ހަބަރު

މައުމޫނާއި ފަނޑިޔާރުންނަށް ހުރިހާ ހައްގެއް ލިބޭ: މުއިއްޒު

ވެރިކަން ވައްޓާލަން އުޅުން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔަރު އަލީ ހަމީދަށް ހުރިހާ ހައްގުތަކެއް ލިބެމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމިންގެ މަންދޫބެއްގެ ގޮތުން އެ ތިން ބޭފުޅުންގެ ހާލު ބެއްލެވުމަށް އިއްޔެ މާފުށީ ޖަލަށް ވަޑައިގަތް ހައުސިން މިނިސްޓަރު ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން މުއިއްޒުއާ ހަވާލާދީ ރައީސް އޮފީހުން މިއަދު ބުނީ ރައީސް މައުމޫނާއި އަބްދުﷲ ސައީދު އަދި އަލީ ހަމީދުގެ ހާލުކޮޅާ ބެހޭ ގޮތުން މީޑިއާތަކުގައި ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެ ތިން ބޭފުޅުންގެ އަސާސީ ހައްގުތައް ރައްކާތެރި ކުރެވިފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށް ވެސް މުއިއްޒު ވިދާޅުވި ކަމަށެވެ. އޭގެ އިތުރުން ސަލާމަތީ ބާރުތަކުން އަމަލު ކުރައްވަމުން ގެންދަވަނީ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުން އެބޭފުޅުންނަށް ލިބިދޭ ހުރިހާ ހައްގުތަކެއް އެންމެ ފުރިހަމައަށް ދީގެން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މިހެން ވިދާޅުވި ނަމަވެސް ރައީސް މައުމޫން މުއިއްޒަށް "ކުރު ދޮށިން ދެއްވާފައިވާ" ކަމަށް ރައީސް މައުމޫން ވިދާޅުވި ކަމަށް އެމަނިކުފާނުގެ ވަކީލު ހުސެން ޝަމީމް ވިދާޅުވި އެވެ. އަދި މުއިއްޒު ވަޑައިގަތީ ހާލު ބައްލަވާކަށް ނޫން ކަމަށާއި ޖެއްސުން ކުރެއްވުމުގެ ނިޔަތުގައި ކަމަށް ވެސް ރައީސް މައުމޫން މުއިއްޒަށް ދެންނެވި ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. އޭގެ އިތުރުން އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށް ރައިސް ޔާމީންއަށް ދެންނެވުމަަށް ވެސް ރައީސް މައުމޫން ވިދާޅުވެފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ރައީސް މައުމޫންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ، ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވުމެވެ. އަދި ހެކި ފޮރުވުމުގެ ތުހުމަތު ވެސް އެމަނިކުފަނުގެ މައްޗައް ފުލުހުން ވަނީކޮށްފަ އެވެ.