ބޮލީވުޑް

ޖިއާގެ މަރު: ސޫޒަޖުގެ މައްޗަށް ޝަރީއަތް ފަށައިފި

ބޮލީވުޑްގެ އެކްޓާ ޖިއާ ހާންގެ މަރުގެ މައްސަލާގައި ޖިއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބޮލީވުޑްގެ އެކްޓާ ސޫރަޖް ޕަންޗޯލީގެ މައްޗަށް ވަނީ ސީރިއަސް ތުހުމަތެއްކޮށް ދައުވާ ކުރަން ނިންމާފަ އެވެ.

ސޫރަޖްގެ މައްޗަށް ކޮށްފައި ދައުވާގައި ބުނެފައި ވަނީ މީހަކު އަމިއްލައަށް މަރުވުމަށް ހިތްވަރުދިން ކަމަށެވެ. އެ ދައުވާގައި ބުނެފައިވަނީ ޖިއާ އަމިއްލައަށް މަރުވުމަށް ހިތްވަރު ލިބުނީ ސޫރަޖްގެ ސަބަބުން ކަމަށެވެ.

އިއްޔެ ވަނީ ސޫރަޖްގެ މައްޗަށް ކުރެވޭ އެ ތުހުމަތުގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފަ އެވެ. އެ ޝަރީއަތުގެ އަޑުއެހުމަށް ސޫރަޖް ހާޒިރު ކުރި އެވެ. އޭނާ ވަނީ އެ ތުހުމަތުތަކަށް މީގެ ކުރިންވެސް އިންކާރުކޮށްފަ އެވެ.

އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ޝަރިއަތަށް ހުށަހެޅި ހެކިތަކުން ބުނާގޮތުގައި ޖިއާ މަރުވެފައި ވަނީ އޭނާ ދިރިއުޅޭ ގޭގައި އަމިއްލައަށް ދަންޖެހިގެނެވެ. ޖިއާ ދަންޖެހިފައި ހުއްޓާ އެންމެ ފުރަތަމަ ފެނުނީ އެ ދުވަހު ހަވީރު ޖިއާގެ މަންމަ އަށެވެ.

ސީބީއައި އިން ބުނީ ޖިއާގެ މަރުގެ ތަހުގީގު ކުރިއަށް ދިޔައިރު ސޫރަޖް ކަންކަން ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށާއި އޭނާ ތަހުގީގަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ. މި މައްސަލާގެ އިތުރު އަޑުއެހުމެއް މި މަހު 21 އަށް ވަނީ ތާވަލުކޮށްފަ އެވެ.

ޖިއާގެ މަރުގެ މައްސަލަގައި އޭނާގެ މަންމަ ޝަރީއަތުގައި ބުނެފައި ވަނީ ޖިއާ އަމިއްލައަށް މަރުވީ ނޫން ކަމަށާއި އޭނާ މަރާލީ ކަމަށެވެ. ޖިއާގެ މަންމަ ވަނީ ޖިއާ މަރާލީ ސޫރަޖް ކަމަށް ތުހުމަތުކޮށްފަ އެވެ.

ޖިއާގެ މަރުގެ މައްސަލާގައި ސޫރަޖް ފުރަތަމަ ހައްޔަރުކުރީ ޖުލައި 10، 2013 އިގަ އެވެ. ޖިއާ މަރުވީ ޖުލައި 3، 2013 އިގަ އެވެ. ފަހުން އެ އަހަރުގެ ޖުލައި މަހު ކަފާލާތުގެ ދަށުން ސޫރަޖް ދޫކޮށްލި އެވެ.