ހަބަރު

މަންދޫބު އައީ ޖެއްސުމަށް، ކެރެންޏާ މިނިވަންކޮށްދޭން ބުނިން: މައުމޫން

ވެރިކަން ވައްޓާލަން އުޅުން ކަމުގެ ތުހުމަތުގައި މާފުށީ ޖަލުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަރިހަށް ރައީސް އަބްދުﷲ ޔާމީންގެ މަންދޫބު ފޮނުވީ ހާލު ބައްލަވާކަށް ނޫން ކަމަށާއި އެއީ ޖެއްސުން ކުރުމަށް ކަމަށް ރައީސް މައުމޫން ވިދާޅުވި ކަމަށް އެމަނިކުފާނުގެ ވަކީލު ހުސެން ޝަމީމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ މަންދޫބެއްގެ ގޮތުން ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުގެ ހާލު ބެއްލެވުމަށް ފޮނުވާފައި ވަނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި ރައީސް މައުމޫންއާ މުއިއްޒު ބައްދަލުކޮށް އެ ދެ ބޭފުޅުން ދެއްކެވި ވާހަކަތައް އެމަނިކުފާނު ވަނީ ޝަމީމްއާ ހިއްސާ ކުރައްވައިފަ އެވެ.

އެ ވާހަކަތައް މީޑިއާއަށް ހާމަ ކުރައްވަމުން ޝަމީމް ވިދާޅުވީ ރައީސް މައުމޫން އަރިހަށް މުއިއްޒު ފޮނުވީ ހާލު ބައްލަވަން ނޫން ކަމަށާއި އެއީ ޖެއްސުން ކުރުމަށާއި ތުރާ ކުރުމަށް ފޮނުއްވި ބޭފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ. އަދި ހާލު ބައްލަވާނެ ކަމެއް ނެތް ކަމަށާއި ވަގުތުން މިނިވަން ކުރުމަށް ރައީސް ޔާމީންއަށް ދަންނަވަން ރައީސް މައުމޫން މުއިއްޒަށް ވިދާޅުވި ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"މިނިސްޓަރު މުއިއްޒު ވިދާޅުވި ކަމަށް ވަނީ އެ ވާހަކަ ރައީސް ޔާމީންއަށް ދަންނަވާނެ ކަމަށް، ނަމަވެސް ރައީސް މައުމޫން ވިދާޅުވީ އެ ވާހަކަތައް ރައީސް ޔާމީންއަށް ދަންނަވަން މުއިއްޒަކަށް ކެރިވަޑައި ނުގަންނަވާނެ ކަމަށް، އެއީ އެ ވާހަކަތައް ރައީސް ޔާމީންއަށް ދަންނަވައިފިއްޔާ މުއިއްޒު ވެސް އޮންނާނީ ގޮޅީގައޭ، އެހެންވެ އެ ވާހަކަ ދަންނަވަން ކެރިވަޑައި ނުގަންނަވާނެ ކަމަށް މުއިއްޒަށް ރައީސް މައުމޫން ދެންނެވި،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަނެވުނީ ރައީސް މައުމޫން އާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ މަސައްކަތުން ކަމަށާއި އެކަން ހަނދުމަފުޅަށް ނުގެންނަވާ ގާނޫނާ ހިލާފަށް މިހާ ހިސާބަށް ކަންތައް ގެންދާނެ ކަމަށް ހީވެސް ނުކުރައްވާ ކަމަށް ރައީސް މައުމޫން މުއިއްޒަށް ވިދާޅުވި ކަމަށެވެ. އަދި ގައުމު އިސްލާހު ކުރަން ކުރާ މަސައްކަތުގައި ކެނޑިނޭޅި އަދިވެސް މަސައްކަތް ކުރާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި ކަމަށް ޝަމީމް ވިދާޅުވި އެވެ.

ރައީސް މައުމޫންއާ މިނިސްޓަރު މުއިއްޒު ބައްދަލު ކުރެއްވުމުން، ކަންބޮޑުވުން ފާޅު ކުރައްވަމުން ޝަމީމް ވިދާޅުވީ ވަކީލުންނަށް ރައީސް މައުމުންއާ ބައްދަލު ކުރެވޭނީ ކަސްޓޯޑިއަލް އިން ހުއްދަ ކުރުމުން ކަމަށާއި ނަމަވެސް ސަރުކާރުން ފޮނުވާ މީހަކަށް ބޭނުން ވަގުތެއްގައި ރައިސް މައުމޫންގެ ވަކީލަކާ ނުލައި ބަައްދަލު ކުރެއްވުމަކީ މައްސަލައެއް ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނޭނގޭ ބައްދަލު ކުރަނީ ކާކާ ކަމެއް ވެސް، އަޅުގަނޑުމެންގެ މުއައްކިލާ އަޅުގަނޑުމެންގެ ހާޒިރުގައި ނޫން ގޮތަކަށް މީހަކު ބައްދަލު ކުރުމަކީ އެއީ މައްސަލައެއް، އެއީ ދައްކާ ވާހަކައެއް އަޅުގަނޑުމެންނަށް ނޭނގެ، ކުރިމަތި ކުރުވަނީ ކޮން ކަހަލަ މަޖުބޫރުވުންތަކެއް ކަމެއް ނޭނގެ، އައެ ހައްގުތައް ރައްކާތެރި ކުރުމަށް ވަކީލުން މިތިބެނީ ނަމަވެސް އެކަން ނުކުރެވޭ ގޮތަށް ކުރަައްވާ ކަންކަމަށް ކަންބޮޑުވޭ،" ޝަމީމް ވިދާޅުވި އެވެ.

ރައީސް މައުމޫންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ، ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވުން ހިމެނެ އެވެ. އަދި ހެކި ފޮރުވުމުގެ ތުހުމަތު ވެސް އެމަނިކުފަނުގެ މައްޗައް ފުލުހުން ވަނީކޮށްފަ އެވެ.