ވިޔަފާރި

ޗައިނާ ޓޫރިސްޓުންނަށް ރާއްޖޭގެ ހާލަތު އޮޅުން ފިލުވައި ދެނީ

Feb 14, 2018
4

ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ހާލަތާ ގުޅިގެން ޗައިނާ ބުކިންތައް ކެންސަލްވާތީ، ޗައިނާ މީހުންނަށް ރާއްޖޭގެ ހާލަތު އޮޅުން ފިލުވައި ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ ފަސް ވަނަ ދުވަހު އިއުލާނު ކުރުމާ ގުޅިގެން ޗައިނާ ޓޫރިސްޓުން މި ދުވަސްވަރު ރާއްޖެ ގާންނަން އެ ގައުމުން ވަނީ އަންގާފަ އެވެ. އަދި މި އެންގުމާ ގުޅިގެން ޗައިނާގެ ގިނަ އަދަދެއްގެ ބުކިންތައް ވަނީ ކެންސަލްކުރަން ފަށާފަ އެވެ.

އެހެންވެ، ރާއްޖެއަކީ ޓޫރިސްޓުންނަށް ރައްކާތެރިތަނެއްގެ ގޮތުގައި ޗައިނާ މީހުންނަށް ކިޔައި ދިނުމަށް ރާއްޖޭން ވަނީ މަސައްކަތް ފަށާފަ އެވެ. މި މަސައްކަތުގެ ދަށުން ޓޫރިޒަމް މިނިސްޓަރު ޒަމީރު ވަނީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް އާ ވަނީ ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ މާކެޓިން ކުންފުނި އެމްއެމްޕީއާރުސީގެ އެކްޓިން އެމްޑީ ހާރިސް މުހައްމަދު ވެސް ބައިވެރި ވަޑައިގެންނެވި އެވެ.

މި ބައްދަލު ކުރެއްވުމާ ބެހޭ ގޮތުން "އަވަސް" އަށް މިނިސްޓަރު ވިދާޅުވީ ޗައިނީޒް އެރައިވަލްސްއަށް ކުރާނެ އަސަރު ކުޑަ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

"ރާއްޖޭގެ ހާލަތު ޗައިނާ މީޑިޔާގައި އަންގައި ދެނީމި. ރާއްޖޭގައި ޓޫރިސްޓުންނަށް އެއްވެސް އަސަރެއް ނުކުރާނެކަން އަންގަ ދޭނެ،" ޒަމީރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޗައިނާއިން މިދިޔަ އަހަރު 306,530 މީހުން އައިސްފައިވެ އެވެ. އެ ގައުމުން އައި ޓޫރިސްޓުން ވަނީ ރާއްޖޭގެ ޓޫރިޒަމްގެ 22 ޕަސެންޓް ހިއްސާކޮށްފަ އެވެ.