(13 ފެބްރުއަރީ 2018 އާ ގުޅޭ)
"އިފް އައި ހޭވް ޓު ކިލް ހާ... އައި ވިލް..."
ރަތްވަމުން އައި ދެ ލޮލުން އަރްސަލް ބަލާލަމުން އިއްވާލި ބަސްތައް ރާދިންގެ ހިތުގައި ބިރުވެރިކަން އުފެއްދިއެވެ. އެވަރުގެ ނުބައި ޢަމަލެއް އަރްސަލް ހިންގަން ދެން ބަލަހައްޓައިގެން ރާދިންއަކަށް ނުހުރެވޭނެއެވެ. އެކުވެރިޔާއަށް އެ ފަދަ ކަމަކަށް އެއްބާރުލުމެއް ވެސް ނުދޭނެއެވެ.
"ޕްލީޒް! ރުޅި ނައިސް އިހަށް ވިސްނާލަބަލަ... ތި ހިސާބަށް ނިންމުމުގެ ކުރީން ކުރެވިދާނޭ ކިތަންމެ ކަމެއް ވެސް ހުންނާނެ. އަދިވެސް އިތުރަށް އެ މައްސަލަ ބަލަން އަހަރެން އާނިމު ގާތު ބުނީމޭ" އަރްސަލް ހަމައަކަށް އެޅުވުމަށް ރާދިން ބުނެލިއެވެ.
ދަތްކުނޑި ވިކާލުމާއެކު މުއްކަވާލި ވައަތްތިލައިގައި ތުންފަތް ޖައްސާލައިގެން ދުރުބަލަހައްޓައިގެން އަރްސަލް އިނެވެ. ރާދިންއާ ވާހަކަދައްކަން ބޭނުންނުވެފައި އިންހެނެވެ. އެހެންވިޔަސް ރާދިން ދޭތެރެއަކުން ކޮންމެވެސް އެއްޗެއް ބުނެލައެވެ. އަރްސަލްއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
އިރުއޮއްސުނު ފަހުން އެނބުރި ގެސްޓުހައުސްއަށް ދެ ޒުވާނުން އައީއެވެ. ރޭގަނޑުގެ ކެއުމަށް ވާހިދު އެ މީހުން ބަލާ އަންނަން ދެން މަޑުކޮށްގެން ތިއްބެއެވެ. އަރްސަލް އައިސް އޭނާގެ އެނދުގައި އޮށޯތްގޮތަށް ނުތެދުވިއެވެ. މޫނުގައި ބާލީސް އަޅައިގެން އޭނާ އޮތީއެވެ. އަށްގަޑި ފަނަރަ ހިގަނިކޮށް ވާހިދު ވެސް ގުޅައިފިއެވެ. ރާދިން އައިސް އަރްސަލްއަށް ދެފަހަރު ގޮވާލިއެވެ.
"ކިހާ ދެރަކަމެއްތަ؟ މިހެން ވެސް ނޯންނާނަންވީތަ؟" އަރްސަލްގެ އަޑު ކޮޓަރީގެ ހަތަރު ފާރުތެރޭ ގުގުމައިގެން ދިޔައެވެ. ރާދިން ވެސް ހުރީ ހިސާބަކަށް ހުއްޓުން އަރާފައެވެ.
"ވާހިދު... ކާން..." ބުނަން އުޅުނު އެއްޗެއް ރާދިން ފުރިހަމަނުކޮށް ހުއްޓާލިއެވެ. އަދި ކޮޓަރީގެ ދޮރުން ނުކުންނަން ހިނގައިގަތެވެ.
"ކޮބާ އަރްސަލް؟" ކާރުގެ ބޭރުގައި މަޑުކޮށްލައިގެން ހުރި ވާހިދަށް ފެނުނީ ހަމައެކަނި ރާދިންނެވެ.
