ރިޕޯޓް

ރިސޯޓު ސާވިސް ޗާޖު ބޮޑު ކުރުން؛ ވާނެ ކަމެއް ތަ؟

May 11, 2015
1

ރިސޯޓަށް އަންނަ މެހުމާނުން ހިނިތުންވުމާއެކު ހިދުމަތްދޭ ބަޔަކީ މުވައްޒަފުންނެވެ. މީގެ ނަތީޖާއަކަށް ވަނީ އެ ޓޫރިސްޓަކު ދެވަނަ ފަހަރަށްވެސް އެ ރިސޯޓަކަށް ދިއުމެވެ. މީގެ ސަބަބުން ރިސޯޓުގެ އާމްދަނީ މަތިވެ އެވެ. މި ފުރިހަމަ ހިދުމަތް ދޭ މީހުންނަކީ ރިސޯޓު ސްޓާފުންނެވެ. އެމީހުންނަށް މީގެ "ބަދަލުގައި" ލިބޭ އެއްޗަކީ "ސާވިސް ޗާޖު" އެވެ. ނަމަވެސް މި ސާވިސް ޗާޖު "ކުޑަ ވުމުގެ" ޝަކުވާ އަބަދުވެސް އިވެ އެވެ. މީގެ ހައްލަކީ ކޮބައި ހެއްޔެވެ؟ ސާވިސް ޗާޖު ބޮޑު ކުރެވިދާނެ ހެއްޔެވެ؟ 

"ރިސޯޓުގެ ސާވިސް ޗާޖު ބޮޑު ކުރެވިދާނެ. މީގެ ސަބަބުން ރިސޯޓަށް ލިބޭނެ ގެއްލުމެއް ނޯންނާނެ،" ރިސޯޓުތަކުން މުވައްޒަފުން ނަށް ދޭ ސާވިސް ޗާޖު ބޮޑު ކުރުމަށް ވަކާލާތު ކުރާ، ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން (ޓީމް) ގެ ސެކްރެޓަރީ ޖެނެރަލް މައުރޫފު ޖަލީލް ވިދާޅުވި އެވެ.

 

ރާއްޖޭގައި މިހާރު 100 އަށް ވުރެ ގިނަ ރިސޯޓު އޮޕަރޭޓް ކުރަމުން ދާއިރު، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް "ރަނގަޅަށް" ސާވިސް ޗާޖު ދެނީ މަދު ރިސޯޓަކުންނެވެ. ރާއްޖޭގައި އޮޕަރޭޓްކުރާ 30 ރިސޯޓުން އެވްރެޖު ގޮތެއްގައި ސާވިސް ޗާޖުގެ ގޮތުގައި ދެނީ 500 ޑޮލަރެވެ. އަދި 50 ރިސޯޓަކުން ސާވިސް ޗާޖުގެ ގޮތުގައި 300-500 ޑޮލަރާ ދެމެދުގެ އަދަދެއް ދެ އެވެ. އަދި 10 ރިސޯޓަކުން 500-800 ޑޮލަރާއި ދެމެދު ސާވިސް ޗާޖުގެ ގޮތުގައިދެ އެވެ. އަދި ހިތާމައަކީ ބައެއް ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި 500ރ. އާއި 1،000ރ. ވަރު ވެސް ދެމުންދާ ކަމެވެ.

ސާވިސް ޗާޖުގެ ދިނުމުގައި އެންމެ ކުރީގައި އުޅެނީ ބޭރުގެ ބޮޑެތި ހޮޓެލް ޗޭޖުތަކެވެ. މިގޮތުން ރާއްޖޭގައި އެންމެ މަތިން ސާވިސް ޗާޖު ލިބޭ ރިސޯޓުތަކުގެ ތެރޭގައި ހިމެނެނީ ނަން މަޝްހޫރު ބޭރުގެ ބްރޭންޑްތަކެވެ. އަދި މުވައްޒަފުންނަށް ސާވިސް ޗާޖު ދިނުމުގެ އެންމެ ފުލުގައި އޮތީ ދިވެހި މެނޭޖުމަންޓުތައްކަން ފާހަގަ ކުރެ އެވެ.

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ބަހުންނަމަ އެމީހުންނަށް "ހަމައެކަނި ލިބޭ އެއްޗަކީ ސާވިސް ޗާޖެވެ" ރިސޯޓުތަކުން ދޭ މުސާރައަކީ "އެއްވެސް އެއްޗެއް" ނޫނެވެ.

"އަހަރެމެންނަށް ލިބޭ މުސާރައަކީ ނިސްބަތުން ކުޑަ އެއްޗެއް. އެހެންވެ މުޅި ދިރިއުޅުން ޑިޕެންޑް މިވަނީ ސާވިސް ޗާޖަށް. އެހެންވެ ސާވިސް ޗާޖު ކުޑަކޮށް ލިބޭތީ ވަރަށް ދަތިވޭ." އދ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތްކުރާ ޒުވާނަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.

