ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ގަޑުބަޑާ ހެދި ރާއްޖެއަށް ޓޫރިސްޓުން އަންނަ ވަރު މަދުވާނެ ކަމަށާއި އެކަން ދިގުލައިގެން ދާ ނަމަ އިންވެސްޓްމެންޓްތައް އައުން މަދުވާނެ ކަމަށް މޫޑީސް ކޯޕަރޭޝަނުން ބުނެފި އެވެ. މޫޑީސް ކްރެޑިޓް ރޭޓިންއަކީ އިގުތިސާދު ދިރާސާ ކުރުމުގައި ދުނިޔޭގެ އިތުބާރު ހޯދާފައިވާ އެމެރިކާގެ ކުންފުންޏެކެވެ.
މޫޑީސްއާ ހަވާލާދީ އިކޮނޮމިކް ޓައިމްސް ނޫހުން އިއްޔެ ބުނީ ޓޫރިސްޓުން ރާއްޖެއަށް ދަތުރު ނުކޮށް ގިނަ ދުވަސް ވާނަމަ ރާއްޖޭގެ އިގުތިސާދީ ދުވެލި މަޑު ޖެހޭނެ ކަަމަށާއި އެކުންފުނިން މިހާރު ރާއްޖެއަށް ލަފާކޮށްފައިވާ ކުރިއެރުން ރިވައިސް ކުރަން ޖެހޭނެ ކަަމަށެވެ. ރާއްޖޭގެ އުފެއްދުންތެރިކަން ނޫނީ ޖީޑީޕީ މިއަހަރު ކުރިއަރާނެ ކަމަށް މޫޑީސް އިން ލަފާކޮށްފައި ވަނީ 4.5 ޕަސެންޓްގަ އެވެ.
މޫޑީސްގެ ރިޕޯޓުގައި ބުނެފައި މިހާރު ކުރިމަތިވެފައި އޮތް މައްސަލަގަނޑުގެ ސަބަބުން ސަރުކާރުގެ ފިސްކަލް ޕޮލިސީ އަށް (އާމްދަނީއާއި ހަރަދު ކުރުމުގެ ސިޔާސަތު) ވެސް ހަރުދަނާ ކަމާ އެކު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
"2015 ވަނަ އަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުން، ކުރިއެރުން 4.8 ޕަސެންޓަށް ވެއްޓުނެވެ. އެއީ އޭގެ ކުރީ އަހަރު ހަ ޕަސެންޓުގައި އޮތުމަށް ފަހުގަ އެވެ. އެ މަޑު ޖެހުމުގެ ތެރޭގައި ޓޫރިސްޓުން އަންނަ މިންވަރު 2.4 ޕަސެންޓަށް ވެއްޓުނެވެ. އެއީ އޭގެ ކުރީ އަހަރު 7.1 ޕަސެންޓުގައި އޮތުމަށް ފަހުގަ އެވެ. ކުރިން އައި ސިޔާސީ ހަމަނުޖެހުންތަކުގެ ސަަބަބުން ޖީޑީޕީ ކުރިއެރުމަށް ނުބައި އަސަރު ކުރިއެވެ،" މޫޑީސްގެ ރިޕޯޓުގައި ވެއެވެ.
ރާއްޖޭގައި މިފަހަރު އުފެދުނު ގަޑުބަޑާ އެކު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުން ވަނީ އެގައުމުތަކުގެ ރައްޔިތުން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން އަންގައި ޓްރެވެލް އެޑްވައިޒަރީތައް ނެރެފައެވެ. އަދި ބައެއް ގައުމުތަކުން އިރުޝާދުދީފައި ވަނީ ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ރާއްޖެއަށް ނުކުރުމަށެވެ. އެގޮތަށް އެންގި ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެއެވެ. ޗައިނާއަކީ އެއްގައުމަކުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.
ރާއްޖޭގައި މިފަހަރު ސިޔާސީ ހަަމަނުޖެހުން އުުފެދުނީ މިހިނގާ ފެބްރުއަރީމަހުގެ ފުރަތަމަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ. އެ އަމަރުގައި ބުނެފައި އޮތީ އެކި އެކި ހުކުމްތައް ކޮށް ޖަލަށް ލާފައިވާ ސިޔާސީ ބައެއް ލީޑަރުންނާއި އެހެން ބައެއް މީސް މީހުން މިނިވަން ކުރުމަށެވެ. އެ އަމުރު ތަންފީޒު ނުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު ސުޕްރީމްކޯޓަށް ސިފައިން ވައްދައި ، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު ސަރުކާރުން ބުނަމުން ދަނީ އެއީ ޝަރުއީ ނިޒާމުގެ ތެރެއިން ކުރި ބަޣާވާތެއް ކަމަށެވެ. އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު ޝަރުއީ ނިޒާމުގެ ބާރުތައް އިއާދަ ކުރުމުން ސުޕްރީމްކޯޓުގައި ދެން ތިއްބެވި ތިން ފަނޑިޔާރުން ވަނީ ކުރީގެ އަމުރުގެ ބައެއް އުވާލާފައެވެ. އެގޮތުން އުވާލާފައި ވަނީ މީހުން މިނިވަންކުރަން އަމުރުކޮށްފައިވާ ބައެވެ.