ރިޕޯޓް

ޕާޓީ ދިދަަތައް ދޫކޮށް، ގައުމީ ދިދަ ވިހުރުވަނީ!

މިއީ ރިޔާސީ އިންތިހާބުގެ އަހަރެވެ؛ އަހަރު ވަދެގެން މިދަނީ އާންމު ގޮތެއްގައި ފެންނާނީ ޕާޓީތަކުގެ ޕޯސްޓަރުތަކުން ފާރުތަކާއި މަގުތައް ފުރާލާ ދުވަސްވަރަށެވެ. ހިމަ ގޯޅިތަކުގައި އެއް ގެއިން އަނެއް ގޭ މަތިން ދެ ފަރާތައް އެބަޔަކު ސަޕޯޓު ކުރާ ޕާޓީތަކުގެ ދިދަތައް އެލުވާލާ މަސްތައް ފަށަނީ އެވެ. ފެއްސާއި ރަތް ފިޔާތޮށި ނޫނީ ރީންދޫ ކުލައިން މުޅި މާލެ އަދި ރާއްޖެ އޮންނާނީ ދިއްލާ ހިސާބު އައީ އެވެ. އަދި އެ ކުލަ ކުލައިގެ ދިދަތައް ހިފައިގެން މަގުތަކަށާއި މައިޒާންތަކަށް އެއްވެ ކެމްޕެއިންގެ ފޯރި ނަގާ ހިސާބު އަންނަނީ އެވެ. ނޫނީ އައިސްފި އެވެ.

ނަމަވެސް މި އަހަރު ފެންނަ މަންޒަރު ވަރަށް ތަފާތެވެ. މުޅިން ބަދަލުވެއްޖެ އެވެ. ކުލަ ކުލައިގެ ޕާޓީ ދިދަތައް ފެންނަލެ ވަރަށް މަދެވެ. އެކަން މާލޭގެ އެންމެ މާލޭ އެންމެ އިރުމައްޗައް ގޮސް އިދިކޮޅު ހަތަރު ސިޔާސީ ޕާޓީތަކުން ކޮންމެ ދުވަހަކު އެއްވާ އެމްޑީޕީ ޖަގަހަ ކައިރިޔަށް ގޮސް ހުއްޓިލައިގެން ހުންނަ އިރު ފެންނާނެ އެވެ.

ފޮޓޯގަނޑަކުން ސިޔާސީ ކަމެއްގައި އެއްވެ ތިބޭ ބައެއް ހެނެއް ހީނުވާނެ އެވެ. އިދިކޮޅު ޕާޓީތަކުގެ ކުލަތައް ކަމަށްވާ ރީންދުލާއި ފެއްސާއި ރަތް އަދި ފިޔާތޮށި ކުލައިގެން މިންވަރެއް ވެސް އެތަނަށްދާ މީހެއްގެ ފަރާތުން ނުފެނެ އެވެ. ނަމަވެސް ކޮންމެ މީހެއްގެ އަތުގައި ގައުމީ ދިދައެއް އޮވެ އެވެ. ފެއްސާ ރަތާައި ހުދުގެ އެ ދިދަ ވިހުރުވަމުން އެންމެން ތިބެނީ ވަރަށް "ގައުމީ ޖޯޝެއް" ގަ އެވެ. ފަހަކަށް އައިސް ބާއްވާ ކޮންމެ އެއްވުމެއްގައި އިދިކޮޅު ޕާޓީތަކުން ބޭނުން ކުރަނީ އެ ދިދަ އެވެ.

"މިއީ އަހަރުމެން ކުރާ ގައުމީ ޖިހާދެއް، މިހާރު މި އޮތް ހާލަތުން ގައުމީ ކަމަކަށް ވެފަ އޮތީމަ މި ދިދަ ހިފައިގެން މިތިބީ، އަހަރުމެން މި ނިކުންނަނީ އެފަދަ ނިޔަތެއްގައި،" ހަރުގެ ކައިރީ ހުރި މެދު އުމުރު ފުރައިގެ ފިރިހެނެއް ބުންޏެވެ.

