ކުޅިވަރު

ހަމަ އެއްވެސް ޕްރެޝަރެއް ނެތް: ޒިދާން

ޗެމްޕިއަންސް ލީގްގައި މިރޭ ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗަށް ޕްރެޝަރެއް ނެތް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ރެއާލް މެޑްރިޑަށް މި ސީޒަންގައި، މިހާރު ކާމިޔާބު ކުރެވެން އޮތް ހަމައެކަނި މުބާރާތަކީ ޗެމްޕިއަންސް ލީގެވެ. ސްޕެނިޝް ކަޕްގެ ކްއާޓާ ފައިނަލުން އެ ޓީމު ކެޓީ އެވެ. ލަލީގާ އަތު ނުޖެހޭނެ ކަން ގަތާގަނޑަކަށް ވަނީ ކަށަވަރު ވެފަ އެވެ. އެހެންވެ ތައްޓެއް ހޯދުމަށް ޒިދާން އަށް އޮތް ފުރުސަތަކީ ޕީއެސްޖީގެ މައްޗަށް ކާމިޔާބު ހޯދުމެވެ.

ޒިދާން ބުނީ އޭނާ ސާބިތު ކޮށްދޭން ޖެހޭ ވަކި އެއްޗެއް ނެތް ކަމަށެވެ. އަދި ޕީއެސްޖީގެ މެޗަށް ހާއްސަކޮށް ވަކި ގޮތަކަށް ތައްޔާރު ނުވާ ކަމަށާއި އެ މެޗަށްވެސް ތައްޔާރު ވަނީ ހަމަ އެހެން މެޗަށްވެސް ތައްޔާރުވާ ގޮތަށް ކަމަށެވެ.

"އަހަރެން ވަރަށް އުފާވޭ މިކަހަލަ މެޗުތަކުގައި ކުޅެން، އަދި މި މެޗަށް ވަކި އިތުރު ޕްރެޝަރެއް ނެތް، ޒިދާން ބުންޏެވެ. "މި ހަފުތާގެ މެޗަށްވެސް އަހަރެމެން ތައްޔަރުވީ ހަމަ އެހެން ހަފުތާ ތަކަށްވެސް ތައްޔާރުވާ ގޮތަށް، އަބަދުވެސް ކޮންމެވެސް ސިފައެއްގައި ޕްރެޝަރެއް އޮންނާނެ އެކަމަކު އެއީ ހަމަ އާދައިގެ ކަމެއް."

ރެއާލް މެޑްރިޑާއި ޕީއެސްޖީ މެޗުގައި އެންމެ ބޮޑަށް ސަމާލުކަން ހުއްޓިފައި ވަނީ ރޮނާލްޑޯ އާއި ނޭމާގެ މައްޗަށެވެ. ޒިދާން ބުނީ އެ ދެ ކުޅުންތެރިންނަކީ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށެވެ. ނަަމަވެސް މިރޭގެ މެޗަކީ އެ ދެކުޅުންތެރިންގެ ކުރިމަތި ލުމެއް ނޫން ކަމަށާއި ރެއާލް މެޑްރިޑާއި ޕިއެސްޖީގެ ކުރިމަތިލުން ކަމަށެވެ.