ހުސައިން ޝަމީމް

ވަކީލަކު ހޯދަން ޝަމީމަށް ފުރުސަތު ދީފި

Feb 15, 2018
1

ދޮގު މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރި ކަމުގެ ތުހުމަތެއްގައި ފުލުހަށް ހާޒިރުވާން އެންގި ކުރީގެ ޑެޕިއުޓީ ޕީޖީ، ހުސެއިން ޝަމީމް މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ވަކީލަކު ހޯދަން ފުރުސަތު ދިނުމަށްފަހު ފޮނުވާލައިފި އެވެ.

ޝަމީމް ފުލުހަށް ހާޒިރުކޮށްފައިވަނީ މިރޭ 8:00 އަށެވެ. އޭނާއަށް ފުލުހުންގެ އިދާރާއިން ފޮނުވި ޗިޓުގައި ވާގޮތުން ނަމަ މިރޭ ފުލުހަށް ހާޒިރު ކޮށްފައިވަނީ، މި މަހުގެ 13 ވަނަ ދުވަހުގެ ރޭ އެންދެރިމާގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ހޯދާފައިވާ ހެއްކާ ބެހޭ ގޮތުން ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ޗިޓުގައިވާ ގަޑިއަށް ޝަމީމް މިރޭ ފުލުހަށް ހާޒިރުވުމުން ވަކީލަކު ހަމަޖައްސަން ފުރުސަތުދީ ފޮނުވާލާފައިވާއިރު ޝަމީމް ވިދާޅުވީ، މައްސަލައާ ގުޅިގެން މިރޭ އެއްވެސް ވާހަކައެއް ފުލުހުން ނުދައްކާ ކަމަށެވެ. އެންގީ ވަކީލަކު ހަމަޖެއްސުމަށްފަހު މާދަމާ ރޭ 8:00 އަށް އަނެއްކާވެސް ހާޒިރުވުމަށް ކަމަށެވެ.