މާލޭގެ އަނެއް ފަޅިއަށް ނަޒަރު ހިންގާލަމާ ހެއްޔެވެ. ވެސްޓް ޕާކުގައި ހަދާފައި އޮންނަ ސަރުކާރު ހިންގާ ޕީޕީއެމްގެ ޖަގަހައާ ދިމާލަށެވެ. އެންމެ ފަހުން ރައީސް އެ ސަރަހައްދަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެ ސަރަހައްދަށް މީހުން ޖަމާވެފައި އޮތް އިރު ވެސް ފެނިގެން ދިޔައީ ހަމަ އެއް މަންޒަރެކެވެ. ތަފާތަކީ ދައްކާ ވާހަކަ އާއި ތިބޭ މީހުންނެވެ. ނަމަވެސް ޖަހަނީ ސިޔާސީ ލަވަތަކުގެ ބަދަލުގައި ގައުމީ ލަވަތަކެވެ. ކޮންމެ މީހެއްގެ އަތުގައި ގައުމީ ދިދައެއް އޮވެ އެވެ. އެ ދުވަހުގެ ފަހުން ވެސް އެ ޖަގަހާގައި އަދި ޕީޕީއެމްގެ އެހެން އިވެންޓުތަކުގައި ވެސް މިހާރު ފެންނަނީ ގައުމީ ދިދަ އެވެ. ނިކުމެ ތިބެނީ ގައުމި ރޫހެއްގަ އެވެ. އެ މީހުން ވެސް ބުނަނީ "މިއީ ގައުމަށްޓަކައި" ކުރާ ކަމެއް ކަމެކެވެ.

"އަހަރުމެންގެ ރައީސް ހޯއްދެވީ ނަސްރެއް، އެއީ ދިވެހި ގައުމު ސަލާމަތްކޮށްދިނީ ބޮޑު ނުރައްކަލަކުން، އެކަން ފާހަގަ ކުރަން ޖެހޭނީ ހަމައެކަނި ޕާޓީއަކުން ނޫން، ހުރިހާ ރައްޔިތުން ގައުމީ ކަމެއްގެ ގޮތުގައި ފާހަގަ ކުރަން ޖެހޭ، ދެން ކުރިޔަށް އޮތް ތަނުގައި ނަގާނީ ވެސް ހަމަ މި ގައުމީ ދިދަ،" އެ ޕާޓީގެ އެކްޓިވިސްޓަކު ބުންޏެވެ.

ހުރިހާ ޕާޓީތަކުން ވެސް ކުލަކުލައިގެ ދިދަތައް މަތިން ހަނދާން ނެތި އެ ދިދަތައް އަތުން ދޫކޮށްލައިފި އެވެ. މިހާރު އުފުލާލަނީ ގައުމީ ދިދަ އެވެ. ނަމަވެސް މިއީ މީގެ ކުރިން ބޭރުގެ ވަރުގަދަ ޓީމަކާއެކު ރާއްޖެ ފުޓުބޯޅަ މެޗެއް ކުޅޭ ދުވަސްވަރެއްގައި ނޫނީ ނުފެންނަ މަންޒަރެކެވެ. ނޫނީ މިނިވަން ނުވަތަ ގައުމީ ދުވަސް ފަދަ މުނާސަބަތެއްގައި ނޫނީ ބޭނުން ނުކުރާނެ ދިދަ އެވެ. ސިޔާސީ ޕާޓީތަކުގެ ކެމްޕެއިނާއި ސިޔާސީ ހަރަކާތްތަކުގެ މައިގަނޑު އެއްޗަކަށް ގައުމީ ދިދަތައް ވުމަކީ މީގެ ކުރިން މިހާ ގަދައަށް ވިކަމެއް ހެނެއް ހީނުވެ އެވެ.

ދިވެހިންގެ ތެރެއިން ސިޔާސީ ކަންކަން ދެކެ ފޫހިވާ މީހުން ވެސް މަދެއް ނޫނެވެ. އެ މީހުންގެ ތެރޭގައި އަބަދުވެސް އޮންނަ ޝަކުވާއަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ގައުމީ ރޫހާއި އެއްބައިވަންތަކަން ގެއްލި ރައްޔިތުން ބައިބައި ކުރުވި އެއްޗަކީ ސިޔާސީ ޕާޓީތަކެވެ. ކޮންމެ މީހެއް ގައިގައި ވަކި ކުލައެއް ޖައްސާ، ވިސްނުމާއި ފިކުރު ތަފާތު ކުރުވި އެވެ. އަދިވެސް އެ ހާލަތު އޮތީ ހަމަ އެގޮތަށް ކަމަށް ވެދާނެ އެވެ. އެހެން ނަމަވެސް ހަމަގައިމުވެސް ގައުމީ ދިދައިގެ ކުލަތައް މި އޮތީ ސިޔާސީ ޕާޓީތަކުގެ ތެރެއަށް ވަދެފަ އެވެ.