ރައްޔިތުން ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަބަރު ފަތުރާ މީޑިއާތަކަށް ހަރުކަށި ފިޔަވަޅު އަޅަން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ގޮވާލައްވައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މީގެ އިރުކޮޅެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، ރާއްޖެ ޓީވީ އާއި ވީޓީވީން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުން ކަމަށާއި އެގޮތަށް ހަބަރު ފަތުރާ ވަސީލަތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅަން ޖެހޭ ކަމަށެވެ. ފަހަކަށް އައިސް އެކި ފަރާތްތަކަށާއި މީހުންނަށް ފިޔަވަޅު އަޅަން އަބްދުއް ރަހީމް ގޮވާލައްވަ އެވެ.
"ރާއްޖެ ޓީވީންނާއި ވީޓީވީން ކުރާ ހުރިހާ ވެސް މަސައްކަތަކީ މި ރާއްޖޭގައި ފިތުނަ ފަސާދަ އުފައްދުން، ރައްޔިތުންނަށް ވާނުވާ ނޭނގި، ރައްޔިތުން ބިރުވެރި ކަމެއްގެ ތެރެއަށް ގެންދަން ކުރާ މަސައްކަތް. ދޭތެރެ ޖައްސަން ކުރާ މަސައްކަތް. ރާއްޖޭގެ ރައްޔިތުންނަށް ނުރައްކާތެރި ކަމެއް އޮތް ކަން ދޭހަކޮށްދިނުމުގެ ގޮތުން ކުރާ މަސައްކަތް، ރައްޔިތުން ބިރުވެރި ކަމެއްގެ ތެރޭގައި ތިބެން ޖެހޭ ގޮތަށް ހަބަރު ފަތުރާ ވަސީލަތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަން، އެއީ މީޑިއާގެ މިނިވަންކަމަށް އަރައިގަތުމެއް ނޫން،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ، ރައްޔިތުން ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަބަރު ފަތުރާ މީޑިއާތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަކީ މީޑިއާގެ މިނިވަން ކަން ނަގާލުން ނޫން ކަމަށެވެ.
އަދުރޭ މިގޮތަށް ވިދާޅުވެފައިވާއިރު، މިއަދު އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ކުރަމުންދާ މުޒާހަރާތައް ކަވަރު ކުރަމުންދާ ނޫސްވެރިންނަށް ދަނީ ދަތިތައް ކުރިމަތިވެ އެކިވަރުގެ އަނިޔާތައް ވެސް ލިބެމުންނެވެ.
އަދި މި ވާހަކަ އާއިރު ސަރުކާރުން ވަނީ ނޫސްތަކުގެ އެޑިޓަރުންގެ ޝަރުތު ބަދަލުކޮށް އެ ޝަރުތަކަށް ފެތޭ އެޑިޓަރުން ލުމަށް މަސް ދުވަސް ދީފައެވެ. ކުރިން އެޑިޓަރުންގެ ޝަތުރުގެ ގޮތުގައި އޮންނަނީ ދާއިރާގެ ޑިގްރީއެއް އޮތުން ނުވަތަ ފަސް އަހަރު ދުވަހު މެދު ނުކެނޑި ދާއިރާގައި ހިދުމަތް ކޮށްފައި ވުމެވެ. ނަމަވެސް މިހާރު ބަދަލު ކޮށްފައިވާ ގޮތުން ޑިގްރީއެއް އޮތުމާއެކު ފަސް އަހަރު މެދު ނުކެޑި ހިދުމަތް ކޮށްފައިވާ މީހަކަށް ވެސް ވާން ޖެހެ އެވެ.