"ނިދާފަ... އޭނާ ހޭލީމާ ދެން ކޮންމެވެސް ގޮތެއް ބޭރުން ހަދާލާނީ" ހަޤީޤަތް ސިއްރު ކުރަމުން ރާދިން ބުނެލިއެވެ. އޭނާގެ ވާހަކަ ނިކަން އަވަހަށް ވާހިދު ޤަބޫލުކޮށްލިއެވެ. ކާރަށް ދެ މީހުން އެރުމާއެކު ވާހިދުމެން ގެއާ ދިމާއަށް ކާރު ނައްޓާލިއެވެ.
މުޅި ރޭ ނިމިގެން ދިޔައިރު އަރްސަލް އޮތީ ކުޑަކުދީން ބޮޑާހާކާ ފަދައިން ރާދިންއާ ވާހަކަނުދައްކާށެވެ. ދޭތެރެއަކުން ރާދިން ކޮންމެވެސް އެއްޗެކޭ ބުނެލާ އަރްސަލްއާ ގޮވާލައެވެ. އޭނާއަށް ވެސް އެހެން އޮވެފައި ނިންޖަށް ބަލިވެ ދެ ލޯ މެރުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ފަތިހު ހަތަރެއް ޖެހިފަހުން ވާރޭ ވެހެން ފެށިއެވެ. އެ އަޑުއަހަން އޮތް އިރު އަރްސަލްގެ ރުޅި ވެސް ފިލައިފިއެވެ. އެކި ކަންތައްތަކާ ވިސްނަން އަރްސަލް އޮއްވާ އޭނާއަށް ވެސް ނިދުނީއެވެ. ނަމަވެސް ގަޑިއެއްގެ އިރު ވެސް ހަމަނުވަނީސް އޭނާއަށް ކުއްލިއަކަށް ހޭލެވިއްޖެއެވެ. ލޫން ހުވަފެނުން ފެނުނީއެވެ. ދެން އިތުރަށް ނިދޭ ގޮތެއް ނުވިއެވެ. އިރުކޮޅަކު ބާލީސް ގެނެސް މެޔާލަ ބޮނޑިކޮއްލައިގެން އޮތުމަށްފަހު ތެދުވިއެވެ. ރޭ ހަތަރުދަމުން އެއްޗެއް ނުކައި އޮތީމަ ބަނޑުހައި ކަމުގެ ސިގުނަލް ހަށިގަނޑުން ދެމުން ދިޔައެވެ. ފާޚާނާއަށް ވަދެ ހޫނުފެނުން ފެންވަރާލައިގެން އަރްސަލް ނުކުތެވެ. ކުޑަދޮރު ކައިރީ މަޑުކޮށްލައިގެން އިރުކޮޅަކު ބޭރު ބަލަން ހުއްޓެވެ. އެހެންހުއްޓާ އަނެއްކާ ވެސް ބަނޑުން އަޑު ކިޔާ ލައިފިއެވެ. އެއާއެކު އަރްސަލް އެނބުރި ކޮޓަރިތެރެއަށް ބަލާލިއެވެ. ދޮރުކައިރީ ހުރި މިނީބާގައި ވެސް ހުރީ "ފިޒީ" ބުއިންތަކެވެ. އޭގެ ކައިރީ ހޫނުފެން ކައްކާ ޖަގު ހުއްޓެވެ. އަދި ރާދިން ގަނެގެން ގެނެސްފައި ހުރި ނެސްކެފޭ ކޮފީ ފުޅި ހުއްޓެވެ.
"ކޮފީއެއް ބޯންވީ" ކާއެއްޗެއް އެ ވަގުތު ނުލިބޭނޭކަން އެނގޭތީ އަރްސަލް އަމިއްލަ ނަފްސަށް ގޮތެއް ނިންމައިދިން ފަދައެވެ.
އާވި އަރައަރާ ހުރި ކޮފީ ޖޯޑު ހިފައިގެން އައިސް ކުޑަދޮރުގެ ކައިރީ އަރްސަލް މަޑުކޮށްލިއެވެ. ދުނިޔެ މަތި އަލިވަމުން ދިޔައެވެ. އެ އަލިކަމުގެ ތެރެއިން ކުޑަދޮރުގެ ބިއްލޫރިގަނޑުން ވާރޭގެ ތިކިތައް ސާފުކޮށް ފާޅުވާން ފެށިއެވެ. އެ ހިތްގައިމު ކަމަށް ހިތް ދޫކޮށްލައިގެން އިނުމަށްފަހު ފުންނޭވާއެއް އަރްސަލް ދޫކޮށްލިއެވެ. އަދި ނިދާފައި އޮތް ރާދިންއަށް ބަލާލިއެވެ.