 

ރާއްޖޭގައި ސާވިސް ޗާޖުގެ ގޮތުގައި ނަގަނީ 10 ޕަސެންޓެވެ. އަވަށްޓެރި ސްރީލަންކާގައި ވެސް ސާވިސް ޗާޖުގެ ގޮތުގައި ނަގަނީ 10 ޕަސެންޓެވެ. އަދި ސީޝެލްގައި ސާވިސް ޗާޖުގެ ގޮތުގައި ނަގަނީ ފަސް ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ އަދަދެކެވެ. ނަމަވެސް މި ގައުމުތަކުގެ ޓޫރިޒަމްގެ އެވްރެޖު މުސާރަ ބޮޑެވެ.

 

"މިހާރު ގާނޫނުގައި މި އޮންނަނީ ސާވިސް ޗާޖު ނަގާނަމަ ބަހަން ޖެހޭނެ ކަމަށް. އެހެންވެ ރިސޯޓުތަކަށް އޮވޭ ނެގުމާއި ނުނެގުމުގެ ބާރު. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ ސާވިސް ޗާޖަކީ ނަގަން ޖެހޭ އެއްޗެއްގެ ގޮތުގައި ބުނާ ގާނޫނެއް ހަދަން. އެއާއެކު އެދެނީ މިހާރު ނަގާ 10 ޕަސެންޓުގެ ބަދަލުގައި 12 ޕަސެންޓް ނަގަން،" އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސާވިސް ޗާޖު ހުރި ގޮތަށް ހުއްޓައި، އިތުރު ޓެކްސްތައް މިހާރު ނަގަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ސާވިސް ޗާޖު އިތުރު ދެ ޕަސެންޓް ބޮޑުކޮށްލަދޭން. މީގެން ވެސް ދިވެހިންނަށް ލިބޭ އާމްދަނީ ބޮޑު ވެގެން ދާނެ،" އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިސޯޓުތަކުން މިހާރު އާއްމު ގޮތެއްގައި މުސާރައަށް ހޭދަކުރަނީ ރިސޯޓުގެ ފައިދާގެ ތިން ޕަސެންޓް ކަމަށެވެ.

 

ރިސޯޓު މުވައްޒަފުންގެ މުސާރަ ނުވަތަ ސާވިސް ޗާޖު ބޮޑުކޮށްފިނަމަ، ރިސޯޓުތަކަށް ގެއްލުމެއް ވެދާނެ ހެއްޔެވެ؟ ރާއްޖޭގެ ޓޫރިޒަމްގެ އާއްމު އޮކިއުޕެންސީ އަށް ބަލާއިރު އަހަރު ދުވަހު އޮކިއުޕެންސީ އާއްމު ގޮތެއްގައި ހުންނަނީ 80 ޕަސެންޓާއި ކައިރީގަ އެވެ. މީގެ މާނައަކީ ގިނަ ރިސޯޓުތައް ފުލްވުމާއި ގާތުގައި ހުރުމެވެ. މިސާލަކަށް ރާއްޖޭގެ 700 އެނދުގެ ރިސޯޓެއްނަމަ އެ ރިސޯޓެއްގެ އެނދެއް 300 ޑޮލަރަށް ރެއަކާއި ދުވާލެއްގެ މައްޗަށް ވިއްކި ނަމަވެސް ރެއެއްގެ މައްޗަށް 210،000 ޑޮލަރު (3.2 މިލިއަން ރުފިޔާ) ރިސޯޓަށް ލިބޭނެ އެވެ. މި އަދަދުން ހިންގުމުގެ ހަރަދަށް ކެނޑުމަށްފަހު ވެސް ރިސޯޓެއްގައި ތިބި މުވައްޒަފުންގެ ބޮޑު ބައެއް ނުވަތަ މުވައްޒަފުންނަށް އެންމެ ރެއަކުން މުސާރަ ދެވޭނެ އެވެ. އެހެންކަމުން މި ބަދަލުން ރިސޯޓު އޯނަރަށް ގެއްލުމެއް ވާނެ ކަމަކަށް ނުބެލެ އެވެ.

ހިސާބުތައް މިހެން ހުރިއިރު ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ބޮޑު ކުރުމާއި މެދު ދެވަނަ ވިސްނުމެއް ބޭނުމެވެ. ސަބަބަކީ ދިރިއުޅުމަށް އައިސްފައިވާ ބަދަލާއިއެކު މުވައްޒަފުންގެ ޖީބަށް ވެސް ލުޔެއް ގެނެސްދިނުމެވެ. މިއީ ވާނެ ކަމެއް ހެއްޔެވެ؟ ކުރާނެ ބާ އެވެ؟