ހަބަރު

އަލީ ހަމީދާމެދު އަމަލުކުރާ ގޮތުން ވަކީލުން ކަންބޮޑުވެއްޖެ

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު ހައްޔަރުކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާމެދު ފުލުހުން އަމަލުކުރަމުންދާ ގޮތުން ވަކީލުން ކަންބޮޑުވެއްޖެ އެވެ. ފަނޑިޔާލު އަލީ ހަމީދު ހައްޔަރުކުރީ ރިޝްވަތު ހިފައިގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމުތަށެވެ. ފަނޑިޔާރުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ހުންނެވީ ހައްޔަރުގަ އެވެ.

މި ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލް އަލީ ޒާހިރެވެ. އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރުން އަވަހާރަޕުޅު ލައްޕަވަނީ ކޮންކްރީޓް އަށްޓެއްގަ ކުނަލެއް އަޅައިގެންނެވެ. އޭގެއިތުރުން އޭނާއަށް ޖަލުން ފެނުނު މަންޒަރެއް ވެސް ވަނީ ހިއްސާ ކުރައްވާފަ އެވެ.

"ވަކީލުންތަކެއް ދޫނިދޫއަށް ދިޔަ އިރު ފެނުނީ ދެ ފުލުހުން ވެގެން ފަނޑިޔާރު އަލީ ހަމީދު އަތުލަފިކޮށްގެން ގޮޅިން ނެރެގެން ގެންގޮސް ފުރޮޅުލީ ގޮނޑިއަކަށް އަރުވައިގެން ޑރ.އަށް ދައްކަން ގެންދިޔަ މަންޒަރު،" އަލީ ޒާހިރު ވިދާޅުވި އެވެ.

ފަނޑިޔާރު އަލީ ހަމީދުގެ ހާލުކޮޅު ގޯސްވެގެން އައިޖީއެމްއެޗްގައި ފަރުވާ ވެސް ދީފައިވެ އެވެ. ހާލުކޮޅު ރަނގަޅުވުމުން އަލުން ޖަލަށް ބަދަލުކުރީ އެވެ.

ފަނޑިޔާރުންނަށް ޖަލުގައި އަމަލުކުރާ ގޮތުން ގާނޫނީ ވަކީލް ހިސާން ހުސެއިން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. ހިސާން ވިދާޅުވީ، އުއްތަމަ ފަނޑިޔާރު އޮންނަވާ ގޮޅިއަކީ، "ކުޑަ، ހޫނު، ވަސް ދުވާ އަދި ފަންކާއެއް ވެސް ނެތް،" ގޮޅިއެއް ކަމަށެވެ. އުއްތަމަ ފަނޑިޔާރު ހައްޔަރުގައި ހުންނެވީ ދޫނިދޫގަ އެވެ.

"އެއްވެސް އިންސާނަކާމެދު އެހާ އިންސާނިއްޔަތުކަން ކުޑަ ގޮތަކަށް އަމަލުކޮށްގެން ނުވާނެ،" އުއްތަމަ ފަނޑިޔާރުގެ ހާލުކޮޅާމެދު ކަންބޮޑުވުން ފާޅު ކުރައްވައި ހިސާން ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ހައްޔަރުގައި ބަހައްޓާފައިވާ ހާލާމެދު ވަކީލުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު މީގެ ކުރިން ވަކީލުން ނެރުނު ބަޔާނެއްގައި އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރިއިރު ވެސް އެމަނިކުފާނަށް އަނިޔާވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.