"ސޮރީ ރާދު" މަޑުމަޑުން އަރްސަލް ބުނެލިއެވެ. ރޭގައި ރާދިންއާ މެދު ޢަމަލުތައް ބެހެއްޓުނު ގޮތް ހަނދާންވުމުން އެކަމާ އަރްސަލްއަށް ވިސްނާލެވުނީއެވެ. އެއްވެސް ކަމެއްގައި ރާދިންގެ ކުށެއްނެތެވެ. ހުރިހާ ވަގުތަކު އޭނާގެ ގާތުގައި ރާދިން ހުރެއެވެ. ނުބައިކަމަކަށް ރާދިން ވަސްވާހެއް ނުދެއެވެ. އެކަމަކު މިފަހަރު ރާދިންގެ އެ ނަސޭޙަތްތަކުގައި ހިފަން އަރްސަލްގެ ހިތް އެއްބަސްނުވަނީއެވެ. ދިރިއުޅުން ބަރުބާރުވެފައިވާ މީހަކު ފަދައިން އިހުސާސް ކުރެވެނީއެވެ. ސިކުނޑީގައި ހުރިހާ ވަގުތަކު ވަނީ ބަދަލު ހިފުމުގެ ރޫހެވެ.
ރާދިންނަށް ހޭލެވުނު އިރު ކޮޓަރިތެރެ އޮތީ ފަޅުކޮށެވެ. އަވަސް އަވަހަށް އަރްސަލްއަށް ގުޅާލިއެވެ. އޭރު ވެސް ވާރޭ ވެހެއެވެ. އަރްސަލް ފޯނު ނެގި ގޮތަށް ގެސްޓު ހައުސްގެ ތިރީގައި މަޑުކޮށްލައިގެން އިން ވާހަކަ ބުނެލުމުން ވަގުތުން ރާދިންއަށް ދެ ލޯ މަރާލެވުމާއެކު ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަދި އޭނާ ވެސް އިރުކޮޅަކުން އެބަ ދަން ކަމުގައި ބުނެފައި ކޯލު ކަނޑާލިއެވެ. ހެނދުނުގެ ސައި ގެސްޓު ހައުސްއިން ލިބެން ހުރީތީ ދެ ޒުވާނުން ވެސް ސައިބުއީ އެ ތަނުގައި ތިބެއެވެ.
ވާރޭ ވެހުނަސް މަސައްކަތް ފަށަން ހަމަޖައްސާފައި އޮތް ވަގުތަށް ހޮޓެލުގެ މަސައްކަތް އަރްސަލްއާއި ރާދިން ފެށިއެވެ. ކޮޓަރިތަކުގައި ފަރުދާތައް އެލުވުމާއި ފަރުނީޗަރުތައް އެތުރުމުގެ މަސައްކަތްތަކެވެ. ތަނާއި ގުޅޭނޭ ކުރެހުންތަކާއި އެ ނޫން ވެސް މަސައްކަތްތަކެވެ. މަސައްކަތް ކުރަން އުޅުނު ކުރޫގެ ތެރޭގައި ބިދޭސީންގެ އިތުރުން ދިވެހިން ވެސް ތިއްބެވެ. ވާހަކަދައްކާ އަޑާއި ހީނ ސަމާސާ ކުރާ އަޑު ހަރުލާފައި ހުއްޓެވެ. އެންމެ މަތީގެ ކޮޓަރިތަކުން ފަށައިގެން ތިރިއަށް އަންނާނީ ކަމުގައި ނިންމީ ރާދިންއެވެ.
