ސިއްހީ ދާއިރާގައި ރާއްޖެ ދަނީ ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ވެސް ނަމޫނާ ދައްކަމުން ކަމަށް ހެލްތް މިނިސްޓަރު ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ އާބާދީއަކަށް އާންމު ސިއްހީ ފަރުވާ ލިބޭނެ ފަރިހަމަ ނިޒާމެއް ގާއިމްކޮށްދިނުމުގައި މި ސަރުކާރު ކާމިޔާބު ހޯދާފައިވާ ކަމަށެވެ.
ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖެއިން ޓީބީ ނައްތާލުމަށް އެކުލަވާލި މަސައްކަތު ޕްލޭން އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، އާބާދީ ބެހިފައިވާ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކާ އެކުވެސް ރާއްޖެއަކީ އެއްވެސް މީހަކު ބާކީ ކުރުމެއްނެތި އެންމެ ދަށްވެގެން އާދައިގެ ސިއްހީ ފަރުވާ ފޯރުކޮށްދޭ ގައުމެއް ކަމަށާއި އެއީ މި ސަރަހައްދުގެ އެހެން ގައުމަކަށް ހާސިލް ކުރެވިފައި ނުވާ ކާމިޔާބީއެއް ކަމަށެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކަށް ވެސް ކުރެވިފައިނުވާ ކަމެއް ކަމަށެވެ.
ފާއިތުވި ދެ އަހަރު ރާއްޖެއިން ފައިލޭރިއާ އާއި ހިމަބިހި ނައްތާލާފައިވާއިރު، މިއަހަރުގެ ތެރޭގައި އެއިޑްސް ކޮންޓްރޯލް ކުރެވިފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ ޓީބީ ފަދަ ބައްޔެއް ނައްތާލުމަށް ބައިނަލް އަގުވާމީ ފެންވަރުގެ މަސައްކަތްތަކެއް ކުރަން ރާއްޖެއަށް ފުރުސަތު ލިބުނީ ޑަބްލިޔު އެޗްއޯ ބަލައިގަންނަ ފެންވަރަށް ހިދުމަތްތައް ފުޅާކުރުމަށް ރާއްޖޭގައި މި ހަތަރު އަހަރު ކުރެވުނު މަސައްކަތްތަކުގެ ނަތީޖާގެ ގޮތުން ކަމަށެވެ.
"ޑަބްލިޔުއެޗްއޯ އިން ގަބޫލު ކުރާ ފެންވަރަށް ސިއްހީ ދާއިރާގެ ލަނޑުދަނޑިތައް ހާސިލްކުރެވިފައި މިވަނީ މި ސަރުކާރުން ސިއްހީ ނިޒާމަށް ގެނައި ވަރަށް ގިނަ ހެޔޮ ބަދަލުގެ ނަތީޖާގެ ގޮތުން، 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށްށް 350 އަށްވުރެ ގިނަ ޑޮކްޓަރުން ސިއްހީ ދާއިރާގެ ހިދުމަތަށް ވަނީ ގެނެވިފައި. މުޅިން އާ މަލްޓި ސްޕެޝަލިސްޓް ހޮސްޕިޓަލްތަކެއް ވުޖޫދަށް އައުމުގެ މަގުމަތީގައި ވަނީ. ޓްރީޓޮޕް ހޮސްޕިޓަލަށް ބެއްޔަސް އެއީ މި ސަރަހައްދުގައި ވެސް ހުރި އެންމެ ޒަމާނީ އެއް ހޮސްޕިޓަލަށް ވެގެންދާނެ،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
މިދިޔަ އަހަރު ރަޝިއާގައި ބޭއްވި މިނިސްޓީރިއަލް ފެންވަރުގެ ހެލްތް ފޯރަމެއްގައި ޓީބީ ކޮންޓްރޯލް ކުރުމަށް ސީރިއަސް މަސައްކަތްތަކެއް ކުރުމަށް ރަޝިއާގެ ރައީސް ވަލްޑަމިއާ ޕުޓިން ހުށަހެޅުއްވި ހުށަހެޅުން ގަބޫލު ކުރައްވައި އެކަމަށް އެންމެ ފުރަތަމަ ރާއްޖޭގެ ފަރާތުން ރައީސް ޔާމީން އިސްނަންގަވާފައިވާތީ މިނިސްޓަރު ނާޒިމް ވަނީ ރައީސަށް ޝުކުރު އަދާކުރައްވާފަ އެވެ.
ޓީބީ ނައްތާލުމަށް މަސައްކަތްކުރާ ކެމްޕޭނެއް މިއަދު ލޯންޗުކޮށްފައިވާއިރު އެ މަސައްކަތް ކާމިޔާބުކުރަން އަމާޒުހިފާފައިވަނީ 2022 ގެ ނިޔަލަށެވެ.