ބޮލީވުޑް

މަދޫބާލާ: ބޮލީވުޑްގެ ހަގީގީ ލޯތްބެއް!

އިއްޔެއަކީ މަޝްހޫރު ފެބުރުއަރީ 14 އެވެ. އެއީ ބޮލީވުޑުގައި ލޯބިވެރިންގެ ދުވަހެކެވެ. ހާއްސަކޮށް ސާޅީހާއި ފަސްދޮޅަހުގެ އަހަރުތަކުގެ ދެމެދުގައި ބޮލީވުޑްގައި ވިދާލި ލެޖެންޑް އަދި އައިކޮނިކް ބަތަލާ މަދޫބާލާއަށް 85 އަހަރު ފުރުނު ދުވަހަކީ ވެސް އެއީ އެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޮލީވުޑްގެ ތަރިން ދަނީ މަދޫބާލާގެ ހަނދާންތައް އާ ކުރަމުންނެވެ.

އެތައް ބަޔަކު އެ ހިނިތުންވުމެއްގެ ޖާދޫގައި ޖައްސާއި ލޮލުގެ ޖާޒުބީ އަސަރުން ދިވާނާކުރި މަދޫބާލާ އުފަންވީ 1933 ވަނަ އަހަރު އެވެ. އިންޑިއާ ސިނަމާގެ ވީނަސް ތަރީގެ ނަމުން މަޝްހޫރުވި ބަތަލާ ޒުވާން އުމުރުގައި މި ދުނިޔެ އާއި އަލްވަދާއުކީ އޭނާއަށް ސަޕޯޓުކުރި އެތަށް ބަޔެއް ކަރުނުން ފޯކޮށްލާފަ އެވެ. ހިތުގެ ބައްޔަކަށް ފަރުވާ ކުރަމުން ދަނިކޮށް މަދުބާލާ ވަކިވެގެން ދިޔައީ 36 އަހަރުގަ އެވެ. އެއީ 1969 ވަނަ އަހަރު އެވެ.

މަދުބާލާ މަރުވިއިރު އޭނާ ކައިވެނީގެ ގޮތުން ގުޅިގެންހުރީ މަޝްހޫރު ލަވަކިޔުންތެރިޔާ ކިޝޯރް ކުމާރް އާއެވެ. އެ ދެ މީހުންނަށް ކުއްޖަކު ލިބިފައެއް ނުވެ އެވެ.

އުމުރުން އެންމެ ނުވަ އަހަރުގައި ފިލްމީ ދައިރާއަށް ތައާރަފުވި، މަދޫބާލާގެ ލަވަތަކާއި އޭނާގެ ފިލްމުތައް ފޫހިކަމެއް ނެތި ބަލާ އެތައް ދިވެހިންނެއް މިއަދުވެސް އެބަތިއްބެވެ. ހާއްސަކޮށް ދޮށީ އުމުރުގެ ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ މަދޫބާލާގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި 1960 ގައި ނިކުތް "މުގަލް އޭ އާޒަމް" އާއި "ބަރްސާތްކީ ރާނީ" އަދި 1954 ގައި ނިކުތް "އަމަރް" ހިމެނެ އެވެ.

މަދޫބާލާ ވަނީ ބޮލީވުޑްގެ ލެޖެންޑު ބަތަލުން ކަމަށްވާ ދޭވް އާނަންދު އާއި ދިލިޕް ކުމާރް އަދި ޝައްމީ ކަޕޫރް ފަދަ ތަރިންނާއެކު ކާމިޔާބު ފިލްމުތަކެއް ކުޅެފަ އެވެ. އޭނާ ވަނީ 70 އަށްވުރެ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. އެ ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި ކާމިޔާބުވީ 15 ފިލްމެވެ. އޭނާ ކުޅުނު ފިލްމުތަކުން ބޮކްސް އޮފީހުގައި ކާމިޔާބު ހޯދި ފިލްމުތަކަށް އޭނާއަށް އެވޯޑުތައް ވެސް ލިބިފައިވެ އެވެ.

"މުގަލް އޭ އާޒަމް" ގައި އޭނާ ކުޅުނު އަނާކަލީ ރޯލުގައި ދެއްކި އެކްޓިންއަކީ ހަނދާނުން ނުފޮހެވޭ ވަރުގެ އެކްޓިންއެކެވެ. ބޮލީވުޑްގެ އައިކޮނިކް ބަތަލާއެއްގެ މަގާމު އޭނާއަށް ލިބުނީ ވެސް އެހިސާބުންނެވެ.

މަދުބާލާގެ ލަވަތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ކަމުދިޔަ އަދިވެސް ފޫހިކަމެއް ނެތި އަޑުއަހާ ލަވަތަކުގެ ތެރޭގައި ފިލްމު "މުގަލް އޭ އާޒަމް" ގެ ލަވަ "ޕިޔާރް ކިޔާ ތޯ ޑަރްނާ ކިޔާ" އަދި 1958 ގައި ނިކުތް ފިލްމުގެ ލަވަ "އެކް ޕަރްދޭސީ މެރަ ދިލް ލޭ ގަޔާ" ހިމެނެ އެވެ.

މަދުބާލާ ބޮލީވުޑަށް ތައާރަފުވީ 1942 ގައި ނިކުތް ފިލްމު "ބަސަންތް" އިންނެވެ. އެންމެ ފަހުން އޭނާ ފެނިގެންދިޔައީ 1964 ގައި ނިކުތް ފިލްމު "ޝަރާބައި" އިންނެވެ. މަދުބާލާ ވަކިވެގެން ގޮސްފައި ވީނަމަވެސް އޭނާގެ ފޭނުންގެ ހިތުގައި އަދިވެސް އޭނާ ދިރި އެބަހުއްޓެވެ. އޭނާ އަކީ އަދިވެސް އެމީހުންގެ ހަގީގީ ލޯތްބެވެ.