މަސައްކަތުގައި އުޅެފައި އަރްސަލް ނުފެނިގެން ރާދިން ހޯދާލިއެވެ. ހެނދުނު ސައިބޯން އިނދެ ރާދިން ކުރި ދެތިން ސުވާލަށް އަރްސަލް ޖަވާބު ދިނުން ފިޔަވާ އިތުރު ވާހަކައެއް އޭނާ ނުދައްކައެވެ. އެކަން ރާދިންއަށް ފާހަގަ ކުރެވުނެވެ. އެކުވެރިޔާ ކޮބައިތޯ ހޯދަނިކޮށް ފެނުނީ ލޮބީއަށް ވައްދާފައި ހުރި ސޯފާތަކުން އެކަކަށް އިށީނދެވޭނޭހެން ހުރި ގޮނޑިއެއް ކުޑަދޮރުގެ ކައިރިއަށް ގެންގޮސް އޭގައި އިށީނދެ އިންދައެވެ. މުޅި ހަށިގަނޑު ގޮނޑީގެ ތެރެއަށް ދޫކޮށްލައިގެން ދެފައި ކުޑަދޮރުގެ ތިރީ ދާރަމަތީ އަޅުވާލައިގެން އަރްސަލް އިނެވެ. ކުޑަދޮރުގެ ބިއްލޫރިގަނޑަށް ނަޒަރު ހުއްޓާލައިގެން އިނެއްކަމަކު އޭނާ ހަމައެކަނި ބޭރު ބަލަނީކީ ނޫންކަން ރާދިންގެ ސިކުނޑި ދެނެގަތެވެ.
* * * *
އެއްމަސް ދުވަހާ ދުވަސްކޮޅަކު ގަމުގައި އަރްސަލްއާއި ރާދިން ތިއްބެވެ. ހޮޓެލްގެ ހުރިހާ ކަމެއް ނިމި ހުޅުވުމުގެ ކުރީން އިންސްޕެކްޓު ކުރާ އޮފިޝަލުންގެ ޓީމު ވެސް އައިސް ހުރިހާ ކަމެއް ބަލާ ހަދައިފިއެވެ. ބޮޑު ރަސްމިއްޔާތެއް ނުބޭއްވި ނަމަވެސް މީޑިއާގައި އެ ވާހަކަ ޖަހަން ރާދިން ބޭނުންވިއެވެ. ހޮޓެލް ހުޅުވުމާއެކު ފުރަތަމަ ކަސްޓަމަރަށް ޚާއްޞަ ޑިސްކައުންޓުތަކެއް ކަނޑައަޅައިފައިވާކަން އިޢުލާން ކުރިއެވެ. މަސައްކަތް ކުރިއަށް ދާ ގޮތް ބަލާލުމަށް ތަން ހުޅުވި ފަހުން ދެ ހަފްތާ އަރްސަލްއާއި ރާދިން މަޑުކުރިއެވެ. އެއަށްފަހު އަރްސަލް މާލެ ދާން ބޭނުންވާކަން ހާމަކުރިއެވެ. ހޮޓެލްގެ ކަންކަން ބެލެހެއްޓުމަށް ވާހިދަށް ހަވާލުކުރިއެވެ. ދޭތެރެއަކުން އެމީހުން އެކޮޅަށް އަންނާނޭކަމުގައި ވާހިދުގެ ގާތުގައި ރާދިން ބުންޏެވެ. ކިހާތާކު ކަމެއް ދެން އަންނާނީ ރާދިން ނުބުނެއެވެ.
ފުރުމުގެ ކަންކަން ވާހިދު ހަމަޖައްސައިދިނެވެ. އަރްސަލް ވަރަށް ބޮޑަށް ބަސްމަދުވެއްޖެކަން ފްލައިޓްގައި އިން އިރު ވެސް ރާދިންއަށް ވިސްނެމުން ދިޔައެވެ. އަރްސަލްގެ ވިސްނުން ހުރި ގޮތް ރާދިންއަށް ކަމުނުދާތީ އެ ޚިޔާލުތަކުގެ ވާހަކަ ނުދައްކަން ހުންނަނީއޭ ރާދިންގެ ޟަމީރު ބުނެއެވެ. ރާދިން ވެސް ބޭނުންވީ އަރްސަލް ހަމައަޔަކަށް އެޅެން ވަގުތު ނަގާނޭތީވެ މާބޮޑަށް އަރްސަލްގެ ކަންކަމަށް ފާޑު ނުކިޔާށެވެ. ބޭކާރު ސުވާލުތައް ނުކުރާށެވެ.
