ކުޅިވަރު

ގަތަރަށް ފާޑުކީ އިނގިރޭސި އެފްއޭ ގަތަރާއެކު ޑީލެއް ހަދައިފި

ދެހާސް ބާވިސް ވަނަ އަހަރު ބާއްވާ ވޯލްޑްކަޕު ހޯސްޓް ކުރުމަށް އިނގިރޭސި ވިލާތުން ވެސް ބިޑް ހުށަހެޅި އެވެ. އެ ގައުމާ ވާދަކޮށް ބިޑް ކާމިޔާބު ކުރީ ގަތަރެވެ. ގަތަރަށް ވޯލްޑްކަޕް ދިނުމުން އެ ކަމުގައި ގަވާއިދާ ހިލާފު ކަންކަމެއް އުޅޭ ކަމަށް ބުނެ މައްސަލަ ހިލުވާލީ އިންގްލެންޑުންނެވެ. އަދި ގަތަރުގެ ވޯލްޑްކަޕްގައި ހުރި އެހެން މައްސަލަތައް ވެސް އެންމެ ބޮޑަށް ފާހަގަ ކުރަމުން ގޮސްފައި ވަނީ އިންގްލެންޑްގެ މީޑިއާ ތަކުންނެވެ.

ގަތަރަށް ވޯލްޑްކަޕް ދިނުމުން، އިނގިރޭސި އެފްއޭއެގެ ކުރީގެ ރައީސް ގްރެގް ޑައިކް ވިދާޅުވީ އެއީ ފީފާގެ ތާރީހްގައި ވެސް ހިނގި އެންމެ ނުބައި އަމަލު ކަމަށެވެ.

ނަމަވެސް އެފްއޭގެ ލީޑާޝިޕް ބަދަލުވުމުން އެކަން ބަދަލު ވެއްޖެ އެވެ. އިނގިރޭސި އެފްއޭގެ މިހާރުގެ ރައީސް ގްރެގް ކްލާކް ވަނީ ގަތަރާއެކު އެއްބަސްވުންތަކެއް ހަދާފަ އެވެ. ދެފަރާތުގެ ދެމެދުގައި ތަޖުރިބާ ހިއްސާ ކުރުމުގެ ނަމުގައި ވެވުނު އެއްބަސްވުމުގެ ދަށުން ގަތަރާއި އިނގިރޭސި ގައުމީ ޓީމާ ދެމެދު އެކުވެރި ކަމުގެ މެޗެތައް އިންތިޒާމު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

"އަހަރެމެންގެ އެސޯސިއޭޝަނުން ވަނީ މާޒީގައި ވެސް އެކި ގައުމުތަކުގެ އެސޯސިއޭޝަން ތަކާއެކު އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް ހެދިފައި،" ކްލާކް ވިދާޅުވި އެވެ. "ގަތަރުގައި ވޯލްޑްކަޕް ބާއްވާއިރު އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ފޯރިގަދަ ކުރުން ވެސް އެއްބަސްވުމުގެ ތެރޭގައި ހިމެނޭ."

އެއްބަސްވުމުގެ ދަށުން ފުޓްބޯޅަ ތަރައްގީ ކުރުމާއި ގްރާސްރޫޓް ފުޓްބޯޅަ އަދި ޒުވާނުންނާއި އަންހެންގެ ފުޓްބޯޅަ ކުރިއެރުވުން ހިމެނެ އެވެ. މީގެ އިތުރުން ފުޓްބޯޅަ މޭންޖެމެންޓާއި އެޑްމިނިސްޓްރޭޗަން ހަރުދަނާ ކުރުންވެސް ހިމެނޭ ކަމަށް ބީބީސީން ބުންޏެވެ.

އިންގްލެންޑުން އަމާޒު ކޮށްފައި ވަނީ، 2022 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބު ކުރުމެވެ. އެ އަމާޒުގައި އެ ގައުމުން ދަނީ ޕްލޭނެއްގެ ދަށުން މަސައްކަތް ކުރުމެވެ.