވިއެވެ. އިރުއޮއްސެން ގިނައިރެއް ނެތުމުން ކޮޓަރީގައި ދަބަސްތައް ބަހައްޓާފައި ވާހިދުއާއެކު ދެ ޒުވާނުން ވެސް ނުކުތީ ކާރުގައި ރަށުތެރެ ބަލާލާށެވެ. އަތޮޅުތެރޭގެ ބޮޑު ރަށަކަށް އާދެވުނު މީ އެ ދެމީހުންގެ ފުރަތަމަ ފަހަރެވެ. ރިސޯޓުތަކަށް ގޮސް އުޅުނު ނަމަވެސް ރަށްފުށުގެ ދިރިއުޅުން ތަރައްޤީ ވެފައިވާ ވަރު ބަލާލުމުގެ ނަސީބު ލިބުނީ އަދިކިރިޔާއެވެ.
"ދުވާލު ގަޑީގައި ބަލާލަން ދާނޭ ލައްކަ ތަންތަން އޮންނާނޭ. މިހާރު ދެން އިރުއޮއްސެނީނު. މަޣުރިބަށް ގޮވުމުގެ ކުރީން ހިނގާ ކޮފީއެއް ބޯލަން" ކާރު ދުއްވަމުން ވާހިދު ބުންޏެވެ.
"މާދަމާ ކަސްޓަމަށް ދާން ޖެހޭނެ" ރާދިން ހަނދާންކޮށްދިނެވެ.
އަތިރިމަތި ފެންނަ ގޮތަށް ހުރި ކެފޭގެ މަތީ ބަޔަށް ވާހިދު އެރިއެވެ. އޭނާގެ ފަހަތުން އަރްސަލްއާއި ރާދިން ވެސް އެރިއެވެ. ހުޅުވާލެވިފައި އޮތް ޑެކުމަތީ ޖަހާފައި ހުރި ވަށް މޭޒުތަކުން މޭޒެއްގެ ދޮށުގައި ތިން މީހުން އިށީނެވެ. ކޮފީއަށް އޯޑަރު ދިނީ ވާހިދުއެވެ.
"އަޅުގަނޑު ކަސްޓަމަށް ގޮސް އެކަން ހަމަޖައްސާނަން.... އަރްސަލް! އަޅުގަނޑު... އަންހެނުން ނިޔާވި ވާހަކަ އަޑުއެހިން. އަޅުގަނޑު ގުޅާ ވެސް ލީން" އަރްސަލްގެ ދިރިއުޅުމަށް އައިސްފައިވާ ހުސްކަމުގެ ވާހަކަ ދައްކަން ވާހިދަށް ފަސޭހައެއްނުވިއެވެ. ރާދިން އަވަހަށް ވާހިދަށް ލޮލުން އިޝާރާތް ކޮއްލީ އެ ވާހަކަ ހުއްޓާލުމަށެވެ. އަދި މަސައްކަތާ ބެހޭ ވާހަކައެއް ފެށިއެވެ. ދުރުން ފެންނަމުން ދިޔަ ފުއްޓަރު ފަރާތަށް ބިންދާލާ ރާޅުތަކަށް ބަލަހައްޓައިގެން އަރްސަލް އިނީ ބަހެއް ވެސް ނުބުނެއެވެ. އަމިއްލަ ޚިޔާލު ތަކަކަށް ގެއްލިފައި އިންހެނެވެ.
ލާމަށް ދިޔަތާ ހަފުތާއެއް ވެގެން ދިޔައިރު މަސައްކަތް ފެށިއްޖެއެވެ. އިމާރާތުގެ ތެރެއަށް ތަކެތި ވައްދަން ފެށިއެވެ. ފަރުނީޗަރުތައް ރާވާ އެހެނިހެން ސާމާނުތައް ބަހައްޓަން ފެށިއެވެ. މެންދުރުފަހު ދޭއް ޖަހަން އުޅެނިކޮށް ރާދިންގެ ފޯނަށް ކޯލެއް އައެވެ. ފުލުސް އޮފީހުގައި ހުންނަ އޭނާގެ ރަޙުމަތްތެރިޔާގެ ނަންބަރުކަން އެނގި އޭނާ އަވަސްވެލީ އަރްސަލްއާ ދުރަށް ޖެހިލާށެވެ. ނަސީބަކުން އަރްސަލްއަށް ވެސް ފޯނެއް އައީ ހަމަ އެވަގުތުއެވެ. އެކަހެރިވެލާފައި ރާދިން ފޯނު ކޯލު ނެގިއެވެ. އަނެއްކޮޅުން ދެއްކި ވާހަކަތައް އަހާފައި ރާދިންގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. އެތައް ފަހަރަކު އެއް ސުވާލެއް ރާދިންއަށް ތަކުރާރު ކުރެވުނެވެ. ލިބުނީ ހަމަ އެއްޖަވާބެކެވެ. ފަހުން އަދި ގުޅާލާނަން ކަމުގައި ބުނެ ރާދިން ކޯލު ކަނޑާލީއެވެ.