ދެ ޒުވާނުން އައިސް އަރްސަލްގެ ގެއަށް ވަދެ އެ މީހުން ދިރިއުޅޭ އެޕާޓްމެންޓަށް ވަނެވެ. ދަބަސް އެތެރެއަށް ގެންދިއުމުގެ ބަދަލުގައި ރާދިން ވެއްޓިގަތީ ސޯފާއަށެވެ. ގެއަށް އާދެވުނީ ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. ރާދިންއަށް ބަލާލާފައި އަރްސަލް ހިނިތުންވެލާ ދެ ފަރާތައް ބޯހޫރުވާލިއެވެ. އަދި އޭނާގެ ދަބަސް ހިފައިގެން ކޮޓަރިއަށް ގޮސް ވަނެވެ. އެއީ އަރްސަލްގެ އާދައެވެ. ދަތުރުކޮއްފައި އަންނަ ގޮތައް އޭނާ ވަގުތުން ފޮށި ހުސްކުރާނެއެވެ. ކޮންމެ އެއްޗެއް އެ ހުންނަންވާ ތަންތަނުގައި ތަރުތީބު ކުރާނެއެވެ.
"ހޭއި!..." ވައިބްރޭޓް ވަމުން ދިޔަ ފޯނު ޖީންސުގެ ޖީބުން ނަގައި ބަލާލާފައި ރާދިން ކަންފަތުގައި ޖަހާލިއެވެ.
"ތި މީހުން އައީތަ؟" ފޯނުގެ އަނެއްކޮޅުން އިވުނީ ކީފާގެ އަޑެވެ.
"ޔާ! އާދޭތޯ ބަލަބަލާތަ ތި އިނީ" ރާދިން ބުންޏެވެ.
"އަރްސަލް ފޯނެއް ނުނަގާ. ކޮބާ އޭނަ؟" ރާދިންއަށް ޖަވާބެއް ދިނުމުގެ ބަދަލުގައި ކީފާ އޮޅުން ފިލުވަން ބޭނުންވީ އެހެން ކަމެކެވެ.
"ކޮޓަރީގައި... އަދި ފޯނު އޮން ނުކުރަނީހެން ހީވަނީ. ޗާޖުނެތިގެން އުޅުނު" ރާދިން ބުނެލިއެވެ.
"ހަވީރު ދާނަން... މިރޭ ޑިނާ އެންމެން އެކުގައި ނަގަމާ. މައި ޓްރީޓް" ކީފާ ބުނަން ބޭނުންވި އެއްޗެއް ބުނެފައި ފޯނުކޯލު ކަނޑާލީއެވެ. ފޯނަށް ބަލަހައްޓައިގެން އިރުކޮޅަކު ރާދިން އޮތެވެ. އޭނާގެ ސިކުނޑީގައި ކޮންމެވެސް ޚިޔާލުތަކެއް ދައުރުވަމުން ދިޔައެވެ. ދެބުމަ ކައިރިކޮއްލާ ތުންފަތް އޫކޮށްލިއެވެ. އަދިއެއްފަރާތަކަށް ތުން އަނބުރާލާފައި ޗަސްޖަހާލިއެވެ.
"ޔޫ...." ފޯނާއެކު ނިތްކުރީގައި ރާދިން ދެއަތް ޖައްސާލާ އޮބާލިއެވެ. އަދި ވައަތުން އިސްތަށިގަނޑުގައި އަތްފުނާ އަޅާލާފައި ތެދުވިއެވެ. އެވަގުތު އެތަނަށް އަރްސަލް އައިސް މަޑުކޮށްލިއެވެ.
"އެ އަންހެންކުއްޖާ އުޅޭތަނެއް ހޯދަބަލަ... އޭނާގެ ލައިސެންސް ވަކިމުއްދަތެއް ނޭނގޭ ގޮތަށް ހިފެހެއްޓެން އޮތިއްޔާ އެކަން ވެސް ކޮއްދީ" ޖީންސުގެ ދެފަރާތުން ޖީބަށް ދެއަތްތިލަ ކޮއްޕާލައިގެން ހުރެ އަރްސަލް ވާހަކަދެއްކިއެވެ. ރާދިން އަނގައިން ނުބުނެ އިސްޖަހާލައިގެން އިންނަން ފެށުމުން އޭނާއަށް އަރްސަލް ގޮވާލިއެވެ. އެއާއެކު ހޫންއެއް ލައްވާލާފައި ރާދިން ބޯޖަހާލިއެވެ. އަރްސަލްއަށް ރާދިންގެ އެ ޖަވާބުން ފުދުނެވެ.
"މުއްތުބެއާ ބައްދަލުކޮއްލާކަށް ނުދާނަންތަ؟" ސީދާސީދާ ހިތުގައި އޮތް އެއްޗެއް ހާމަނުކުރަން ވެގެން ރާދިން ބުނެލިއެވެ. މުއްޠަލިބުއާ ބައްދަލުކޮއްފިނަމަ ފަހަރެއްގައި އަރްސަލްގެ ވިސްނުން ބަދަލުވެދާނޭ ރާދިން ޤަބޫލުކުރަން ބޭނުންވަނީއެވެ. އެހެންވިޔަސް ރާދިން އަހަންވާއިރަށް އަރްސަލް ދެކޮޅު ހަދައިފިއެވެ.
"އަހަރެން ބޭނުންވާ ގޮތް ރާދު ގާތުގައި އަބަދުވެސް ބުނަން... އެވަރު ނުފުދޭތަ؟ އަހަރެންގެ އަޑުއަހާނޭ ހުރީ ހަމައެކަނި ރާދު. އަނެއްކާ އެއީ އަހަންނަށް ހީކުރެވޭ ގޮތްތައް؟" އަރްސަލް ބުނެލިއެވެ.
"ކަމޯން ބްރޯ! އެހެންނެއްނޫނޭ.... އަރްސަލް ބުނާ ކޮންމެ ކަމެއްވެސް އަހަންނަށް ކޮއްދެވެން އޮތިއްޔާ ކޮއްދޭނަން. އައި އޭމް ހީއާ ފޯ ޔޫ ބްރަދާ. އެކަމަކު ބުނަން... ވާހަކަ ނުދައްކާ ނުހުންނާތި. ޔޫ ޖަސްޓް ޑޯންޓް ވޮރީ. ހަމަ މިއަދު ތިކަމާ އުޅޭނަން" ރާދިން އަވަސްއަވަހަށް ބުނެލިއެވެ.
ކީފާ ބުނިހެން އޭނާ ހަވީރު ފަހެއް ޖަހަން އުޅެނިކޮށް އަތުވެއްޖެއެވެ. އައީ ސައިބޯން ހެދިކާ ގަނެގެންނެވެ. އޭރު ރާދިން އިނީ ފޯނުގައެވެ. އެ ކޯލު ނިމޭނެ އިރެއްގެ އިންތިޒާރުގައި އިންހެން ރާދިންއަށް ބަލަހައްޓައިގެން އަރްސަލް އިނެވެ. އެޕާޓްމެންޓުގެ ދޮރު ހުޅުވީ ވެސް އަރްސަލްއެވެ.
"ވަރަށް ބަނޑުހައި...." އެތެރެއަށް ވަންނަމުން ކީފާ ބުނެލިއެވެ. އަރްސަލް ވާހަކަނުދެއްކިއެއް ކަމަކު ކީފާ އަމިއްލައަށް ވާހަކަދައްކަމުން ސިޓިންރޫމާއެކު ހުރި ބަދިގެ ތެރެއަށް ވަދެގެން ދިޔައެވެ. އަޅައިގެން ހުރި އަތްދަބަސް އަރްސަލްއަށް ދިއްކޮށްލާ އޭތި ކޮންމެވެސް ތަނެއްގައި ބާއްވާލަ ދިނުމަށް އެދުނެވެ. ބަހެއްނުބުނެ ހުރެ އަރްސަލް އެ ދަބަސް ގެނެސް ސޯފާތަކުގެ މެދުގައި ހުރި ކޮފީމޭޒު މަތީ ބޭއްވިއެވެ.
