ހަބަރު

ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން މަޖިލީސް ފަށާނެ: ނިހާން

ކުއްލި ނުރައްކަލުގެ ހާލަތު ނިމުމާއެކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ބާއްވަން ޖެހެ އެވެ. އަދި މަޖިލީހުން މި މަހުގެ ފަސް ވަނަ ދުވަހު ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބާއްވަން ނިންމާފައި ވަނިކޮށް 1 ފެބްރުއަރީގައި އައި ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު މިއަދާ ހަމަޔަށް އައި އިރު ވެސް ޖަލްސާއެއް ނުބާއްވަ އެވެ.

އެކަމާ ގުޅިގެން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިހާން ވިދާޅުވީ މި މަހު ފަސް ވަނަ ދުވަހު ޖަލްސާ ފެށުމަށް ނިންމާފައިވީ ނަމަވެސް 1 ފެބްރުއަރީގެ އަމުރާ ގުޅިގެން މަޖިލީހާއި ގައުމުގެ ސަލާމަތީ ކަންކަން އޮތީ ސީރިޔަސް ހާލަތެއްގައި ކަމަށާއި އެހެންކަމުން ޖަލްސާ ފަސްކޮށްފައިވާ ކަމަށެވެ. އަދި މިހާރު އޮތް ކުއްލި ނުރައްކަލުގެ ހާލަތު ދިޔުމުން ޖަލްސާތައް ފަށައި ރިޔާސީ ބަޔާން އިއްވުން އޮންނާނެ ކަމަށް ނިހާން ވިދާޅުވި އެވެ. -- ކުއްލި ނުރައްކަލުގެ ހާލަތު ނިމޭނީ އަންނަ އަންގާރަ ދުވަހަށެވެ.

"މިހާރު މި އޮތް ހާލަތުން ވާނީ ވެސް މިކަހަލަ ގޮތެއް، ސަލާމަތީ ސަބަބުތަކާ ހެދި ޖަލްސަތައް ނުފެށި އޮތީ، ނަމަވެސް މި ހާލަތުން އަރައިގަތުމުން އަލުން ޖަލްސާތައް ފަށާނަން،" ނިހާން ވިދާޅުވި އެވެ.

1 ފެބްރުއަރީގެ އަމުރާ ގުޅިގެން ޖަލްސާތައް ނުފަށާ އޮތް އިރު އެ އަމުރުގައި އިދިކޮޅު 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ވަނީ ނިންމައިފަ އެވެ. އަދި މަޖިލީހުގެ އަމީންއާންމް އިސްތުއުފާ ދެއްވުމުގެ ކުރިން ވަނީ އެ މެންބަރުންނަށް ޖަލްސާތަކުގައި ބައިވެރިވެވޭނެ ކަމަށް ވިދާޅެވެފަ އެވެ. ނިހާން ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް އަލުން ފަށާއިރު ކޮންމެ ފަޅިއެއްގައި މެޖޯރިޓީ އޮތަސް އެއްވެސް މަސައްކަތަކަށް ހުރަހެއް ނޭޅޭނެ ކަމަށެވެ.