ބެލްކަނި ލާފައި ހުރި ކޮޓަރިތަކުގެ ތެރެއިން ތިންވަނަ ފަންގިފިލާގައި ހުރި ކޮޓަރީގެ ބެލްކަނީގައި ރާދިން މަޑުކޮށްލައިގެން ހުރި ގޮތަށް ހުރީއެވެ. އެތަނަށް އަރްސަލް ނުކުތްތަން ފެނިފައި ހިސާބަކަށް ރާދިން ކަންބޮޑުވިއެވެ.
"ކާކު ގުޅީ؟" އަރްސަލް އަހާލިއެވެ.
"އަރްސަލްއަށް ކާކު ގުޅީ" މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލަން މަސައްކަތް ކުރަމުން ރާދިން އަހާލިއެވެ.
"ކީފާ! ދެން އެހެން ކާކު ގުޅާނީ... ކޮންމެ ދުވަހަކު ދެފަހަރަށް ބޯ ބޭހެއްހެން އޭނާ ގުޅައެއްނު" ބެލްކަނީގެ ފާރުބުރީގައި ބުޑުޖައްސާލަމުން އަތުގައި އޮތް ފޯނު، ސޯޓުގެ ޖީބަށް އަރްސަލް ލިއެވެ. ރާދިން ހުރީ ފާރުބުރީގައި ދެއަތް އަޅުވާލައިގެން ދުރު ބަލަހައްޓައިގެންނެވެ.
"ދެން ބުނެބަލަ؟ ކާކުތަ ގުޅީ؟ މުއްތުބެތަ؟ އަހަންނަށް އެނގޭ ރާދު ބުނިކަން އަހަރެމެން މިކޮޅަށް އަންނަ ވާހަކަ" އަރްސަލް ހީކުރީ މުއްޠަލިބުގެ ކޯލެއް ކަމަށެވެ.
"މިއަދަށް ދެން މަސައްކަތް ހުއްޓާލަމާ. ވަރުބަލިވެއްޖެ.... ބަނޑުހައި ވެސް ވެއްޖެ. ތަނަކަށް އަރާ ތިބެ ހަމަޖެހިލައިގެން އެ ވާހަކަ ދައްކާނީ" އަރްސަލް އެއްޗެއް ބުނާނޭ ފުރުޞަތެއް ނުދީ ރާދިން ހިނގައިގަތީ އެތެރެއަށެވެ.
"ކޮބާތަ ވާހިދު... އޭނާ ގާތުގައި ބުނަންވީނު" ރާދިންގެ ފަހަތުން އައި އަރްސަލް ބުނެލިއެވެ.
ގެސްޓު ހައުސްއަށް އެނބުރި އައިސް ފެންވަރާލައިގެން އަރްސަލްއާއި ރާދިން އެރީ ކައިރީގައި ހުރި ރެސްޓޯރެންޓަކަށެވެ. ކާއެއްޗެހި ގެންނަން އޯޑަރު ދީފައި އަރްސަލް އަނެއްކާ ވެސް ސުވާލު ކުރީ ރާދިން ފޯނުން ވާހަކަދެއްކި މީހާއާ ބެހޭގޮތުންނެވެ.
"އާނިމު ގުޅީ. އެކްސިޑެންޓާ ގުޅިގެން" ކަންބޮޑުވެފައި އިނދެ ރާދިން ވާހަކަދެއްކިއެވެ.
"ކީކޭ ބުނީ؟" އަރްސަލްގެ ކެތްތެރިކަން ކުޑަވިއެވެ.
"އެއީ ހަމަ އެކްސިޑެންޓްއެއް..." ޖެހިލުންވެފައި އިނދެ ރާދިން ބުނީ އަރްސަލްގެ ފުށުން ފެންނާނޭ އަސަރެއް ނޭނގޭތީއެވެ.
