މެންޗެސްޓާ ޔުނައިޓެޑުގެ ފްރާންސް މިޑްފިލްޑަރު ޕޯލް ޕޮގްބާ އެ ކްލަބުގައި ހުރީ ހިތްހަމަ ނުޖެހިފައި ކަމަށާއި އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އެ ކްލަބް ދޫކޮށްލާނެ ކަމަށް ބުނެ މީޑިޔާ ތަކުގައި ދެކެވޭ ވާހަކަ އަކީ ދޮގެއް ކަމަށް ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޕޮގްބާ ހިތް ހަމަނުޖެހިފައި ހުރީ މެޗުތަކުގައި އޭނާ ޑިފެންސިވް ކުޅުމުގައި މާބޮޑަށް ބޭނުން ކުރާތީ އެވެ. ޕޮގްބާ ބޭނުން ވަނީ އެޓޭކްގައި ބޮޑަށް ބައިވެރި ވެގެން ކުޅޭފަދަ މަގާމެއްގައި ކުޅެން ކަމަށް ވެސް ބުނެ އެވެ.
ޕްރެސް ކޮންފަރެންސް އެއްގައި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ޕޮގްބާއަށް އޭނާގެ އެންމެ ފުރިހަމަ ކުޅުން ނުދެއްކޭ ކަމަށް ޕޮގްބާ އަމިއްލައަށް އެއްބަސްވާ ކަމަށެވެ. އިތުރަށް ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ އޭނާ އާއި ޕޮގްބާ އާއި ދެމެދު ގުޅުމެއް ނޯންނަ ކަމަށާއި އަދި ޕޮގްބާ ކުޅުވާ މަގާމާ މެދެ އޭނާ އާއި ޕޮގްބާ އެއްބަސް ނުވާ ކަމަށް ބުނެ ދެކެވޭ ވާހަކަ އަކީ ދޮގެއް ކަމަށެވެ.
ޕޮގްބާގެ ކުޅުން ދަށްވެ އޭނާ ހިތްހަމަ ނުޖެހި ހުރިކަމަށް ބުނެ ވާހަކަ ދެކެވެމުން ދާއިރު ރެއާލް މެޑްރިޑުން މިހާރު ޕޮގްބާ އެޓީމަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިނގިރޭސި ނޫސް ތަކުން ރިޕޯޓްކޮށްފަ އެވެ.
ދެހާސް ސޯޅައިގައި ޕޮގްބާ އިޓަލީގެ ޔުވެންޓަސް ދޫކޮށް ޔުނައިޓެޑަށް ގުޅުން ނިންމީ ރެއާލް މެޑްރިޑުން އޭނާ ގެންދިއުމަށް މަސައްކަތްކުރަމުން ދަނިކޮށެވެ. ރެއާލް މެޑްރިޑުން ވަނީ އެ ފަހަރު ޔުވެންޓަސްއަށް ޕޮގްބާ ގަތުމަށް ބިޑެއް ވެސް ހުށައަޅާފަ އެވެ. ނަމަވެސް ޕޮގްބާ ވަނީ ރެއާލްއަށް ނޫނެކޭ ބުނެފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑުގައި ކެރިއަރު ފެށި ޕޮގްބާ ޔުވެންޓަސްއަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އިޓަލީގައި ހޭދަކުރި ފަސް އަހަރަށް ފަހު 2016 ވަނަ އަހަރުގެ ޕޮގްބާ ޔުނައިޓެޑަށް ބަދަލުވީ އޭރުގެ ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 89 މިލިއަން ޕައުންޑަށެވެ.