ވިޔަފާރި

އެލައިޑުގެ ހަދިޔާ ވައުޗަރު ވިއްކަން ފަށައިފި

އެލައިޑް "ސްޕެޝަލް އިވެންޓްގައި" ތައާރަފު ކުރި އިންޝުއަރެންސް ގިފްޓް ވައުޗަރުތައް މިއަދުން ފެށިގެން އާއްމުކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އެލައިޑް އިންޝުއަރެންސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖެނެރަލް މެނޭޖަރު- ސޭލްސް އިބްރާހިމް ފިރުޝާން ވިދާޅުވީ އެ ކުންފުނިން މި ގިފްޓް ވައުޗަރުތައް ނެރުމުގެ މަގުސަދަކީ އިންޝުއަރެންސަކީ ފަސޭހައިން ލިބޭނެ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުން ކަމަށެވެ.

"މި އިންޝުއަރެންސް ގިފްޓް ވައުޗަރު ތަކަކީ ހަދިޔާއެއްގެ ގޮތުގައި ދޭން ވަރަށް ހާއްސަ އެއްޗެއް. މި ވައުޗަރެއް މެދުވެރިކޮށް މި ޕްރޮޑަކްޓް ރޯލްއައުޓް ކުރަން ޖެހުނީ ބައެއް ބޭފުޅުން ޖެހިލުންވޭ ފައިސާގެ މުއާމަލާތް އޮންލައިންކޮށް ކުރަން. އެ ފަދަ ބޭފުޅުންނަށް ފަސޭހައިން މި ވައުޗާތައް ހޯދޭނެ،" ފިރުޝާން ވިދާޅުވި އެވެ.

މި ވައުޗަރު ތަކަކީ ހަދިޔާއެއްގެ ގޮތުގައި ދޭން ހާއްސަ އެއްޗެއް. މި ވައުޗަރެއް މެދުވެރިކޮށް މި ޕްރޮޑަކްޓް ރޯލްއައުޓް ކުރަން ޖެހުނީ ބައެއް ބޭފުޅުން ޖެހިލުންވޭ ފައިސާގެ މުއާމަލާތް އޮންލައިންކޮށް ކުރަން،
ޖެނެރަލް މެނޭޖަރު ސޭލްސް| އިބްރާހިމް ފިރުޝާން

އިންޝުއަރެންސް ގިފްޓް ވައުޗަރުގެ ގޮތުގައި ތިން ޕްރޮޑަކްޓެއް ވަނީ އެލައިޑުން ވަނީ އާއްމުންނަށް ދޫކުރަން ފަށާފަ އެވެ. އޭގެތޭގައި ހިމެނެނީ:

މޮޓޯ އިންޝުއަރެންސް ވައުޗަރު

ރާއްޖޭގެ އެއްގަމު ދަތުރު ފަތުރުގެ ގާނޫނުގެ ދަށުން ލާޒިންކޮށްފައިވާ "ތާޑް ޕާޓީ" އިންޝުއަރެންސު މިހާރު އެލައިޑުގެ ގިފްޓް ވައުޗަރަކުން ގަނެވޭނެ އެވެ. އެލައިޑު އިންޝުއަރެންސާއި އެލައިޑުގެ އިސްލާމިކް ވިންޑޯ "އަޔާދީ" އާއި އެލައިޑުގެ އަގަކީ 175ރ. އެވެ.

