ހޮލީވުޑް

މަގުބޫލު އެމެރިކަން ޓީވީ ސީރީޒްތައް ނިމުމަކަށް

މިއަހަރަކީ އެމެރިކަން ޓީވީ ސީރީޒްތަކަށް ލޯބިކުރާ ފަރާތްތަކަށް ހިތާމަވެރި އަހަރަކަށްވެދާނެ އެވެ. ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ގިނަ ސީރީޒްތަކެއް މިއަހަރު ނިމޭނެ އެވެ

"ދަ 100"، "ވީޕް"، "ސްކޭންޑަލް" އަދި "ނިއު ގާލް" ފަދަ ސީރީޒްތަކުގެ އެންމެފަހު ސީޒަންތައް މިއަހަރު ފެނިގެންދާނެ އެވެ.

"ސްކޭންޑަލް" ގެ އެންމެފަހު ސީޒަންގެ އެޕިސޯޑުތައް މިހާރު ދަނީ ދައްކަމުންނެވެ. "ދަ 100" އަދި "ނިއު ގާލް" ގެ ފަހު ސީޒަންގެ އެޕިސޯޑުތައް އަންނަ އޭޕްރީލް މަހު ދައްކަން ފަށާނެ އެވެ. "ވީޕް" ގެ ފަހު ސީޒަން ދައްކަން ފަށާނެ ދުވަހެއް އަދި ކަށަވަރުވެފައެއް ނުވެ އެވެ.

މިއަހަރު ނިމޭ އިތުރު މަގުބޫލު ސީރީޒްތަކުގެ ތެރޭގައި "ހައުސް އޮފް ކާޑްސް"، "މޭޖާ ކްރައިމްސް"، "ސެންސް8"، "ބީންގެ މެރީ ޖޭން"، "ދި ފޯސްޓާޒް"، ދި އެމެރިކަންސް"، "ދި އޮރިޖިނަލްސް" އަދި "ދަ މިޑުލް" ފަދަ ސީރީޒްތައް ހިމެނެ އެވެެ. ފަހު ސީޒަނާއެކު ގިނަ ސީރީޒްތައް ނިމިގެން ދާނީ ބެލުންތެރިންނަށް ހާއްސަ ހަދިޔާއެއްވެސް ދީފަ އެވެ.

އެގޮތުން "ސްކޭންޑަލް" އާއި "ހައުޓު ގެޓް އަވޭ ވިތް މާޑާ" ގެ ކްރޮސްއޯވާ އެޕިސޯޑު ވަރަށް ހާއްސަވެގެންދާނެ ކަމަށް އެ ސީރީޒް ގެެނެސްދޭ ޝޮންޑަލޭންޑުން ބުނެފައިވެ އެެވެ. މި ދެ ސީރީޒްގެ ކްރޮސްއޯވާ އެޕިސޯޑުތައް އަންނަ މާޗު މަހު އެކެއްގައި ދައްކަން ފަށާނެ އެވެ.

ނެޓްފިލްކްސްގެ ސީރީޒް "ހައުސް އޮފް ކާޑްސް" އަދި "ސެންސް8"ގެ ނިމުންވެސް ވަރަށް ހާއްސަވާނެ އެވެ. މި ދެ ސީރީޒްގެ ފިނާލޭވެސް މިއަހަރު ތެރޭގައި ދައްކަން ނިންމާފައިވާރު ދައްކާނެ ދުވަހެއް އަދި ކަށަވަރުވެފައެއް ނުވެ އެވެ.

"ހައުސް އޮފް ކާޑްސް" ގެ ލީޑު އެކްޓާ ކެވިން ސްޕޭސީ މިހާރު ވަނީ އެ ސީރީޒް އިން ބޭރުކޮށްލާފަ އެވެ. އެ ސީރީޒް އިން އޭނާ ބޭރުކޮށްލީ އޭނާގެ މައްޗަށް ކުރެވިފައިވާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްގެ ސަބަބުންނެވެ. ކެވިން ސީރީޒް އިން ވަކި ކުރުމުން ދެން ސީރީޒްގެ މައިގަނޑު ފޯކަސް އޮންނާނީ އެ ސީޒީންގެ ބަތަލާ ރޮބިން ރައިޓް އަށެވެ.

"ސެންސް8" ހާއްސަ ވަނީ އެ ސީރީޒްއަކީ އިތުރު ސީޒަނަކަށް ރިނިއު ނުކޮށް ނެޓްފްލިކްސް އިން ކެންސަލްކޮށްފައިވާ ސީރީޒްއަކަށް ވުމުންނެވެ. އެ ސީރީޒްގެ ފައިނަލް އެޕިސޯޑެއް ދެއްކުމަށް ނެޓްފްލިކްސް އިން އެއްބަސްވީ އެ ސީރީޒްގެ އުފެއްދުންތެރިންނާއި ފޭނުންގެ އާދޭހުގެ މަތިންނެވެ.

"ދި ފޯސްޓާޒް" ނިމޭއިރު އެ ސީރީޒްގެ ސްޕިން އޮފް ސީރީޒްއެއް ގެނެސްދޭ ގޮތަށް ވަނީ ނިންމާފަ އެވެ.