ދިވެހި ސިނަމާ

"ބޮސް" ގެ ފޭނުންނަށް ނަހުލާގެ ހަދިޔާއެއް

ކުޅަދާނަ ޕްރޮޑިއުސާ އަދި ޑައިރެކްޓާ ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް ގެނެސްދިން ފިލްމު "ބޮސް" ގެ ފޭނުންނަށް ނަހޫގެ ފަރާތުން ހާއްސަ ހަދިޔާއެއް އެބައޮތެވެ. އެ ފިލްމުގެ ލަވަތަކުގެ ވީޑިއޯ ޑީވީޑީ ވިއްކަން ފަށަނީ އެވެ.

ރާއްޖޭގައި މިހާރު ތިބި މަޝްހޫރު ލަވަކިޔުންތެރިންގެ އަޑުން އިވިގެންދާ "ބޮސް" ގެ ލަވަތަކަކީ ގިނަ ބައެއް މަގުބޫލުކަން ހޯދާފައިވާ ލަވަތަކެކެވެ. އެގޮތުން މޯލްޑިވިއަން އައިޑަލް އިން ވިދާލި ޝަލަބީ އިބްރާހިމް އަދި އައިމިނަތު އަޝްފާގެ އަޑުން އިވިގެންދިޔަ "ވޭންތަކުން ދިން ހިތި މާޒީ" އަދި އިބްރާހިމް އަލީ (ކުޑައިއްބެ) ގެ އަޑުން އިވިގެންދިޔަ "މި ވާވަރު" އަކީ ފާހަގަ ކޮށްލެވޭ ލަވަތަކެވެ.

"ބޮސް" ގެ ލަވަތަކުގެ ވީޑިއޯ ޑީވީޑީ ނިކުންނަނީ --

ލޯބީގެ އަސަރުގަދަ ފިލްމު "ބޮސް" ގައި އަށް ލަވައެއް ހިމެނެ އެވެ. ހުރިހާ ލަވައެއް ވީޑިއޯ ހިމެނޭ ޑީވީޑީ 100 ރުފިޔާއަށް އޮލިމްޕަސް ޓިކެޓް ކައުންޓަރުން މި މަހު 20 އިން ފެށިގެން ލިބޭނެ ކަމަށް ނަހުލާ ބުނެ އެވެ.

"ބޮސް" ގެ ލަވަތަކުގެ ޑީވީޑީ ވިއްކަން ފާށާއިރު އަންނަ މަހު މި ފިލްމު ހާއްސަ ދެ ޝޯއެއް އޮލިމްޕަހުގައި ދެއްކުމަށްވެސް ތާވަލުކުރެވިފަ އެބަ އޮތެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހު 31 ގައި ރިލީޒްކުރި މި ފިލްމު އޮލިމްޕަހުގައި ދައްކާނީ އަންނަ މަހު 1 އަދި 3 ގަ އެވެ.

"ބޮސް" ގެ ޓްރެއިލާ --

ފިލްމީ ދާއިރާއަށް އަލަށް ތައާރަފުވި މުހައްމަދު ޔުނާން އަދި މަރިޔަމް އައްޒަ ލީޑުން ފެނިގެންދާ "ބޮސް" އަކީ ނަހުލާގެ ސްކްރީންޕްލޭއަކަށް އައިޝަތު ރިޝްމީ ޑައިރެކްޓުކުރި ފިލްމެކެވެ. ރާއްޖޭގެ ގިނަ ރަށްތަކެއްގައި ސްކްރީނުކޮށް މި ފިލްމު ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ.

"ބޮސް" ގެ އިތުރުން ނަހުލާގެ މާސްޓަޕީސް ބިރުވެރި ފިލްމު "4426" ގެ ޝޯއެއްވެސް އޮލިމްޕަހުގައި ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އޮކްޓޯބަރު 18، 2016 ގައި ރިލީ ޒްކުރި މި ފިލްމު އޮލިމްޕަހުގައި ދައްކާނީ އަންނަ މަހު ދޭއްގަ އެވެ.

ބެލުންތެރިން ބިރުން ފިތް ކަނޑުވާލީ ފިލްމު "4426" އަކީ ނަހުލާ އަދި އަލަށް ޑައިރެކްޝަނަށް ނިކުތް އަހްމަދު ޝިނާން ގުޅިގެން ޑައިރެކްޓުކުރި ފިލްމެކެވެ. މި ފިލްމުގެ ހާއްސަ ރޯލުތަކުން ފެނިގެންދަނީ ޔޫސުފް ޝަފީޢު (ޔޫއްޕެ)، މަރިޔަމް އައްޒަ، ޝީލާ ނަޖީބް، މުހައްމަދު ފައިސަލް، އިސްމާއިލް ޖުމައިހް، ޖުމައްޔިލް ނިމާލް (ޖުމަލް)، އަދި އިބްރާހިމް ޖިހާދު (ޖިމީ) އެވެ.

"4426" ގެ ޓްރެއިލާ --

ދެ ފިލްމުގެ ޓިކެޓް މިހާރު އެ ފިލްމުތަކުގެ އޮފިޝަލް ފޭސްބުކް ޕޭޖަށް މެސެޖު ކުރުމުން ބުކްކޮށްދެމުން ދާނެ ކަމަށް ނަހުލާ ބުންޏެވެ. ޝޯތަކުގެ ޓިކެޓް ވިއްކަން ފަށާނީ މި މަހު 20 ފެށިގެން އޮލިމްޕަހުންނެވެ.

ނަހުލާ ބުނީ މި ފިލްމުތައް އަލުން އަޅުވަން ނިންމީ، ފިލްމު އަދި ބަލާ ނުލެވި ތިބި ފަރާތްތަކާއި ފިލްމު އަލުން ބަލާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދާ ދިނުމުގެ ގޮތުން ކަމަށެވެ.