ހައްޖު އަދި އުމްރާ ވައުޗަރު

ހައްޖު ނުވަތަ އުމްރާގެ އަޅުކަން އަދާކުރަން ދާ މީހުންނަށް ހާއްސަކޮށް އެލައިޑުން ތައާރަފުކޮށްފައިވާ ހައްޖު އެންޑް އުމްރާ ތަކާފުލް މިވަނީ ގިފްޓް ވައުޗަރުގެ ގޮތުގައި ހަދިޔާ ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ހައްޖު ނުވަތަ އުމްރާގައި އުޅެނިކޮށް ދިމާވެ ދާނެ ގިނަ ގެއްލުން ތަކަށް ބަދަލު ލިބޭ ގޮތަށް ފަރުމާކޮށްފައިވާ އުމްރާ ވައުޗަރެއްގެ އަގަކީ 700ރ. އެވެ. އަދި ހައްޖު ވައުޗަރެއްގެ އަގަކީ 1،000ރ. އެވެ. އަޔާދީ ތަކާފުލްގެ މި ހިދުމަތަށް މީގެ ކުރިން ބައިނަލްއަގުވާމީ އެވޯޑެއް ވެސް ވަނީ ލިބިފަ އެވެ.

ހޯމް ކޮންޓެންޓް ވައުޗަރު

އަޔާދީ ތަކާފުލްގެ "ހޯމް ކޮންޓެންޓް ތަކާފުލް ވައުޗަރު" ފަރުމާ ކޮށްފައި ވަނީ ކުއްޔަށް އުޅޭ މީހުންގެ މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ނަގައިދެވޭނެ ގޮތަށެވެ. ރާއްޖޭގައި އާއްމުކޮށް ހޯމް އިންޝުއަރެންސް ފަރުމާކޮށްފައި ހުންނަނީ ގޭގެ އޯނަރަށް ގެ އާއި މުދާ އިންޝުއަ ކުރެވޭ ގޮތަށެވެ. ނަމަވެސް "ހޯމް ކޮންޓެންޓް ތަކާފުލް" އިން ކުއްޔަށް އުޅޭ މީހުންނަށް ރައްކާތެރިކަން ހޯދޭނެ އެވެ.

މިގޮތުން ގުދުރަތީ ހާދިސާއެއް ނުވަތަ ކާރިސާތަކާއި މި ނޫން ވެސް ލިބޭ ގެއްލުމަށް ތައްޔާރުވެވޭނެ އެވެ. މި ޕެކޭޖުން 50،000ރ. އާއި 500،000ރ. އާ ދެމެދު ކަވަރު ކުރާނެ އެވެ. މި ޕެކޭޖުގައި އަހަރަކަށް ޕްރިމިއަމް ދައްކަން ޖެހޭ އަގު އުޅެނީ ގާތްގަނޑަކަށް 200ރ. އާއި 1،500ރ. އާ ދެމެދުގަ އެވެ.

މި ވައުޗަރު ގަތުމަށްފަހު އެލައިޑުގެ ސައިޓުން ޕެކޭޖު އެކްޓިވޭޓް ކުރެވޭނެ އެވެ. މިގޮތުން މުދަލުގެ ކަވަރޭޖް ހޯދުމަށް ފަހު ވެބްސައިޓުގައި ވައުޗަރު ނަމްބަރު ޖަހާފައި ބޭނުންވާ އޮޕްޝަން ހިޔާރު ކުރެވޭނެ އެވެ. މިގޮތުން ދިހަ އޮޕްޝަނެއް އެލައިޑުން ވަނީ ހިމަނާފަ އެވެ. އަދި އާއްމުކޮށް ގޭގައި ބޭނުންކުރާ 60 އެއްޗެއްގެ ލިސްޓެއް ވެސް ވަނީ ހިމަނާފަ އެވެ. މި ޕެކޭޖު ނަގާނަމަ ގޭގައި ހުރި މުދަލުގެ ފޮޓޯ ވެސް ވެބްސައިޓަށް އަޕްލޯޑް ކޮށްލަން ޖެހޭނެ އެވެ. އޭރުން ފަސޭހަކަމާއެކު މި އިންޝުއަރެންސް އެކްޓިވޭޓް ވާނެ އެވެ.

އަޔާދީ ތަކާފުލްގެ މެނޭޖަރު އައިޝަތު ނިޒްމާ ވިދާޅުވީ "ހޯމް ކޮންޓެންޓް ވައުޗަރު" މެދުވެރިކޮށް ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް އައިޓަމްތައް އިންޝުއަ ކުރެވޭނެ ކަމަށެވެ.

