ފިނިޕޭޖް

ވަކިން ލޯބިންގެ ހަދިޔާ: "ހިތުގެ ނަށާ ރާނީ"

ޑާކްރެއިންގެ ފިލްމު "ވަކިން ލޯބިން" ރިލީޒްކުރުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ޑާކްރެއިން އިން އަންނަނީ ބެލުންތެރިންނަށް ކޮންމެ ހަފްތާއަކުހެން ހަދިޔާއެއް ދެމުންނެވެ. މިފަހަރު ހަދިޔާއަކަށް ދިނީ "ހިތުގެ ނަށާ ރާނީ" އެވެ.

ފުވައްމުލަކުގެ ހިތްގައިމު މަންޒަރުތަކާއެކު ގެނެސްދީފައިވާ މި ލަވަ ކިޔާފައި ވަނީ މޯލްޑިވިއަން އައިޑަލްގެ ދެ ވަނަ ސީޒަނުން ވިދާލި ހަމޫދު އަހުމަދު އެވެ. ލޯބީގެ އަސަރުގަދަ ވާހަކަތަކެއް ހިމެނޭ މި ލަވައިގެ މިއުޒިކު ތައްޔާރުކޮށްދީފައި ވަނީ މީގެ ކުރިންވެސް ޑާކްރެއިންގެ ފިލްމުތަކަށް މިއުޒިކު ތައްޔާރުކޮށްދީފައިވާ ފަތޯ އެވެ.

ލަވައިން ފެނިގެންދަނީ ފިލްމުގެ ލީޑު ދެ ތަރިން ކަމަށްވާ ޖުމައްޔިލް ނިމާލް (ޖުމަލް) އަދި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މީގެ ކުރިން މި ފިލްމުގެ އެހެން ލަވައެއްވެސް ރިލީޒްކޮށްފައިވެ އެވެ. ފިލްމުގެ އޮފިޝަލް ޓްރެއިލާވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. "ވަކިން ލޯބިން" ރިލީޒްކުރާނީ އަންނަ މަހު ފަހެއްގަ އެވެ.

ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުން ވިއްކަމުން ދާއިރު، މާލޭގެ އިތުރުން އަތޮޅު ތެރޭ ގިނަ ރަށްތަކެއްގައި ފިލްމު ދެއްކުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ފިލްމު ޕްރިމިއާ ކުރާ ދުވަހު ހދ.ކުޅުދުއްފުށީގައި ފިލްމު ދައްކާނެ އެވެ. އައްޑޫގައިވެސް އަންނަ މަހު އަށަކުން ފަށައިގެން ފިލްމު ދައްކާނެ އެވެ. ޑާކްރެއިން ބުނީ ވީހާވެސް ގިނަ ރަށެއްގައި ފިލްމު ދެއްކުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ފެމިލީ ޑްރާމާ މި ފިލްމަކީ އައިޝަތު ފުއާދު ތައުފީގުގެ ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ.