އަމިއްލަ ދަނޑުގައި 1-3 އިން ރެއާލް މެޑްރިޑް ޕީއެސްޖީ ބަލިކޮށްފި އެވެ. ރެއާލް ފަހަތުން އަރައި މެޗު އަނބުރާލުމުގައި ބަދަލު ކުޅުންތެރިޔާ މާކޯ އެސެންސިއޯގެ ދައުރު ވަރަށް ބޮޑެވެ.
ދެ ޓީމުވެސް މެޗަށް ނިކުތީ ފުރަތަމަ 11 އަށް ގެނައި ބަދަލުތަކަކާއެކު އެވެ. ޕީއެސްޖީގެ ކެޕްޓަން ތިއާގޯ ސިލްވާ ފުރަތަމަ 11 އިގައި ކުޅެފައެއް ނުވެ އެވެ. ބަދަލުގައި ޑިފެންސަށް ކުޅެފައިވަނީ ޕްރެސްނެލް ކިމްޕެމްބޭ އެވެ.
ރެއާލް މެޑްރިޑް ފުރަތަމަ 11 އިން ކާޑު ހަމަވެފައި ހުރި ކާވަހާލްގެ ބަދަލުގައި ޖާގަ ހޯދީ ނާޗޯ އެވެ. ގެރެތް ބޭލް މެޗު ފެށީ ބެންޗުންނެވެ.
މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ދެވަނަ މިނިޓުގައި ރެއާލް މެޑްރިޑުންނެވެ. ޕީއެސްޖީ ޑިފެންސް ލައިނު މަތިން ކުޅުނު ބޯޅަ އޭރިޔާ ތެރެއިން ރޮނާލްޑޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސް ވެގެންނެވެ. މެޑްރިޑުން މެޗު ފެށީ ވަރަށް ވަރުގަދަ ކޮށެވެ. މިގޮތުން ހަތަރުވަނަ މިނިޓުގައި ކްރޫސް އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ ޕީއެސްޖީ ކީޕަރު އަރިއޯލާ ވަނީ ހުޝިޔާރު ކަމާއެކު ދިފާއުކޮށްފަ އެވެ.
މެޗުގެ 25 ވަނަ މިނިޓުގައި ރެއާލްއަށް ނުރައްކާތެރި ހިސާބަކުން ހިލޭ ޖެހުމެއް ލިބުނެވެ. ޑީއޭރިއާ ރޮނގު މަތިން ލިބުނު ހިލޭ ޖެހުން ރޮނާލްޑޯ ފޮނުވާލި ހަމަލާ ދިޔާއި ދަނޑި މަތިން ބޭރަށެވެ. އޭގެ ދެމިނިޓު ފަހުން ރޯނާލްޑޯއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އަރިމަތިން މާސެލޯ ހުސްކޮށްލާފައި ރޮނާލްޑޯއަށް ކުޅުނު ބޯޅަ ހިފައިގެން ވަދެ އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ދުވެފައި ނިކުތް ޕީއެސްޖީ ކީޕަރު އަރިއޯލާ މޫނަށެވެ.
މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ރެއާލް ކުޅުނުން ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޕީއެސްޖީ އެވެ. މެޗްގެ 33 ވަނަ މިނިޓުގައި މިލަނޑު ޖަހައިދިނީ އެޑްރިއަން ރަބިއޯ އެވެ. ކަނާތު ފަޅިން އެމްބާޕޭ ނަގައިދިން ހުރަސް އޭރިޔާ ތެރެއިން ކަވާނީ ހޫރާލި ފައިގައި ލައްވާނުލައި ދިޔަ ބޯޅަ ނޭމާ ފުންނާބުން ފަހަތަށް އައިސް ބޯޅަ ލިބުނީ ދުވެފައި ވަތް ރަބިއޯއަށެވެ. އޭނާ ވަނީ އެއްފަހަރު ބޯޅަ ގޯލްގެ މެދަށް ފޮނުވާލާފަ އެވެ.