"ގިނަ މީހުން މި އުޅެނީ ކުއްޔަށް. މިހެން އުޅޭއިރު ގިނަ އެއްޗިހި މި ހުންނަނީ ވެސް ނަގާފަ ކްރެޑިޓް ސްކީމުން. ހާދިސާއެއް ދިމާވާ ވަގުތު އެއްޗިހި ހަލާކުވިއަސް ކްރެޑިޓް ސްކީމަށް ފައިސާ ދައްކަން ޖެހޭ. ނަމަވެސް ހޯމް ކޮންޓެންޓް ތަކާފުލް ނެގުމުން މިފަދަ ހާދިސާތަކުގައި މާލީ ގޮތުން މި ލިބުނު ގެއްލުމުގެ ބަދަލު ލިބިގެން އެބަދޭ،" ނިޒްމާ ވިދާޅުވި އެވެ.

ގިނަ މީހުން އުޅެނީ ކުއްޔަށް. ގިނަ އެއްޗިހި ނަގަނީ ކްރެޑިޓް ސްކީމުން. ހާދިސާއެއް ދިމާވާ ވަގުތު އެއްޗިހި ހަލާކުވިއަސް ކްރެޑިޓް ސްކީމަށް ފައިސާ ދައްކަން ޖެހޭ. ހޯމް ކޮންޓެންޓް ތަކާފުލް ނެގުމުން ހާދިސާތަކުގައި ލިބޭ ގެއްލުމުގެ ބަދަލު ލިބިގެން ދޭ
އަޔާދީ ތަކާފުލްގެ މެނޭޖަރު | އައިޝަތު ނިޒްމާ

އޭނާ ވިދާޅުވީ މި ޕެކޭޖު ފަރުމާކޮށްފައިވަނީ ގިފްޓް ވައުޗަރު ގަނެގެން ގޮސް ބޭނުންވާ އެއްޗެއް ފަސޭހަކަމާއެކު އިންޝުއަ ކޮށްލެވޭނެ ގޮތަށް ކަމަށެވެ.

"ބައެއް ބޭފުޅުން ބޭންނުން ވެދާނެ ހަމައެކަނި ގޭގައި ހުރި އަގު ބޮޑެތި އެއްޗިހި އިންޝުއަ ކޮށްލަން. މިސާލަކަށް ޓީވީ އާއި ފަރުނީޗަރު ލާން ނޫނީ ވޮޝިން މެޝިން ނުލާން. އެގޮތަށް ވެސް މި ޕެކޭޖު ބޭނުން ކުރެވޭނެ. އެލައިޑް ޕޯޓަލްގައި ހުންނާނެ އާއްމުކޮށް ގޭގައި ހުންނަ ތަކެތީގެ ލިސްޓެއް. މީގެން އެއްޗިހި ސެލެކްޓް ކުރަމުން ދާ ވަރަކަކަށް އެއްޗަކަށް ކަވަރޭޖް ދެމުން ދާނެ،" ނިޒްމާ ވިދާޅުވި އެވެ.

އެލައިޑުން ތައާރަފުކުރި ގިފްޓް ވައުޗަރުތައް ކަސްޓަމާ ސާވިސަސް އޮފީހުންނާއި މާލެ އާއި ރާއްޖޭގެ އެޖެންޓުން އަތުން މިހާރު ލިބެން ހުންނާނެ އެވެ. މިގޮތުން ގދ. ތިނަދޫ އާއި ހދ. ކުޅުއްދުއްފުށި އަދި ޏ. ފުވައްމުލަކާއި ގދ. ވިލިނގިލި އަދި ނިލަންދޫގެ އަދި އައްޑޫ ވެސް މި ވައުޗަރުތައް ނެގޭނެ އެވެ.