ކާ އެއްޗެހި ލަސްލަހުން ހަފައިގެން ކާނަމަ އާއި ނިދުމުގެ ދެ ގަޑިއިރު ކުރިން ކާނަމަ ބަރުދަން ލުއިކޮށްދޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ. ޖަޕާނުގެ ކިޔުޝޫ ޔުނިވާސިޓީ ހެދި އެ ދިރާސާ އިން ދައްކާ ގޮތުގައި ކެއުމަށް މި ބަދަލު ގެނެސްފިނަމަ މީހާގެ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.
އެ ދިރާސާ އަކީ ހަކުރު ބަލި ޖެހިފައިވާ 60 ހާސް މީހުން ޑާޓާ އެއްކޮށްގެން ހަދާފައިވާ ދިރާސާއެކެވެ. އެއިން ކޮންމެ މީހަކު 2008 އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް ކޮންމެ އަހަރަކު މެޑިކަލް ޗެކަޕްސް ހަދާފައިވެ އެވެ. ދިރާސާ ހެދުމަށް ބޭނުންކުރި ޑާޓާގެ ތެރޭގައި އެމީހުން ހޯދި ފަރުވާތަކާއި ހަދާފައިވާ ޓެސްޓުތަކުގެ ނަތީޖާތަށް ބޭނުންކޮށްފައިވެ އެވެ. އެގޮތުން އެމީހުންގެ ބަރުދަން ހުރި ވަރާއި އުނަގަނޑުގެ ފުޅާމިނާއި ލޭޔާއި ޔޫރިން އަދި ލިވާ ޓެސްޓުތަކުގެ ނަތީޖާތައް ބޭނުންކުރި އެވެ.
މެޑިކަލް ޗެކަޕްސްތައް ހަދަމުންދިޔައިރު ބައިވެރިން ކައިރި އެމީހުންގެ އާންމު ދިރިއުޅުމުގައި ކެއުމާއި ނިދުމާއި ދުންފަތުގެ އިސްތިއުމާލުކުރުންފަދަ ކަންކަން ކުރަމުން އަންނަ މިންވަރު އަހާފައިވެ އެެވެ. ހާއްސަކޮށް އެމީހުންގެ ކެއުމުގެ ސްޕީޑް އަހާފައިވެ އެވެ.
އެމީހުނާއި އިތުރު ހާއްސަ ތިން ސުވާލެއް ކުރި އެވެ. އެ ސުވާލުތަކަކީ ހަފްތާއެއްގެ ތެރޭގައި ތިން ފަހަރަށްވުރެ ގިނަ އިން ނިދުމުގެ ދެ ގަޑިއިރު ކުރިން ކަންތޯ އާއި ކެއުމަށްފަހު ފޮނި އެއްޗެއް ކަންތޯ އާއި ހެނދުނު ނާސްތާ ކުރަންތޯ އެވެ. އޭގެ ތެރެއިން 36.5 މީހުން މީގެ ތެރެއިން އެއް ކަންތައް ހަ އަހަރު ތެރޭގައި ގަވާއިދުން ކޮށްފައިވެ އެވެ. ކުރި ސުވާލުތަކުގެ ތެރެއިން ދެ ކަމެއް ގަވާއިދުން ހަ އަހަރު ތެރޭގައި ކުރި މީހުންގެ އަދަދު 29.5 އިންސައްތާގައި އުޅޭއިރު 20 އިންސައްތަ މީހުން ހުރިހާ ކަމެއްކޮށްފައިވެ އެވެ.
އެ މީހުންގެ ކެއުމުގެ ސްޕީޑަށް ބެލިއިރު އަވަސް އަވަހަށް ކެއި މީހުންގެ އަދަދަކީ 22،070 އެވެ. އާދައިގެ ސްޕީޑެއްގައި ކެއި މީހުންގެ އަދަދު 33،455 ގައި އުޅޭއިރު ލަސްލަހުން ކެއި މީހުންގެ އަދަދު އުޅެނީ 4،192 ގަ އެވެ. ލަސްލަހުން ކެއި މީހުންގެ ސިއްހަތު އަވަސް އަވަހަށް ކެއި މީހުންނަށްވުރެ މާ ރަނގަޅު ކަމަށާއި އެމީހުންގެ ބަރުދަންވެސް އަވަހަށް ލުއިވާކަމަށް ނަތީޖާ ދައްކާފައިވެ އެެވެ.