އަލިފާން

ކަރަންޓް ފޮށީގައި ރޯކޮށްލި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި

Feb 15, 2018
6

ސަރުކާރުގެ މައި ކަރަންޓު ކުންފުނި، ސްޓެލްކޯގެ ސަބް ސްޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާން ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ސްޓެލްކޯ އިލެކްޓްރިކް ސަބް ސްޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި 34 އަހަރާއި 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ވެސް ހައްޔަރު ކޮށްފައިވަނީ ރޭ ގެވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާން ރޯކޮށްލި ނުރައްކާތެރި ހާދިސާ ހިންގާފައި ވަނީ ރޭ ފަތިހު އެވެ. ރޯކޮށްލާފައި ވަނީ ފާށަނާކިލޭގެފާނު މަގުގައި ހުންނަ ޑިސްޓްރިބިއުޝަން ފޮއްޓެއްގަ އެވެ.

ފޮށީގައި ރޯކޮށްލި އަލިފާން، ފަތިހު 4:40 ގައި އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން ވަނީ ނިއްވާލާފަ އެވެ. އަލިފާން ނިއްވާލެވުނު ނަމަވެސް އެ ސްޓޭޝަންގެ އެއް ޑިސްޓިރިބިއުޝަން ފޮށި ވަނީ އަނދައިގެން ގޮސްފައެވެ. އަނދައިގެން ދިޔައީ މާލޭގެ ހަތް ޒޯނަކަށް ކަރަންޓް ދޭ ޑިސްޓްރިބިއުޝަން ފޮއްޓެކެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.