"އެކްސިޑެންޓްއެއް... ބަޓް ހައު... ކީއްވެ އެކްސިޑެންޓެކޭ ތިބުނީ؟ އޭނާ ޖެއްސީމައެއްނޫންތަ ލޫން މަރުވީ. އޭނާ ހުރީ އަނދިރިވެފަތަ ކުރިމަތިން މީހަކު ނުފެންނަހާ. އައި ކާންޓް ބްލީވް ދެޓް... އެއީ އެކްސިޑެންޓެއްނޫން" ޤަބޫލުކުރާކަށް އަރްސަލް ބޭނުމެއްނުވިއެވެ.
"ގަސްދުގައި ޖެއްސީއެއްނޫން... ސައިކަލުގެ ބުރެކި ހުރީ މީހަކު ދަމައިގަނެގެން ކަނޑާލާފައި ހުރިހެން ކަމަށް އާނިމު ބުނީ. އަމިއްލައަށް މަރުވުން ކަހަލަ ކަމެއް ދޯ ބުރެކި ނެތި އެއްވެސް އުޅަނދެއް ދުއްވުމަކީ. އެ މީހުން ބުނީ ދަޢުވާ ކުރާނޭ ފުރުޞަތެއް ނެތްކަމަށް. އާނިމު ބުނި ލައިސެންސް ހިފެހެއްޓިދާނޭ އަހަރެމެން ބޭނުންނަމަ.... އެ ނޫން ފިޔަވަޅެއް ނެތޭ އެޅޭކަށް"
"ވަޓް... ދެޓްސް ބުލްޝިޓް... ލޫންއާއި ދަރިފުޅު މަރުވީ... އޭނާ ހަމަ އުފަލުގައި. އޭނާއަށް ލިބުނު ދެރައެއްނެތް... ނޯ! ނޯވޭ!... އިޓްސް ނޮޓް ފެއަރ!... ނޮޓް ފެއަރ އެޓް އޯލް!... ޝީ ހޭސް ޓު ޕޭ! ޝީ ހޭސް ޓު ޕޭ ރާދު!.... ޝީ ހޭސް ޓު ޕޭ ފޯ މައި ލޮސް!... ސަމްބޮޑީ ހޭސް ޓު ޕޭ!... އިޓްސް ހާ ފޯލްޓް" އަރްސަލްގެ ޠަބީޢަތް ކުއްލިއަކަށް ގޯސްވިއެވެ. އޭނާގެ އަޑު ބާރު ވިއެވެ.
"އޯކޭ... އޯކޭ.... ޝީ ވިލް ޕޭ... ޖަސްޓް ކާމް ޑައުން" ކަންބޮޑުވުމާއެކު ރާދިން އަވަސްއަވަހަށް ބުނެލިއެވެ. ލާމަށް އައިފަހުން އަރްސަލްގެ ޠަބީޢަތް ރަނގަޅު ވަމުން އައި ނަމަވެސް ކުއްލިއަކަށް މި ލިބުނު ޚަބަރުން އޭނާގެ ޠަބީޢަތް ޚަރާބުވެއްޖެކަން ރާދިންނަށް އެނގުނެވެ. މިވީ ގޮތުން އަރްސަލްއަށް ހަމަޖެހުމެއް އަވަހަކަށް ނުލިބޭނޭ ރާދިންގެ ޟަމީރު ބުންޏެވެ. ފޯނު އައި ވަގުތު ވެސް ރާދިން އެ ވާހަކަތައް އަރްސަލްއަށް ކިޔައި ނުދިނީ މިހެންވާނޭކަން އެނގޭތީއެވެ. އަރްސަލްގެ ހިތްދަތިކަން ނަފުރަތާއި ރުޅިވެރިކަން ޚިޔާރުކުރާތީއެވެ. ބަދަލު ހިފުމުގެ ރޫޚުން އޭނާގެ ލޭ ހޫނުވެ ކެކިގަނެއެވެ. ކުށެއްނެތި މީހަކަށް ސަޒާ ލިބިގެން ނުވާނޭކަން ރާދިން ޤަބޫލުކުރެއެވެ. އަރްސަލް ވެސް އެކަން ޤަބޫލުކުރާނޭކަން ރާދިންއަށް އެނގެއެވެ. އެކަމަކު ހާލަތު އޭނާ އެ ހިސާބަށް ވިސްނުން ހިންގަން ފުރުޞަތު ނުދެނީއެވެ.
"އިފް އައި ހޭވް ޓު ކިލް ހާ... އައި ވިލް..." (ނުނިމޭ)