"އަރްސަލް..." ފޯނުކޯލު ނިންމާލާފައި ރާދިން ގޮވާލިއެވެ. އޭރު އޭނާގެ މޫނުމަތިން ހިސާބެއްގެ ހާސްކަން ފާޅުވޭވޭ ހުއްޓެވެ. ރާދިން އިތުރު އެއްޗެކޭ ބުނުމުގެ ކުރީން ކީފާއަށް ބަލާލާފައި ރާދިންއަށް ނަޒަރު ސީދާކޮށް އަރްސަލް ދެފަރާތައް ބޯހޫރުވާލިއެވެ. ކީފާ ހުއްޓާ އެއްވެސް ވާހަކައެއް އަރްސަލް ދައްކަން ބޭނުންނުވަނީކަން ރާދިން ދެނެގަތެވެ. އޭނާ ބޯޖަހާލީ އެހެންވެއެވެ.
ކީފާ އައުމުން އެޕާޓެމެންޓުގެ ތެރެއަށް ދިރުން ލިބުނު ކަހަލައެވެ. ކީފާގެ ހުރިހާ ސަމާލުކަމެއް އަރްސަލްއަށް ދެވިފައިވެއެވެ. ދޭތެރެއަކުން އޭނާގެ ހަރަކާތްތަކަށް ރާދިންގެ ނަޒަރު ހުއްޓެމުން ދިޔަކަން ނޭނގޭ ކަހަލައެވެ. ނޫނީ އެކަމަށް ސަމާލުކަމެއް ދޭން ކީފާ ބޭނުންނުވަނީ ކަންނޭނގެއެވެ. ރާދިންގެ ސިކުނޑީގައި އަހަރުތަކެއް ކުރީގެ ހަނދާނެއް އާވެގެންދިޔައެވެ. ޔުނިވަރސިޓީ ބްރޭކްގައި ރާދިންއާއި އަރްސަލްގެ ޚަރަދުގައި ކީފާ އެ މީހުންގެ ޗުއްޓީގައި ބައިވެރިކުރި ދަތުރެވެ. ޔުނިވަރސިޓީއިން ކީފާއާ ދިމާވީއްސުރެ އޭނާގެ ހަރަކާތްތަކަށް ރާދިންގެ ސަމާލުކަން އަތުލައެވެ.
"އަހަރެން ލޯބިވާ މީހަކު ހުރޭ... އޭނާދެކެ ވަރަށް ބޮޑަށް ލޯބިވޭ. އޭނާއަށް ވެސް އަހަރެން ކަމުދޭ. ސޫން ވީ ވިލް ބީ އިން އަ ރިލޭޝަންޝިޕް" ކުއްޖަކާ ރައްޓެހިވުމާ ބެހޭގޮތުން ރާދިން ބަދަލުކުރި ޚިޔާލުގެ ތެރޭ ކީފާ ބުންޏެވެ. އަދިވެސް އެ އަޑާއި އެ ލަފުޒުތައް ރާދިންގެ ސިކުނޑީގައި ބިންވަޅު ނެގިފައި ވެއެވެ. ލަސްކޮށްލެވިފައިވާ މަންޒަރެއް ފަދައިން ހިނިތުންވެލާއިރު ކީފާގެ ތުންފަތް ދެ މިލާ ގޮތާއި ވާހަކައިގައި އިރުއިރު ކޮޅާ ދެ ލޯ ބޮޑުކޮއްލާ ދެބުމަ ހިއްލާލާ ގޮތާއި ބޯއަރިކޮށްލާ ފަހަތަށް އައްސާލާފައި އޮތް އިސްތަށިގަނޑު ކުރިމައްޗަށް ކޮނޑުމަތިން ގެނެސް ކުޅެލާ ގޮތް ރާދިން ބަލަން އިނެވެ. ނަމަވެސް އެ މޫނުން ފެންނަނީ މާޔޫސްކަމެވެ. (ނުނިމޭ)