ހަބަރު

ޗައިނާ ކުންފުނިތަކުން އިންވެސްޓް ކުރަނީ އެންމެ ހަތް ރަށުގައި: ސަފީރު

ޗައިނާގެ ކުންފުނިތަކުން ރާއްޖޭގެ ހަތް ރަށަށް ވުރެ އިތުރަށް އިންވެސްޓް ކުރަން ޕްލޭންކޮށްފައި ނުވާ ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ރާއްޖޭގެ ރަށްތަކެއް ޗައިނާގެ ބާރުގެ ދަށަށް ގޮސްފައިވާ ކަަމަށް ވިދާޅުވެ، ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދުދިނުމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ ވަނީ ރާއްޖޭގައި ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި 30 ގައުމެއްގެ ކުންފުނިތަކުން 124 ރަށަކަށް އިންވެސްޓްކޮށްފައި ވާއިރު ޗައިނާގެ ކުންފުނިތަކުން އިންވެސްޓްކުރަން ޕްލޭން ކޮށްފައި ވަނީ އެންމެ ހަތް ރަށުގައި ކަމަށެވެ. އަދި ބުނީ ރާއްޖޭގައި އިންވެސްޓްކުރާ ގައުމުތަކުގެ ތެރެއިން ޗައިނާ އަންނާނީ ހަވަނައަށް ކަަމަށާއި އެއީ އިންވެސްޓްމެންޓްތަކުގެ 5.6 ޕަސެންޓް ކަމަށެވެ.

" ލިބެން ހުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި 100 އަށް ވުރެ ގިނަ ޓޫރިސްޓް ރިސޯޓުގެ ތެރެއިން ޗައިނާގެ ކުންފުނިތަކުން ބައިވެރިވަމުން އަންނަނީ މަދު އަދަދެއްގެ ރަށްތަކެއްގައެވެ، " ބަޔާނުގައި ވެއެވެ.

ނަޝީދަށް ފާޑުކިޔަމުން ޗައިނާގެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖެއަށް އެއްބާރުލުންދީ ރާއްޖޭގައި މަޝްރޫއުތައް ހިންގަން ފެށީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ކަަމަށެވެ.

" ލާމު ލިންކް ރޯޑާއި ހައުސިން މަޝްރޫއުތައް ފަދަ އެއްބާރުލުން ނަޝީދުގެ ވެރިކަމުގައި ވެސް ފަށާފައެވެ. ގަބޫލުކުރެވޭ ގޮތުގައި ޗައިނާ- ދިވެހިރާއްޖެ ގުޅުމުން ދިވެހި ރައްޔިތުންނަށް ގެނެސްދިން ފައިދާތައް ނަޝީދު އަމިއްލަފުޅަށް ތަޖުރިބާކުރައްވާފައިވާނެ. އިގުތިސާދީ އަދި ވިޔަފާރީގެ މިއާދައިގެ ގުޅުމަށް އެމަނިކުފާނުގެ ވެރިކަމުގައި ތާއީދު ކުރެއްވުމަށް ފަހު މިހާރު އެކަމާ ވަރުގަދައަށް ދެކޮޅު ހައްދަވަނީ ކީއްވެ؟" ޗައިނާގެ ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ތުހުމަތުުކޮށްފައި ވަނީ މިހާރު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅު ތަކަކީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ އަގު ވައްޓާލަން ދައްކަވާ ވާާހަކަފުޅެއްގެ ގޮތުގައެވެ. އަދި މިހާރު އެގޮތަށް ކުރައްވަނީ ކީއްވެތޯ ސުވާލު ކުރުަމަށް ފަހުބުނެފައި ވަނީ އެއީ ޗައިނާއަށް އުފެދިފައިވާ ސުވާލުތަކެއް ކަމަށެވެ.

" ރަށްތައް އަތުލުން، ބިން ހިފުން، ސަރަހައްދުގެ ސަލާމަތަށް ހުރަސްއެޅުން" ފަދަ އިބާރާތްތައް ބޭނުން ކުރައްވައިގެން ނަޝީދު ދެއްކެވި ވާހަކަފުޅު ތަކުން ޗައިނާ މީހުންނަށް ސީރިއަސް އަސަރުތަކެއް ކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާން ނިންމާލަމުން ތަކުރާރުކޮށްފައި ވަނީ ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ގަޑުބަޑާ ބެހޭ ގޮތުން އެގައުމުން ކުރިއްސުރެ ބުނަމުން އަންނަ ބުނުމެވެ. އެގޮތުން ބުނެފައި ވަނީ ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތަކަކީ ރާއްޖޭގެ ދާހިލީ މައްސަލައެއް ކަމަށެވެ.

" އަހަރެމެން ގަބޫލުކުރަނީ ހާލަތު ހަމަޖައްސާނެ ހިކުމަތް ތެރިކަން ދިވެހި ސަރުކާރާއި ޕާޓީތަކާއި ރައްޔިތުންގެ ކިބައިގައި ހުންނާނެ ކަމަށް،" ޗައިނާގެ ބަޔާނުގައި ބުނެފައެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަފުޅަށް ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ މިދިޔަ ހަފުތާގައި ރައްދު ދީފައެވެ. އެވާހަކަފުޅުތަކަށް ދެވަނަ ފަހަރަށް ޗައިނާއިން ރައްދު ދިނީ ކީއްވެ ކަމެއްް ނޭނގެއެވެ.