މެޗްގެ 36 ވަނަ މިނިޓުގައި ރޮނާލްޑޯއަށް ނަތީޖާ އެއްވަރުކޮށްލުމަށް ފުރުސަތެއް ލިބުނެވެ. ނަމަވެސް ކަނާތުފަޅިން އެތެރެއަށް ވަދެފައި އޭރިޔާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ ދަނޑިމަތިން ބޭރަށެވެ. އޭގެ ފަހުން ޕީއެސްޖީ އުފެއްދި ހަމަލާއެއްގައި ނޭމާ ކަވާނީއަށް ކުޅުނު ބޯޅައިން އޭނާ ފޮނުވާލި ހަމަލާ ވަނީ ބްލޮކްވެފަ އެވެ.
މެޗްގެ 43 ވަނަ މިނިޓުގައި ބެންޒެމާ ފޮނުވާލި ނުރައްކާތެރި ހަމަލާ ޕީއެސްޖީ ކީޕަރު އަރިއޯލާ ދިފާއު ކުރި އެވެ. އެ ހަމަލާއަށްފަހު ރެއާލްއަށް ޕެނެލްޓީއެއް ލިބުނެވެ. އޭރިޔާ ތެރެއިން ކްރޫސްއަށް ފައުލް ކުރިކަމަށް ބަލައި ރެފްރީ ދިން ޕެނެލްޓީ 45 ވަނަ މިނިޓުގައި ރޮނާލްޑޯ ވަނީ ގޯލްގެ ތިރީ ކަނަށް ފޮނުވާލާފަ އެވެ. މިއީ ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑަށް ކާމިޔާބު ކޮށްދިން 100 ވަނަ ލަނޑެވެ.
ދެވަނަ ހާފް ފަށައިގެން ޕީއެސްޖީގެ އެމްބާޕޭއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އަރިމަތިން އެތެރެއަށް ވަދެ ހުސްކޮށްލާފައި ނޭމާ އެމްބާޕޭއަށް ކުޅުނު ބޯޅަ އޭނާ ފޮނުވާލި ހަމަލާ ރެއާލްގެ ކީޕަރު ނަވާސް ވަނީ ދިފާއުކޮށްފަ އެވެ.
އޭގެ ފަހުން ޕީއެސްޖީއަށް މެޗުގެ ނަތީޖާ 1-2 ބަދަލު ކޮށްލުމަށް ފުރުސަތެއް ލިބުނެވެ. ވާތުފަޅިން ޔޫރީ ތިރިން ނެގި ހުރަސް ގޯލް ކުރިމަތިން ހުރަސްވެގެން ދިޔަ ބޯޅަ ފޮނުވާލަން ފާޕޯސްޓުން މަސައްކަތް ކުރީ ޑެނީ އަލްވޭޒް އެވެ. ނަމަވެސް އަލްވޭޒް އަށް އެބޯޅަ ވެއްޓިގެން ގޯލްގެ ތެރެއަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ.
ރޮނާލްޑޯ އޭނާގެ ދެވަނަ ލަނޑާއެކު ނަތީޖާ 1-2 ބަދަލުކޮށްލި އެވެ. އަރިމަތިން އެސެންސިއޯ ތިރިތިރިން ނެގި ހުރަސް ކީޕަރު އަރިއޯލާ ވެއްޓިގެން އަތުން ޖެއްސި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ރޮނާލްޑޯ ފަލަ މަސްގަނޑުގައި ޖެހިފަ އެވެ.
ރޮނާލްޑޯ ލީޑު ނަގައިދިންތާ ތިން މިނިޓު ފަހުން ރެއާލް ނަތީޖާ އިތުރަށް ފުޅާކޮށްލި އެވެ. މިފަހަރު ވެސް ވާތުފަޅިން އެސެންސިއޯ ނަގައިދިން ހުރަސް ގޯލްގެ ތެރެއަށް ފޮނުވާލީ މާސެލޯ އެވެ. އޭނާ މިލަނޑު ޖެހީ އެސެންސިއޯ ނެގި ހުރަސް އެއްފަހަރުން ފޮނުވާލައިގެންނެވެ.